ކުޅިވަރު
ގައްދޫ ވެސް ދިވެހި ލީގަށް ކޮލިފައިވެއްޖެ
ގައްދޫ އާއި ޓީސީ ބައްދަލުކުރި މެޗު / ފޮޓޯ: އެފްއޭއެމް
ދިވެހި ޕްރިމިއާ ލީގު ކޮލިފައިންގެ ހަތަރުވަނަ ބުރުގައި ޓީސީ ސްޕޯޓްސް ކްލަބް 1-0 ބަލިކޮށް، ގައްދޫ ރެކްރިއޭޝަން ކްލަބުން 2026/27 ގެ ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ހޯދައިފިއެވެ.
ގައްދޫ އިން ލީގުގެ ޖާގައެއް ކަށަވަރުކުރުމާއެކު، ކޮލިފައިން މަރުހަލާއިން ފަސްޓް ޑިވިޝަނަށް ޕްރޮމޯޓްވި ހަތަރު ޓީމު މިހާރު ވަނީ ކަށަވަރުވެފައެވެ. ގައްދޫގެ އިތުރުން ދެން ލީގުން ފުރުސަތު ހޯދާފައިވަނީ ދިއްދޫ ސްޕޯޓްސް، ބިސްބުރު ސްޕޯޓްސް އަދި ޓީސީ ސްޕޯޓްސް ކްލަބެވެ.
މި ނަތީޖާއާއެކު، އަލުން ދިވެހި ޕްރިމިއާ ލީގަށް އެނބުރި އައުމަށް ކްލަބް ގްރީން ސްޓްރީޓްސް ކުރަމުންދިޔަ އުންމީދުތައް ވަނީ ފެނަށް ގޮސްފައެވެ. 2017 ވަނަ އަހަރުން ފެށިގެން ފަސްޓް ޑިވިޝަނުގައި ވާދަކުރަމުން އައި ގްރީން ސްޓްރީޓްސްއަށް އަންނަ ސީޒަނުގައި ދިވެހި ލީގުން ފުރުސަތެއް ނުލިބޭނެއެވެ. މީގެ އިތުރުން، ހުރާ ކޮމިއުނިޓީ ކްލަބަށް ވެސް ލީގަށް ޕްރޮމޯޓްވުމުގެ ފުރުސަތު މިހާރު ވަނީ ބަންދުވެފައެވެ.
ކޮލިފައިންގައި މިހާތަނަށް ކޮންމެ ޓީމެއް ވެސް ހަތަރު މެޗު ކުޅެފައިވާއިރު، ތާވަލުގެ އެއްވަނައިގައި 10 ޕޮއިންޓާއެކު އޮތީ ބިސްބުރު ސްޕޯޓްސްއެވެ. ދެވަނައިގައި ހަތް ޕޮއިންޓާއެކު ޓީސީ އޮތްއިރު، ތިންވަނައިގައި އޮތް ދިއްދޫ ސްޕޯޓްސް އަށް ވެސް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ދިއްދޫ ތިންވަނައަށް ދިޔައީ ގޯލުގެ ތަފާތުންނެވެ. ތާވަލުގެ ހަތަރުވަނައިގައި ހަ ޕޮއިންޓާއެކު އޮތް ގައްދޫ ރެކްރިއޭޝަން ކްލަބަކީ ލީގަށް ޕްރޮމޯޓްވި ފަހު ޓީމެވެ.
ޕްރޮމޯޓްވާ ހަތަރު ޓީމު ކަށަވަރުވެފައިވާތީ، ގްރީން ސްޓްރީޓްސް އާއި ހުރާއަށް ދެން އޮތް މެޗުތަކުން މޮޅުވި ނަމަވެސް ޕްރިމިއާ ލީގުގެ ޖާގައެއް ލިބޭނެ ގޮތެއް ނެތެވެ.
އެހެންކަމުން، 2026/27 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުން އަލަށް ފެންނާނެ ޓީމުތަކަކީ ބިސްބުރު، ޓީސީ، ދިއްދޫ އަދި ގައްދޫއެވެ.