ޚަބަރު
އިޤްތިޞާދީ ސިޔާސަތުގެ ދަށުން ހިންގާނެ މުހިންމު މަޝްރޫޢުތައް ކަނޑައެޅުމުގެ ޤަރާރު ރައީސް އެކަށައަޅުއްވައިފި
ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް
ދައުލަތުގެ ޢާންމު މަންފާއަށްޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫޢުތައް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ.
މިކަމާ ގުޅޭ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު (ނަންބަރު 2024/11) މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.
މި ޤަރާރަކީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގެ (މ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ނެރުއްވާފައިވާ ޤަރާރެކެވެ. އެ ޤާނޫނުގައިވާ ގޮތުން، ދައުލަތުގެ އާންމު މަންފާއަށްޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ނުވަތަ އިޖުތިމާޢީ ސިޔާސަތެއްގެ ދަށުން ހިންގާ މަޝްރޫޢުތަކާއި، އެ މަޝްރޫޢުތަކަށް އިންވެސްޓް ކުރަންޖެހޭ އެންމެ މަދު އަދަދު ކޮންމެ އަހަރަކު ގެޒެޓުގައި ޝާއިޢުކުރަން ޖެހެއެވެ.
މިއަދު ޝާއިޢުކުރި ޤަރާރުގެ ޖަދުވަލުގައި، ސަރުކާރުން ކަނޑައަޅުއްވާފައިވާ މުހިންމު މަޝްރޫޢުތަކުގެ ތަފްސީލާއި، އެ މަޝްރޫޢެއް ހަވާލުކުރެވޭ ފަރާތުން އެންމެ މަދުވެގެން ކުރަންޖެހޭ އިންވެސްޓްމަންޓުގެ އަދަދުތައް ވަނީ ހިމަނުއްވާފައެވެ.
މި ނިންމެވުމަކީ ދައުލަތުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން ނިންމެވި ނިންމެވުމެއްކަން ފާހަގަކުރެވެއެވެ.