Ads by Farudhun

ޚަބަރު

ތިނަދޫ ހޮސްޕިޓަލްގައި ކާމިޔާބު ކަމާއެކު ރަހިމުގެ އޮޕަރޭޝަނެއް ކޮށްފި

ތިނަދޫ ހޮސްޕިޓަލްގައި ކާމިޔާބު ކަމާއެކު ރަހިމުގެ އޮޕަރޭޝަނެއް ކޮށްފި

ތިނަދޫ ހޮސްޕިޓަލްގައި ފުރަތަމަ ފަހަރަށް ކުރެވުނު ރަހިމުގެ އޮޕަރޭޝަން ކުރުމުގެ ތެރެއިން. ފޮޓޯ: ތިނަދޫ ހޮސްޕިޓަލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 ޖޫން 2026، 10:16

14 ޖޫން 2026، 10:16

ގދ. ތިނަދޫ ސިޓީގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް އަންހެނުންގެ ރަހިމަށް ޖެހޭ ބަލިތަކުގެ ހާއްސަ ސާޖަރީއެއް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިއީ އެ ހޮސްޕިޓަލުގެ ސިއްޙީ ޚިދުމަތުގެ ތާރީޚުގައި ހޯދި ފާހަގަކޮށްލެވޭ މުހިންމު ކުރިއެރުމެކެވެ.

މި އޮޕަރޭޝަނާ ގުޅޭގޮތުން ހޮސްޕިޓަލުން މައުލޫމާތު ދެއްވި ގޮތުގައި، މި ސާޖަރީގައި ކުރިއަށް ގެންގޮސްފައިވަނީ ބަލިމީހާގެ ވާތްފަރާތުގެ އޯވަރީގައި އުފެދިފައިވާ ސިސްޓެއް ނެގުމާއި، ފެލޯޕިއަން ޓިއުބުގެ ފައިބްރޯމާ ނެގުމުގެ މަސައްކަތެވެ. މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ފަންނީ މަތީ ހުނަރުތަކާއެކުގައެވެ.

މި އޮޕަރޭޝަނުގައި އެކި ދާއިރާތަކުން ހާއްސަވެފައިވާ 10 ޑޮކްޓަރުންގެ ޓީމަކުން އަމަލީގޮތުން ބައިވެރިވެފައިވެއެވެ. މި ޓީމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަތީ ޑރ. އުބައިދު އަބްދުﷲ އެވެ. އޭނާގެ އިތުރުން ޑރ. އާމިނަތު ނުޞްރާ، ޑރ. ޖުމައިލަތު ބޭގަމް، ޑރ. އައްސަދު މުޙައްމަދު، ޑރ. މުޙައްމަދު އަމީން ޙާމިދު، ޑރ. މުޙައްމަދު ޙަމްޒާ، އަދި ޑރ. މަޙްމޫދު ސައްޔިދު އަޙްމަދު މުޙައްމަދު ސައުދު މި އޮޕަރޭޝަނުގައި ބައިވެރިވެވަޑައިގަތެވެ.

ޑޮކްޓަރުންގެ ޓީމުގެ އިތުރުން އޮޕަރޭޝަން ތިއޭޓަރުގެ އެހެނިހެން ފަންނީ މުވައްޒަފުންވެސް ވަނީ މި މަސައްކަތުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ހޮސްޕިޓަލުގެ މެނޭޖްމަންޓުން ވަނީ ތިއޭޓަރުގެ މުޅި ޓީމުން ދެއްކެވި ފަރުވާތެރިކަމާއި ކުރެއްވި މިންނެތް މަސައްކަތަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.

މިފަދަ އޮޕަރޭޝަންތައް ރާއްޖޭގެ ސަރަހައްދީ ހޮސްޕިޓަލްތަކުގައި ކުރެވެން ފެށުމަކީ އަތޮޅުތެރޭގެ ރައްޔިތުންނަށް ސިއްޙީ ޚިދުމަތް ހޯދުމުގައި ލިބިގެންދާނެ ބޮޑު ލުޔެކެވެ. ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން އަންނަނީ އެ ހޮސްޕިޓަލުންދޭ ޚިދުމަތްތައް ފުޅާކޮށް، ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450