Ads by Farudhun

ޚަބަރު

ތިލަފުށީގައި އެމްޕީއެލްގެ ޓްރަޔަލް ބާރތިންގ އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލައިފި

ތިލަފުށީގައި އެމްޕީއެލްގެ ޓްރަޔަލް ބާރތިންގ އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލައިފި

ތިލަފުށީގައި އެމްޕީއެލްގެ ޓްރަޔަލް ބާރތިންގ އޮޕަރޭޝަންގެ ތެރެއިން. ފޮޓޯ: އެމްޕީއެލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ޖޫން 2026، 12:51

03 ޖޫން 2026، 12:51

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ތިލަފުށީގައި ކުރިއަށްގެންދިޔަ ޓްރަޔަލް ބާރތިންގ އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

 މި އޮޕަރޭޝަނަކީ އެމްޕީއެލްގެ ޓީމުތަކުން ގުޅިގެން ކުރި މަސައްކަތުން ކާމިޔާބުކުރެވުނު މުހިންމު މަސައްކަތެކެވެ.

މި އޮޕަރޭޝަނުގެ ތެރެއިން 20 ގަޑިއިރުގެ މަސައްކަތުން ޖުމްލަ 394 ޓީއީޔޫ (TEUs) ވަނީ "އެމްއެސްއެސް ގަލީނާ" ކާގޯ އުޅަނދަށް ބަރުކޮށްފައެވެ. އެމްޕީއެލުން ވަނީ މި މަސައްކަތުގައި ރޭދުވާ ނުބަލައި ބުރަ މަސައްކަތް ކުރި އެ ކުންފުނީގެ ޓީމުތަކަށް ޝުކުރު އަދާކޮށްފައެވެ.

މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން އެމްޕީއެލުން ދަނީ ތިލަފުށީގައި ހުންނަ ހުސް ކޮންޓޭނަރު ބަހައްޓާ ޑެޕޯ ބޮޑުކުރުމުގެ މަސައްކަތް ކުރަމުންނެވެ. 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ހިންގަމުން އަންނަ މި ފެސިލިޓީގައި މިހާރު 1,600 ޓީއީޔޫ ބެހެއްޓޭއިރު، ބިން އެއްވަރުކޮށް އިންފްރާސްޓްރަކްޗަރ ވަރުގަދަކޮށްގެން މި އަދަދު 3,000 އަށް އިތުރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ހުސް ކޮންޓޭނަރު ބަހައްޓާ ޑެޕޯއަކީ ކޮންޓޭނަރު ރައްކާކުރުމާއި، ސާފުކުރުމާއި، މަރާމާތުކުރުމުގެ އިތުރުން ކޮންޓޭނަރުތަކުގެ މަސައްކަތްތައް ތަރުތީބުކުރުމަށް ބޭނުންކުރާ މުހިންމު ލޮޖިސްޓިކްސް ހަބެކެވެ. މި ތަން ބޮޑުކުރުމުން ޝިޕިންގ ލައިންތަކުގެ މަސައްކަތްތަކަށް ލުއިވެ، ބަނދަރުތަކުގެ ތޮއްޖެހުން ކުޑަވެގެންދާނެއެވެ.

މި މަސައްކަތަކީ ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ކުރެވޭ މަސައްކަތުގެ ވަގުތީ ފިޔަވަޅެކެވެ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަޅުގެ ގޮތުން ޑިޒައިން އަދި ސާވޭގެ މަސައްކަތް 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޗައިނާ ހާބަރ އިންޖިނިއަރިންގ ކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ. އެމްޕީއެލުން ބުނި ގޮތުގައި، ރާއްޖޭގެ އެތެރޭގެ އަދި ބައިނަލްއަޤްވާމީ ކުއޭ ވޯލްތަކުގެ ސާވޭތައް މިހާރު ވަނީ ތާވަލަށްވުރެ އަވަހަށް ނިންމާލާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450