ކުޅިވަރު
ހުރާ ކޮޅަށް ޓީސީން ފުރަތަމަ 30 މިނެޓުގައި 6 ގޯލު ޖަހައިފި
ޓީސީ އާއި ހުރާ ބައްދަލުކުރި މެޗު / ފޮޓޯ: ޕީއެސްއެމް
ދިވެހި ޕްރިމިއަރ ލީގު ކޮލިފައިން 2026/27ގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ 30 މިނެޓުގެ ތެރޭގައި ޓީސީ ސްޕޯޓްސް ކްލަބުން ހުރާ ކޮމިއުނިޓީ ކްލަބު ކޮޅަށް 6 ގޯލު ޖަހައިފިއެވެ. ނަމަވެސް މެޗު ނިމެން ކުޑަތަންވެފައި ވަނިކޮށް ހުރާއިން ކާމިޔާބުކުރި ދެ ގޯލާއެކީ މެޗު ނިމުނީ 7-2އިންނެވެ.
މިއީ މި ދެ ޓީމު ވެސް ކޮލިފައިން ބުރުގައި ކުޅުނު ފަހު މެޗެވެ. މި މެޗަށް ނިކުތްއިރުވެސް ކޮލިފައި ވުމުގެ ފުރުސަތެއް ހުރާއަކަށް ނެތެވެ.
ޓީސީގެ ފުރަތަމަ ގޯލަކީ 8ވަނަ މިނެޓުގައި އަޙުމަދު ރިޟްވާން ކާމިޔާބުކުރި ޕެނަލްޓީއެކެވެ. އޭގެ ފަހުން ބޯޑޫ ޕްރިންސް ދެ ގޯލު ކާމިޔާބުކުރިއިރު، އައިހަމް ހަމްދޫން އާއި ޙުސެއިން އަހުސަމް މޫސާ ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ. އަދި ހުރާގެ މުޙައްމަދު އަކިން އަތުން ބައިކޮޅަށް ގޯލެއް ވަދެފައިވާއިރު، ޓީސީގެ ފަހު ގޯލު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ކާމިޔާބުކުރީ މުޙައްމަދު ޔޫހަން ފާއިޒްއެވެ.
ހުރާގެ ދެ ގޯލުވެސް ކާމިޔާބުކޮށްފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ. އެ ޓީމުގެ ފުރަތަމަ ގޯލު، ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްފައިވަނީ ފްރާންސިސް އެވެ. މީގެ ކުރިންވެސް ހުރާއަށް ޕެނަލްޓީއެއް ލިބުން ނަމަވެސް ޓީސީގެ ކީޕަރު ވަނީ ސަޢުދު ޢަބްދުލް ޢަޒީޒް ފޮނުވާލި ބޯޅަ މަތަކޮށްފައެވެ.
ޕްރިމިއަރ ލީގު ކޮލިފިކޭޝަނަށް ހުރާކުރި ދަތުރުގައި، އަތޮޅު ޗެމްޕިއަންޝިޕްގެ ފައިނަލްގައި އެ ޓީމު ވަނީ ހިންމަފުށި އަތުން ޕެނަލްޓީ ޖަހައިގެން ބަލިވެފައެވެ. ނަމަވެސް ރީޖަނަލް ލީގަށް ކޮލިފައިވީ، ސެންޓްރަލް ރީޖަނަލް ލީގު ކޮލިފަޔާޒް ބުރުގެ ފައިނަލްގައި މަހިބަދޫ 3-0އިން ބަލިކޮށްގެންނެވެ.
އަދި މައްސަލަ ބޮޑުވި ފައިނަލަށްފަހު، ރީޖަނަލް ލީގުގެ ޗެމްޕިއަނުންނަކީ ހުރާކަމުގައި އެފްއޭއެމްއިން ވަނީ ކަނޑައަޅާފައެވެ. އެ މެޗުގައި މައްސަލަ ގޯސްވީ، ސަސްޕެންސަންގެ ސަބަބުން ނުކުޅެވޭނެ ކުޅުންތެރިންތަކެއް ކުޅެފައިވުމުންނެވެ.
ކޮލިފިކޭޝަންގައި ބާކީ އޮތީ މިރޭ 2100 ގައި ކްލަބް ގްރީން ސްޓްރީޓްސް އާއި ގދ.ގައްދޫ ބައްދަލުކުރާ މެޗުގެ އިތުރުން މާދަމާ ރޭ 2100 ގައި ހއ.ދިއްދޫ އާއި ބިސްބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗެވެ.