ޚަބަރު
މަހިބަދޫގައި އަންހެނުންގެ ލީޑަރޝިޕް ޕްރޮގްރާމެއް ފަށައިފި
މަހިބަދޫގައި އަންހެނުންގެ ލީޑަރޝިޕް ޕްރޮގްރާމް. ފޮޓޯ: ވުޒާރާ
އަންހެނުންނަކީ ލީޑަރޝިޕް އަދި ސިޔާސީ ދާއިރާތަކުގައި ހަރަކާތްތެރިވާ ބަޔަކަށް ހެދުމަށާއި، ޤައުމީ ތަރައްޤީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ބޭނުންވާ ހުނަރާއި އިތުބާރު ޤާއިމުކޮށްދިނުމުގެ މަޤުޞަދުގައި ހިންގާ "އަންހެނުންގެ ލީޑަރޝިޕް ތަމްރީނު ޕްރޮގްރާމް" އދ. މަހިބަދޫގައި ފަށައިފިއެވެ.
މިމަހުގެ 21 އިން 23 އަށް ކުރިއަށްދާ މި ޕްރޮގްރާމަކީ ސިއްޙަތާއި، ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
މި ޕްރޮގްރާމަކީ ރާއްޖޭގެ އިސް މަޤާމުތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމެކެވެ. މަހިބަދޫގައި ފެށި މި ޕްރޮގްރާމަކީ މި ސިލްސިލާގެ ދަށުން ހިންގޭ ހަތަރުވަނަ ޕްރޮގްރާމްކަން ފާހަގަކޮށްލެވެއެވެ. މީގެ ކުރިން ހއ. ދިއްދޫ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި ވެސް މި ތަމްރީނުތައް ވަނީ ބާއްވާފައެވެ.
Women's leadership training "Taking the Lead - Women in Politics" is being conducted in ADh. Mahibadhoo from 21 - 23 June 2026.
— Social and Family Development (@SFdevelopmentMV) June 21, 2026
This 3 day program is designed to strengthen women's knowledge, skills, and confidence to participate in leadership and political decision-making.… pic.twitter.com/SQhH4DctVX
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ތަމްރީނުތަކުގައި ލީޑަރޝިޕްގެ އަސާސްތަކާއި، ގަވަރނަންސް، ލާމަރުކަޒީ ނިޒާމު، ޖެންޑަރ އިކުއަލިޓީ އަދި ސިޔާސީ ލީޑަރޝިޕާ ގުޅޭ މުހިންމު ސެޝަންތަކެއް ކުރިއަށްދާނެއެވެ. މީގެ އިތުރުން ނެގޯޝިއޭޝަން ހުނަރުތަކާއި، އިސްލާމީ ތާރީޚުގައި ފާހަގަކޮށްލެވޭ އަންހެން ލީޑަރުންގެ ޚިދުމަތްތަކާ ގުޅޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދެވޭނެ ކަމަށް އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އެ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ އަންހެނުންނަށް ނިންމުންތައް ނިންމާ ފެންވަރުގައާއި، ޤައުމީ ކުރިއެރުމުގައި މާނަހުރި ދައުރެއް އަދާކުރުމަށް ހިތްވަރު ދިނުމަށެވެ. މިއީ ޤައުމަށް ބޭނުންތެރި އަންހެން ލީޑަރުންގެ އާ ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.