ކުޅިވަރު
ކޮރެޔާ ބަލިކޮށް ދެކުނު އެފްރިކާ ވޯލްޑް ކަޕްގެ ދެ ވަނަ ބުރަށް
ދެކުނު ކޮރެޔާއާއި ދެކުނު އެފްރިކާގެ މެޗުގެ ތެރެއިން. ފޮޓޯ: އިންޓަނެޓް
ދެކުނު ކޮރެޔާ ބަލިކޮށް ވޯލްޑް ކަޕުގެ ދެ ވަނަ ބުރުން ދެކުނު އެފްރިކާ ޖާގަ ހޯދައިފިއެވެ. މިއީ ދެކުނު އެފްރިކާގެ ތާރީޚުގައި ވެސް ވޯލްޑް ކަޕުގެ ދެވަނަ ބުރަށް އެ ޤައުމު ދަތުރުކުރި ފުރަތަމަ ފަހަރަށް ވީއިރު، މި މެޗު އެ ޤައުމުން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.
މެކްސިކޯގެ ބީބީވީއޭ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ދެކުނު ކޮރެއާއިންނެވެ. ނަމަވެސް، ލަނޑު ޖެހުމަށް ނުރައްކާތެރި ހަމަލާއެއް އުފެއްދުމަށް އެޓީމުން ކުރި މަސައްކަތް ފެނިގެންދިޔައީ ވަރަށް ނާކާމިޔާބުކޮށެވެ.
މެޗުގެ ފުރަތަމަ ހާފް ނިމިގެންދިޔަ އިރު އެއްވެސް ޓީމަކަށް ލަނޑެއްޖެހޭ ގޮތްވަނީނުވެފައެވެ. ދެކުނު އެފްރިކާއިން ބޮޑަށް ސަމާލުކަން ދީފައިވަނީ ފަހަތަށް ޖެހި، ދިފާއުކޮށްގެން ކުޅުމަށް ކަމަށްވީ ނަމަވެސް، އެ ޓީމުން ވަނީ ލަނޑުޖެހުމަށް މަސައްކަތްކޮށް، ފުރިސަތުތައް އުފައްދާފައެވެ. ކޮރެޔާއިން ވެސް ދެކުނު އެފްރިކާއަށް ޕްރެޝަރުކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ކޮރެޔާގެ ކެޕްޓަން ސަން ހިޔުންގްމިން މެޗާއި ގުޅުނީ މެޗުގެ ދެވަނަ ހާފުގައެވެ. ފުރަތަމަ ހާފުގައި ސަން ކުޅެން ނޭރުވުމުގެ ސަބަބުން ގިނަ މީހުން ވަނީ ހައިރާންކަން ފާޅުކޮށްފައެވެ.
މެޗުގެ 65 ވަނަ މިނެޓުގައި ދެކުނު އެފްރިކާގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ތަޕޭލޯ މަސޭކޯއެވެ. އެއީ އޭރިއާ ތެރެއިން އޭނާއަށް ލިބުނު ބޯޅަ އަކުން ފޮނުވާލި ހަމަލާ ގޯލާ އަމާޒުކޮށް ފޮނުވާލައިގެން އޭނާ ޖެހި ލަނޑެކެވެ. މި ލަނޑަށްފަހު އެ ޓީމުން ކުޅެފައިވަނީ ވަރަށް ޑިފެންސިވް މެޗެކެވެ. އަދި ކޮރެޔާއިން ލަނޑެއްޖެހިޔަ ނުދީ ދެކުނު އެފްރިކާ ހިފަހައްޓާލިއެވެ.
މި މޮޅާއެކު ދެކުނު އެފްރިކާ ވޯލްޑް ކަޕުގެ ނޮކްއައުޓް ބުރަށް ގޮސްފައިވަނީ ގްރޫޕް 'އޭ'ގެ ދެވަނައިގައި އޮވެގެންނެވެ. މި ގްރޫޕުގެ އެއްވަނައިގައި މެކްސިކޯ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 9 ޕޮއިންޓާއެކުއެވެ. ދެކުނު ކޮރެޔާއިން ދެ ވަނަ ބުރަށް ދާން ބޭނުންނަމަ ކުރިއަށް އޮތް މެޗު ކާމިޔާބުރުން ވަނީ މަޖުބޫރުވެފައެވެ.