Ads by Farudhun

ޚަބަރު

ޙައްޖުވެރިން އެއަޕޯޓަށް ދިއުމަށް މިއަހަރުވެސް ބަހުގެ ޚިދުމަތްދޭނެ

ޙައްޖުވެރިން އެއަޕޯޓަށް ދިއުމަށް މިއަހަރުވެސް ބަހުގެ ޚިދުމަތްދޭނެ

ޙައްޖުވެރިންތަކެއް އެއަރޕޯޓަށް ދިއުމަށް ބަސް ޓާމިނަލްގައި. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 މޭ 2026، 09:01

14 މޭ 2026، 09:01

1447 ވަނަ އަހަރުގެ ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު މި ހުކުރު ދުވަހު ފުރުމަށް ހަމަޖެހިފައިވާއިރު، ޙައްޖުވެރިންނާއި އެހީތެރިން އެއާޕޯޓަށް ދިއުމަށް މިއަހަރުވެސް ބަހުގެ ޚިދުމަތް ދިނުމަށް ނިންމާފައިވާކަމަށް  އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެވުޒާރާއިން ބުނެފައިވަނީ އެވުޒާރާއިން އިސްނަގައިގެން، ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން މި އިންތިޒާމުތައް މިހާރު ވަނީ ފުރިހަމަކޮށްފައިކަމަށެވެ. 

ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި، ފްލައިޓު ފުރާ ގަޑީގެ ފަސް ގަޑިއިރު ކުރިން ބަސް ރޫޓުތަކުގެ ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހުކުރު ދުވަހު ފުރާ ފުރަތަމަ ގުރޫޕަށް ޚާއްޞަކޮށްގެން ބަސް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:30 ގައެވެ.

ކޮންމެ ޙައްޖުވެރިއަކަށްވެސް އެ ބޭފުޅަކަށް އެންމެ ފަސޭހަ އަދި އެންމެ ކައިރި ބަސް ހުއްޓިއެއް ޚިޔާރު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ޙައްޖުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ބަސް ހުއްޓިތަކުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މުވައްޒަފުންގެ އިތުރުން ސްކައުޓުން، ގާލްގައިޑުން އަދި ކެޑޭޓުން ހަރަކާތްތެރިވާނެ ކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

ބަސް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ ރޫޓުތައް ކަނޑައަޅާފައިވަނީ އެ ދުވަހެއްގައި ފުރުމަށް ހަމަޖެހިފައިވާ ޙާޖީންނަށް އެންމެ ފަސޭހައިން ބަހާ ހަމައަށް ފޯރޭނެ ސަރަޙައްދުތަކަށް ބަލައިގެންނެވެ. މި ރޫޓުތަކާއި ގަޑިތަކުގެ ތަފްޞީލް ވުޒާރާގެ މީސްމީޑިއާ ވަސީލަތްތައް މެދުވެރިކޮށް އާއްމުކުރާނެއެވެ.

މި ހުކުރު ދުވަހު ހަ ރޫޓަކުން ބަސް ދަތުރުތައް ކުރާ ގޮތަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ފްލައިޓުން 235 ޙައްޖުވެރިން ފުރުމަށް ވަނީ ހަމަޖެހިފައެވެ. ސަޢުދީ އެއާލައިނުގެ މި ފްލައިޓު ފުރުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ މެންދުރުފަހު 15:25 ގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450