ކުޅިވަރު
ޗެމްޕިއަންސް ލީގު: އާސެނަލް ބަލިކޮށް ޕީއެސްޖީއިން ތަށި ދިފާއުކޮށްފި
ޕީއެސްޖީގެ ކުޅުންތެރިން ފައިނަލަށްފަހު އުފާފާޅުކުރަނީ / ފޮޓޯ: ގެޓީ
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އާސެނަލް ބަލިކުރުމަށްފަހު ޕެރިސް ސެއިންޓް-ޖަމެއިން (ޕީއެސްޖީ)އިން ތަށި ދިފާއުކޮށްފިއެވެ.
ހަންގޭރީގެ ބުޑަޕެސްޓުގައި ކުޅުނު ފައިނަލް ޕީއެސްޖީއިން ކާމިޔާބުކުރީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1އިން އެއްވަރުވެފައި އޮތުމުން ޕެނަލްޓީ ޖަހައިގެންނެވެ.
މި މެޗުގައި ފުރަތަމަ ލީޑު ނެގީ އާސެނަލްއެވެ. މެޗުގެ 6ވަނަ މިނެޓުގައި އާސެނަލް ލީޑު ނެގީ ކައި ހަވެޓްސްގެ ރީތި ގޯލަކުންނެވެ.
އެ ގޯލަށްފަހު މުޅި މެޗު ޑޮމިނޭޓުކުރަމުން ދިޔަ ޕީއެސްޖީއަށް ނަތީޖާ ހަމަހަމަކުރެވުނީ، ވިޗާ ވަރަޝެލިއާއަށް އާސެނަލްގެ ޕެނަލްޓީ އޭރިއާ ތެރެއިން ކްރިސްތިއަން މޮސްކެރާ ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުން، އުސްމަން ޑެމެބެލޭއެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި އާސެނަލްގެ ގޯލްކީޕަރު ޑޭވިޑް ރަޔާ ވަނީ ނޫނޯ މެންޑޭޒް ޖެހި ޕެނަލްޓީ ދިފާއުކޮށްފައެވެ. އަދި އާސެނަލްއަށް ކާމިޔާބު ނުކުރެވުނީ އެބެރެޗީ އެޒޭ އާއި ގެބްރިއަލް މަގަލޭސް ޖެހި ޕެނަލްޓީއެވެ. އެ ދެ ކުޅުންތެރިން ފޮނުވާލި ޕެނަލްޓީ ވަނީ ގޯލަށް އަމާޒު ނުކުރެވިފައެވެ.
ޕީއެސްޖީގެ މި ތައްޓަކީ އެ ޓީމުގެ ތާރީޙުގައި ހޯދި ޗެމްޕިއަންސް ލީގުގެ ދެވަނަ ތަށި ވެސް މެއެވެ.
އަނެއްކޮޅުން ޕްރިމިއަރ ލީގުގެ ޗެމްޕިއަން އާސެނަލްގެ ތާރީޙުގައި މިހާތަނަށް ޗެމްޕިއަންސް ލީގުގެ ފައިނަލެއްގައި ދެ ފަހަރެއްގެ މަތިން ކުޅެފައިވާއިރު، ދެ ފަހަރު ވެސް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއެވެ. އާސެނަލްގެ ފުރަތަމަ ފައިނަލްގައި 2004-05 ސީޒަންގެ ފައިނަލްގައި ބައްދަލުކުރީ ބާސެލޯނާއާއެވެ. އެ މެޗުން އެ ޓީމު ބަލިވީ 2-1އިންނެވެ.