ޚަބަރު
ނޫސްވެރިޔާ ޝަހްޒާން ކޯޓަށް ހާޒިރުވުމަށް އަންގައިފި
އަދަދު ނޫހުގެ ނޫސްވެރިޔާ ޝަހްޒާން. ފޮޓޯ: ރައީސް އޮފީސް
"އަދަދު" ނޫހުގެ ނޫސްވެރިޔާ އަދި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ނައިބު ރައީސް މުހައްމަދު ޝަހްޒާން ކޯޓު އަމުރާ ހިލާފުވެފައިވާ ކަމަށް ބެލެވޭތީ، އެ މައްސަލައިގައި ޖަވާބުދާރީވުމަށް މާދަމާ ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގައިފިއެވެ.
ޝަހްޒާން ކޯޓު އަމުރާ ހިލާފުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަދަދު" ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއަކާ ގުޅިގެން ސުވާލުކުރުމުން ކަމަށް ކޯޓުން ބުނެއެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރެއްގައި ވަނީ އެ ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އާއްމުނުކުރުމަށާއި، އެ ވީޑިއޯ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށް އަމުރުކޮށްފައެވެ. އަދި އޭގައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށް އަމުރުގައި އޮތެވެ.
ޝަހްޒާނަށް ފޮނުވި އަމުރުގައި ވިދާޅުވެފައިވަނީ، ޝަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް އަމަލު ނުކުރުމަށް އަންގާފައި ވަނިކޮށް، ރައީސް އޮފީހުގެ ބައްދަލުވުމުގައި އޭނާ ކުރި ސުވާލުތަކާއި ދެއްކި ވާހަކަތަކަކީ އެ އަމުރާ ހިލާފު ކަންތައްތަކެއް ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން ކޯޓުގެ ހުރުމަތް ކަނޑާފައިވާކަން ބެލުމަށްޓަކައި މާދަމާ މެންދުރު 13:00 އަށް ކޯޓަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ބުނެފައިވަނީ، މި މައްސަލައަކީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ ދަށުން މުޖުތަމައުގެ އަހްލާގީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން ސިއްރުކޮށްގެން ކުރިއަށް ގެންދެވޭނެ ޝަރީއަތެއް ކަމަށެވެ. އަދި މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުންހުރި މައުލޫމާތު ފެތުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވިދާނެ ކަމަށްވެސް އަމުރުގައިވެއެވެ.
މި އަމުރު ނެރުނު ސަބަބެއްގެ ގޮތުގައި ކޯޓުން ފާހަގަކޮށްފައިވަނީ އަބުރު ރައްކާތެރިކުރުމާއި، ކޯޓަކުން ކުށް ސާބިތުނުވާހާ ހިނދަކު އެމީހަކީ ކުށެއް ނެތް މީހެއްގެ ގޮތުގައި ބެލުމުގެ ހައްގު ހިމާޔަތްކުރުމެވެ. މީގެ އިތުރުން ދައުވާ ލިބޭ ފަރާތާއި ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ މަސްލަހަތު ހިމާޔަތްކުރުންވެސް މީގެ ތެރޭގައި ހިމެނެއެވެ.
ރައީސް ޑރ. މުއިއްޒަށް ތުހުމަތުކޮށް "އަދަދު" ނޫހުން ނެރުނު ޑޮކިއުމަންޓްރީއާ ގުޅިގެން އެ ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް މިހާރު ދަނީ ގަޒުފްކުރުމުގެ ކުށުގެ ދައުވާ ކުރަމުންނެވެ. ގާޒީ މުޒައްމިލް ނާސިރު ސޮއިކުރައްވައި ނެރުއްވި އަމުރުގައިވާ ގޮތުން، މި މައްސަލައިގެ އެއްވެސް މައުލޫމާތެއް ފަތުރާ ނަމަ އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެއެވެ.