ޚަބަރު
ހިލޭ އެހީގެ ގޮތުގައި ދައުލަތަށް މި އަހަރު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށް އާމްދަނީ ލިބިއްޖެ: މާލީ ވުޒާރާ
މާލީ ވުޒާރާ
ހިލޭ އެހީގެ ގޮތުގައި ދައުލަތަށް މި އަހަރު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށް އާމްދަނީ ލިބިފައިވާކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ މަންތްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، މި އަހަރުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި މިންވަރަށް ވުރެ މިހާރު ލިބިފައިވާ އަދަދު ވަނީ އިތުރުވެފައެވެ.
މާލީ ވުޒާރާއިން މިއަހަރަށް ހުށަހެޅި ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވަނީ 373.6 މިލިޔަން ރުފިޔާއެވެ. ނަމަވެސް، މި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ހިލޭ އެހީގެ ގޮތުގައި 393.6 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް ރިޕޯޓުން ދައްކައެވެ. މިއީ އަންދާޒާކުރި މިންވަރަށް ވުރެ 5.3 އިންސައްތަ އިތުރު އަދަދެކެވެ. ފާއިތުވި އަހަރުގެ މި މުއްދަތުގައި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 128.7 މިލިޔަން ރުފިޔާއެވެ.
ވީކްލީ ފިސްކަލް ރިޕޯޓުން ދައްކާގޮތުގައި، މި އަހަރުގެ މިހާތަނަށް ޖުމްލަ އާމްދަނީގެ ގޮތުގައި ދައުލަތަށް 19 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 17.3 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 10 އިންސައްތައިގެ ކުރިއެރުމެކެވެ. މުޅި އަހަރު ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ ޖުމްލަ 40.3 ބިލިޔަން ރުފިޔާއެވެ.
ދައުލަތަށް ލިބޭ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބޭ ފައިސާއެވެ. އެގޮތުން ޖުމްލަ އާމްދަނީގެ 78 އިންސައްތައަކީ ޓެކްސް އާމްދަނީއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކްސްގެ ގޮތުގައި 13.2 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއަހަރުގެ ޖޫން 4 ގެ ނިޔަލަށް އެ އަދަދު ވަނީ 14.8 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މިއީ 12.4 އިންސައްތައިގެ ކުރިއެރުމެކެވެ.
މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޓީ.ޖީ.އެސް.ޓީގެ ގޮތުގައި 5 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއަހަރު އެ އަދަދު ވަނީ 6 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މިއީ 7.6 އިންސައްތައިގެ ކުރިއެރުމެކެވެ.
މީގެއިތުރުން، އާންމު މުދަލާއި ޚިދުމަތުގެ ޓެކްސް (ޖީ.އެސް.ޓީ) ގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ 2.2 ބިލިޔަން ރުފިޔާއިން 2.5 ބިލިޔަން ރުފިޔާއަށް އިތުރުވެފައެވެ. މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި ދައުލަތުގެ އާމްދަނީގެ ހާލަތު މިދިޔަ އަހަރާ އަޅާބަލާއިރު ވަނީ ބޮޑުތަނުން ރަނގަޅުވެފައެވެ.