Ads by Farudhun

ޚަބަރު

ކުރިއަށް އޮތް ދުވަސްތަކުގައި ޑީއެންއާރުގެ ދައުރު ދާނީ ފުޅާވަމުން: ވަޒީރު އިޙްސާން

ކުރިއަށް އޮތް ދުވަސްތަކުގައި ޑީއެންއާރުގެ ދައުރު ދާނީ ފުޅާވަމުން: ވަޒީރު އިޙްސާން

ޙަފްލާގެ ތެރެއިން/ފޮޓޯ: ވުޒާރާ

11 މޭ 2026، 09:31

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ ދައުރު ކުރިއަށް އޮތް ދުވަސްތަކުގަ ދާނީ ފުޅާވެގެން ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު އިޙްސާން މިފަދައިން ވިދާޅުވީ، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ 42 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނަކީ 1984 ވަނަ އަހަރު އުފެދި، ދިވެހިރާއްޖޭގައި ސިވިލް ރަޖިސްޓްރޭޝަން ސިސްޓަމެއް ޤާއިމްކުރުމުގެ ގޮތުން، ރަޖިސްޓްރޭޝަންގެ ރެގިއުލޭޓިންގ ބޮޑީގެ ގޮތުގައި މެންޑޭޓް ކުރެވިފައިވާ ދިވެހި ދައުލަތުގެ މުއައްސަސާއެކެވެ. މި ޙަފްލާގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގަ ޑީއެންއާރުގެ މަސައްކަތްތައް ދާނީ އިތުރަށް ފުޅާވެގެން ކަމަށާއި، އެގޮތުން ސިވިލް ރަޖިސްޓްރޭޝަނަކަށް މުޅި ނިޒާމު ބަދަލުކުރުމުގެ ވިސްނުން އެމަނިކުފާނު ގެންގުޅުއްވާ ކަމަށެވެ.

އަބަދުވެސް ޓެކްނޮލޮޖީއަށް މި އަންނަ ބަދަލުތަކާ އަދި ޤައުމަށް މި އަންނަ ކުރިއެރުންތަކާ އެކު ބައިނަލްއަޤްވާމީ ގޮތުންވެސް އަޅުގަނޑުމެން ޤަބޫލުކުރަން ޖެހޭ މިންގަނޑުތައްވެސް ދާނީ ބަދަލުވަމުން. އަބަދުވެސް ތިބެންވާނީ އަންނަ ކޮންމެ ބަދަލަކަށް މަރުހަބާ ކިޔަން ތައްޔާރަށް.

ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ފާއިތުވި ދޮޅު އަހަރު ދުވަހުގެ ތެރޭގައި ޑީއެންއާރުގެ ޚިދުމަތް ރާއްޖޭގެ އެކިކަންކޮޅުތަކުން ރައްޔިތުންނާ ގާތުން މިހާރު ލިބޭކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. ހަމަ އެއާއެކު، ޑީއެންއާރަށް ޚިދުމަތް ކުރައްވާފައިވާ ހުރިހާ ބޭފުޅުންނަށް ވަޒީރު ޝުކުރު ދަންނަވާފައިވާއިރު، ޑީއެންއާރާއި މިވަގުތު ހަވާލުވެ ހުންނެވި ޑެޕިއުޓީ މިނިސްޓަރ އަހުމަދު އާލީ އަދި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރ އިސްމާއީލް އިރުފާނު ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވާ އެ ދެ ބޭފުޅުންނަނަށް ވެސް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ސަރުކާރުން އެދޭ ވަރަށްވުރެ ވެސް ފުރިހަމައަށް މަސައްކަތްތައް ޑެލިވަރީ ކޮށްދެއްވާ. ހަމަ ޔަޤީންނުންވެސް މި ކާމިޔާބީއަކީ ހުރިހާ މުވައްޒަފުން ކުރައްވާ ބުރަ މަސައްކަތް.

ވަޒީރު އިތުރަށް ވިދާޅުވިއެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން އިން ބަލަހައްޓާ ދިވެހި ރައްޔިތުންގެ މަޢުލޫމާތުތައް ބެލެހެއްޓުމުގައާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދިނުމުގެ މަސައްކަތް ކުރުމުގައި ޒަމާނާ އެއްގޮތަށް އެންމެ ފުރިހަމަ ޚިދުމަތް، ރާއްޖޭގެ ހުރިހާ ހިސާބެއްގެ ރައްޔިތުންނަށް ހަމަހަމަ ކަމާއެކު ލިބޭނޭހެން މަސައްކަތް ކުރުމަކީ ޑީއެންއާރުގެ އަމާޒެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450