Ads by Farudhun

ޚަބަރު

ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތް ފަށައިގެން ކުރިއަށް ދަނީ

ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތް ފަށައިގެން ކުރިއަށް ދަނީ

ކަނޑުތަކުގެ ދުވަހާއި ގުޅިގެން ކުރިއަށްގެންދާ ފަރުމަސްވެރިކަމުގެ މުބާރާތުގެ ތެރެއިން. ފޮޓޯ: މަސްވެރިކަމާ ބެހޭ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 ޖޫން 2026، 07:00

19 ޖޫން 2026، 07:00

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްވެރިކަމާއި ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި ރަށު ކައުންސިލްތަކުން އިންތިޒާމު ކޮށްގެން ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތް މިއަދު ފަށައިފިއެވެ.

މި މުބާރާތް ފެށުމަށް މިއަދު މެންދުރުފަހު ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، ކުރު މުއްދަތެއްގެ ތެރޭގައި މި މުބާރާތުގައި ގިނަ އަދަދަކަށް ޓީމުތައް ބައިވެރިވެފައިވަނީ ހަމައެކަނި އިނާމުތަކުގެ ސަބަބުން ނޫން ކަމަށާއި، މިއީ މިފަދަ ހަރަކާތްތަކަށް ރައްޔިތުންގެ ހުރި ޝައުޤުވެރިކަން ހާމަވާ ކަމެއް ކަމަށެވެ. އަދި މި ހަރަކާތް އިންތިޒާމު ކުރުމުގައި ރަށްރަށުގެ ކައުންސިލުތަކުން އަދާކުރި މުހިންމު ދައުރު ވަޒީރު ފާހަގަކުރެއްވިއެވެ. "މި މަސްރޭހަށް ހުޅުވާލުމުން ހުރިހާ އަތޮޅަކުންވެސް ބައިވެރިވި، އަތޮޅުތެރެއިން ވެސް ގާތްގަނޑަކަށް 100 އެއްހާ ޓީމު އެބަ ބައިވެރިވޭ،" ވަޒީރު ވިދާޅުވިއެވެ.

މި މުބާރާތުގައި މާލެ ސިޓީން 18 ޓީމަކުން 190 ފަރާތެއް ބައިވެރިވާއިރު، ރާއްޖޭގެ 64 ރަށަކުން ޖުމްލަ 91 ޓީމު ވަނީ ބައިވެރިވެފައެވެ. މި މުބާރާތް ކުރިއަށްދަނީ ބެންކް އޮފް މޯލްޑިވްސް، އެޗްޑީސީ، މިފްކޯ، ސަން އިންޓަނޭޝަނަލްސް، ހޮރައިޒަން ފިޝަރީޒް، ލިލީ އިންޓަނޭޝަނަލްސް، އޯޝަން ވޯރިއާސް، އެމްޕީއެލް އަދި ދިރާގުގެ އެހީތެރިކަމާއެކުގައެވެ. ޚާއްސަކޮށް އެޗްޑީސީގެ ފަރާތުން ލިބޭ އެހީތެރިކަން ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

މުޅި މުބާރާތުން އެއްވަނައަށްދާ ޓީމަކަށް 30,000 ރުފިޔާ، ދެވަނައަށް 25,000 ރުފިޔާ އަދި ތިންވަނައަށް 20,000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން މާލެ ސަރަހައްދުގެ ވަނަތަކަށް އެޗްޑީސީން ވަނީ ޚާއްސަ އިނާމުތަކެއް ކަނޑައަޅާފައެވެ. އެގޮތުން މާލެ ސަރަހައްދުން އެއްވަނައަށް 15,000 ރުފިޔާ، ދެވަނައަށް 10,000 ރުފިޔާ އަދި ތިންވަނައަށް 5,000 ރުފިޔާ ލިބޭނެއެވެ. އެންމެ ބަރު މަސް ބާނާ ފަރާތަކަށްވެސް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގައި ޕޮއިންޓް ދިނުމުގައި ބަލާނީ ބާނާ މަހުގެ ބަރުދަނަށާއި އެ މަހެއް ހިމެނޭ ކެޓަގަރީއަށެވެ. ކެޓަގަރީ 1 ގައި ހިމެނޭ ރަތްމަހާއި ފިލޮޅު ފަދަ މަސްތަކުގެ ކޮންމެ ކިލޯއަކަށް 20 ޕޮއިންޓް ލިބޭއިރު، ކެޓަގަރީ 2 ގެ މަސްތަކަށް 10 ޕޮއިންޓް އަދި ކެޓަގަރީ 3 ގެ މަސްތަކަށް 5 ޕޮއިންޓް ލިބޭނެއެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މުބާރާތުގެ އިތުރުންވެސް ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް އެޗްޑީސީއާ ގުޅިގެން މުޅި ރާއްޖޭގައި ކުލަގަދަ ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450