Ads by Farudhun

ޚަބަރު

އޭޑީއެޗްޑީއަށް ފަރުވާކުރާ ބޭސް ރާއްޖެ އެތެރެކުރުމުގެ ހުއްދަ ދިނުމަށް މަޖިލީހުން ފާސްކޮށްފި

އޭޑީއެޗްޑީއަށް ފަރުވާކުރާ ބޭސް ރާއްޖެ އެތެރެކުރުމުގެ ހުއްދަ ދިނުމަށް މަޖިލީހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީސް ކުރާ ގެ ފޮޓޯ:މަޖިލިސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

11 މޭ 2026، 10:57

11 މޭ 2026، 10:57

އެޓެންޝަން-ޑެފިސިޓް ހައިޕަރއެކްޓިވިޓީ ޑިސްއޯޑަރ ނުވަތަ އޭޑީއެޗްޑީ 6 ހުންނަ ކުދިންނަށް ބޭނުންވާ މުހިއްމު ބޭހެއް ރާއްޖެ އެތެރެކުރުމުގެ ހުއްދަ ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

މި ނިންމުން ނިންމާފައިވަނީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ޖަދުވަލު 1 އަށް އިސްލާހު ގެނައުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ހުށަހެޅުއްވި މައްސަލަ ދިރާސާކުރުމަށްފަހުއެވެ. މި މައްސަލަ ދިރާސާކޮށްފައިވަނީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީންނެވެ.

އޭޑީއެޗްޑީ ހުންނަ ކުދިންނަށް ފަރުވާ ދިނުމަށް ބޭނުންކުރާ 'މެތަލްފެނެޑޭޓް' ރާއްޖެއަށް އެތެރެކުރުމާ ގުޅޭގޮތުން، ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން ދެއްވާފައިވާ ލަފަޔާމެދު ވަޒީރުންގެ މަޖިލީހުގައި މީގެކުރިން ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. ރާއްޖޭގައި މިހާތަނަށް އެތެރެކުރުން މަނާ ބޭސްތަކުގެ ލިސްޓުގައި ހިމެނޭ މި ބޭސް، މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ މަނާތަކެތީގެ ލިސްޓުން އުނިކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވީ އެއީ ކުދިންގެ ފަރުވާއަށް ކޮންމެހެން ބޭނުންތެރި ބޭހަކަށް ވާތީއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މި މައްސަލަ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ދިރާސާކުރުމަށްފަހު، ކޮމިޓީގެ ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ މި ބޭސް އެތެރެކުރުމަށް ހުއްދަ ދިނުމަށް ފާސްކޮށްފައެވެ. އަދި މަޖިލީހުގެ ތަޅުމަށް މި ރިޕޯޓު ހުށަހެޅުމުން، ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ވަނީ ރާއްޖެއަށް އެތެރެކުރުން މަނާ ބޭހުގެ ލިސްޓުން އެ ބޭސް އުނިކޮށް، އެތެރެކުރުމުގެ ހުއްދަ ދިނުމަށް ފާސްކޮށްފައެވެ.

މެތަލްފެނެޑޭޓަކީ އޭޑީއެޗްޑީ ހުންނަ ކުދިންނަށް ދެވޭ 'ފަސްޓްލައިން ޓްރީޓްމަންޓް' ނުވަތަ އެންމެ ފުރަތަމަ މަރުހަލާގައި ބޭނުންކުރާ ބޭހެކެވެ. އޭޑީއެޗްޑީއަކީ ތުއްތުއިރުއްސުރެ ފާހަގަކުރެވޭ، ކުދިން ހެދިބޮޑުވުމުގައި ދިމާވާ އެންމެ އާންމު އެއް ހާލަތެވެ. މި ހާލަތުގެ ސަބަބުން ކުދިންގެ އުޅުމަށް އަންނަ ބަދަލުތަކާއި ކުރިމަތިވާ އުނދަގޫތައް، އެކަށީގެންވާ ބޭހާއި ތެރަޕީގެ އެހީގައި ވަރަށް ބޮޑަށް ކުޑަކުރެވޭނެ ކަމަށް ސިއްހީ މާހިރުންނާއި ފަހުގެ ދިރާސާތަކުން ދައްކައެވެ.


Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450