Ads by Farudhun

ޚަބަރު

"އަދަދު" ނޫހުގެ ދެ ނޫސްވެރިޔަކު ޖަލަށް ލާން ޙުކުމް ކޮށްފި

"އަދަދު" ނޫހުގެ ދެ ނޫސްވެރިޔަކު ޖަލަށް ލާން ޙުކުމް ކޮށްފި

ކްރިމިނަލް ކޯޓް. ފޮޓޯ: ދައުރު. ޢަބްދުﷲ އަނޫފް ޖުނައިދް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 މޭ 2026، 08:02

12 މޭ 2026، 08:02

ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ޚިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑިކަން ސާބިތުވާ ކަމަށް ކަނޑައަޅައި "އަދަދު" ނޫހުގެ ދެ ނޫސްވެރިޔަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ޖަލު ޙުކުމް އައިސްފައިވަނީ އެ ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުޙައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރުގެ މައްޗަށެވެ. ކޯޓުން ޙުކުމް ކުރީ ޝަހުޒާން 15 ދުވަހަށް ޖަލަށް ލުމަށާއި 25,000 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ. އަދި ލީވާން 10 ދުވަހަށް ޖަލަށް ލުމާއެކު 25,000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވެސް ވަނީ ހުކުމްކޮށްފައެވެ.

ދައުވާގެ ތަފްސީލު

ޝަހުޒާންގެ މައްޗަށް މި ފިޔަވަޅު އެޅީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯޓު އަމުރާ ޚިލާފަށް ވާހަކަ ދެއްކުމުންނެވެ. ލީވާންގެ މައްޗަށް ޙުކުމް އައީ އެ އަމުރާ ޚިލާފަށް ޚަބަރެއް ލިޔެ ޝާއިއު ކުރުމާ ގުޅިގެންނެވެ. ކްރިމިނަލް ކޯޓުން މިދިޔަ އާދީއްތަ ދުވަހު ނެރުނު އަމުރުގައި ވަނީ "އަދަދު" ނޫހުން ތައްޔާރުކުރި ޑޮކިއުމަންޓްރީއެއްގައި ހިމެނޭ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް އާންމު ނުކުރުމަށް އަންގާފައެވެ.

ގާޒީ މުޒައްމިލް ނާސިރު ސޮއިކުރައްވައި ނެރުއްވި އެ އަމުރުގައި ބުނެފައިވަނީ، މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑުތައް ހިފެހެއްޓުމަށާއި އަބުރު ރައްކާތެރިކުރުމުގެ ގޮތުން އެ މައްސަލައިގެ ޝަރީއަތާ ގުޅުންހުރި މަޢުލޫމާތުތައް ފެތުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބެލެވޭނެ ކަމަށެވެ. އަދި ދަޢުވާ ލިބޭ ފަރާތާއި ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ މަސްލަހަތު ހިމާޔަތްކުރުމަކީ ވެސް މި އަމުރު ނެރުނު ސަބަބެއް ކަމަށް ކޯޓުން ބުނެފައިވެއެވެ.

ރައީސް ޑރ. މުހައްމަދު މުޢިއްޒަށް ތުހުމަތުތަކެއްކޮށް "އަދަދު" ނޫހުން ނެރުނު ޑޮކިއުމަންޓްރީއާ ގުޅިގެން އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ އާއި އެޑިޓަރު ޙަސަން މުޙައްމަދުގެ މައްޗަށް ވަނީ ގަޒުފްކުރުމުގެ ދައުވާ އުފުލާފައެވެ. މި ދެ ފަރާތުގެ ޝަރީއަތް މާދަމާ ފެށުމަށް ވަނީ ތާވަލުކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450