ޚަބަރު
ޕީސީބީގެ ރައީސްގެ މަޤާމަށް އައްޔަނުކުރައްވާފައިވާ ނިޒާރަށް މަޖިލީހުން ރުހުންދީފި
ޕީސީބީގެ ރައީސް މުޙައްމަދު ނިޒާރް.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސަކަށް ޢައްޔަންކުރައްވާފައިވާ މުޙައްމަދު ނިޒާރަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.
ނިޒާރަށް ރުހުން ދިނުމަށް ފާސްކުރީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 49 މެންބަރުންގެ ވޯޓުންނެވެ.
މި މަޤާމަށް ނިޒާރު ޢައްޔަންކުރައްވާފައިވަނީ ކުރިން އެ މަޤާމުގައި ހުންނެވި މުޙައްމަދު އަނަސް އިސްތިޢުފާ ދެއްވުމާ ގުޅިގެން މިދިޔަ އޭޕްރިލް މަހުގެ 30 ވަނަ ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި މި މައްސަލަ ދިރާސާކުރި ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް (އެސްއޯއީ) ކޮމިޓީންވެސް ވަނީ ނިޒާރަށް ރުހުން ދިނުމަށް ފެންނަ ކަމަށް ނިންމާފައެވެ.
މުޙައްމަދު ނިޒާރަކީ ބައިނަލްއަޤުވާމީ ވިޔަފާރި، ކޯޕަރޭޓް މެނޭޖްމަންޓް އަދި ދައުލަތުގެ އިދާރާތައް ހިންގުމުގެ ދާއިރާއިން 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. މީގެ ކުރިން 2014 އިން 2019 އަށްވެސް އޭނާ ވަނީ ޕީސީބީގެ ރައީސްކަމުގެ މަޤާމު ފުރުއްވާފައެވެ. އެ މުއްދަތުގައި ދައުލަތުގެ ކުންފުނިތައް ހިންގުމުގެ ނިޒާމުތައް ހަރުދަނާކުރުމުގައި އޭނާ މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ.
ނިޒާރު ވަނީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައި، އެ ކުންފުނީގެ އިސް އެގްޒެކެޓިވް މަޤާމުތައް ފުރުއްވާފައެވެ. މީގެ އިތުރުން މޯލްޑިވްސް ގޭސް އަދި މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް ފަދަ ކުންފުނިތަކުގެ ބޯޑު މެންބަރުކަންވެސް އޭނާ ވަނީ ކުރައްވާފައެވެ.
ތަޢުލީމީ ގޮތުން ބަލާއިރު، ނިޒާރަކީ ޔުނިވަރސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (MBA) ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި ކޯޕަރޭޓް ގަވަރނަންސްއާ ގުޅޭ ބައިނަލްއަޤުވާމީ ގިނަ ތަމްރީނުތަކެއްވެސް އޭނާ ވަނީ ފުރިހަމަކުރައްވާފައެވެ.