ކުޅިވަރު

ހައިޓީން ތާރީޚީ ލަނޑުތަކެއް ޖަހާފައިވަނިކޮށް، މޮރޮކޯއިން ފަހަތުން އަރައި ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ދަތުރުކޮށްފި

ހައިޓީން ތާރީޚީ ލަނޑުތަކެއް ޖަހާފައިވަނިކޮށް، މޮރޮކޯއިން ފަހަތުން އަރައި ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ދަތުރުކޮށްފި

ހަކީމީގެ ގޯލަށްފަހު އުފާފާޅުކުރަނީ / ފޮޓޯ: ގެޓީ އިމޭޖަސް

25 ޖޫން 2026، 07:46

ހައިޓީން ތާރީޚީ ލަނޑުތަކެއް ޖަހާފައިވަނިކޮށް، މޮރޮކޯއިން ފަހަތުން އަރައި ކާމިޔާބުކުރި ގޯލުތަކާއެކު ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ. 

ވޯލްޑް ކަޕްގައި 52 އަހަރަށްފަހު ހައިޓީން ފުރަތަމަ ފަހަރަށް ލަނޑު ޖެހި މި މެޗުގައި، މޮރޮކޯގެ ގޯލްކީޕަރު ޔާސީން ބޯނޫ އަތުން ބައިކޮޅަށް ވަތް ލަނޑަކާއި، ވިލްސަން އިސިޑޯގެ ހިތްގައިމު ލަނޑުން ދެ ފަހަރެއްގެ މަތިން އެ ޓީމަށް ލީޑު ލިބުނެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އަޝްރަފް ހަކީމީ އާއި އިސްމާއިލް ސައިބާރީ ވަނީ މޮރޮކޯއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މިއީ މި މުބާރާތުގައި ކުޅުނު ތިން މެޗުން ސައިބާރީ ޖެހި ތިންވަނަ ލަނޑެވެ.

މޮރޮކޯއަށް ފުރަތަމަ ފަހަރަށް ލީޑު ހޯދައިދިނުމަށްފަހު، އުމުރުން 30 އަހަރުގެ ސޫފިއާން ރަހީމީއަށް އުފަލުން ރޮވުނެވެ. އޭނާ ފޮނުވާލި ބާރު ހަމަލާ ގޯލުގެ މަތީ ކަނަށް ވަނީ ހައިޓީގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައެވެ. އެއަށްފަހު ޖެސިމް ޔާސީން ވަނީ މޮރޮކޯގެ ހަތަރުވަނަ ލަނޑު ޖަހައި މެޗުގެ ނަތީޖާ ކަށަވަރުކޮށްދީފައެވެ.

އެއްވެސް ޕޮއިންޓެއް ނުލިބި މުބާރާތުން ވަކިވާން ޖެހުނު ނަމަވެސް، 1974 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގައި ވާދަކުރި ހައިޓީގެ ކުޅުމާމެދު އެގައުމުގެ ރައްޔިތުން ފަޚުރުވެރިވާނެއެވެ. ސްކޮޓްލޭންޑާއި ބްރެޒިލް އަތުން ބަލިވުމުން މުބާރާތުން ކަޓާފައިވީ ނަމަވެސް، އެޓްލާންޓާގެ ސްޓޭޑިއަމްގައި ތިބި ހައިޓީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ މެޗުގެ ފަހު ވަގުތާ ހަމައަށްވެސް ވަރަށް ބޮޑަށް ހިތްވަރުދީފައެވެ.

ހައިޓީން ވޯލްޑް ކަޕްގެ ލަނޑެއް ޖެހުމަށް ކުރި ދިގު އިންތިޒާރު ނިމުމަކަށް އައީ މެޗުގެ 10 ވަނަ މިނެޓުގައެވެ. އެއީ ޖީން ކެވިން ޑުވާން ތަނަވަސްކޮށްދިން ފުރުސަތަކުން، ލެނީ ޖޯސެފް ފޮނުވާލި ބޯޅަ ބޯނޫގެ ގައިގައި ޖެހިފައި ގޯލަށް ވަނުމުންނެވެ. އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ އަޝްރަފް ހަކީމީ 39 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްދިން ނަމަވެސް، އޭގެ ހަތަރު މިނެޓު ފަހުން ސަންޑަލޭންޑްގެ ފޯވާޑް އިސިޑޯ ވަނީ އަލުން ހައިޓީއަށް ލީޑު ހޯދައިދީފައެވެ.

ނަމަވެސް މޮރޮކޯއިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އަނެއްކާވެސް ނަތީޖާ ހަމަހަމަކޮށްފައެވެ.

މެޗުގެ ފަހު 20 މިނެޓަށް ވެފައި ވަނިކޮށް، ބަޔާން މިއުނިކާ ގުޅެން ހަމަޖެހިފައިވާ ސައިބާރީ އާއި ރެއާލް މެޑްރިޑްގެ ޑިއާޒް ބަދަލުކުރުމަށްފަހު، ކޯޗު ވަހްބީ ބޭނުންވީ ދެވަނަ ބުރުގެ ޖާގައެއް ޔަގީން ކުރާށެވެ. އަދި، އޭނާ ކުޅެން އެރުވި ބަދަލު ކުޅުންތެރިންގެ ތެރެއިން ދެ ކުޅުންތެރިއަކު ވަނީ މޮރޮކޯ މި މެޗުން މޮޅުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

އެގޮތުން، ކޯނަރަކުން ލިބުނު ފުރުސަތެއްގައި ރަހީމީ ފޮނުވާލި ބާރު ހަމަލާ، ހެއިޓީގެ ޑިފެންޑަރެއްގެ ގައިގައި ޖެހިފައި ގޮސް އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. އޭގެ ފަހުން، ރަހީމީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޔާސީން ވަނީ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450