ޚަބަރު
ފިޔާޒުގެ މައްޗަށް ޤަޛުފުގެ ކުށުގެ ދައުވާ އުފުލައިފި
ފިޔާޒް މޫސާ. ފޮޓޯ: ޕީއެސްއެމް
"އަދަދު" ނޫހުގެ އެޑިޓާ އިން ޗީފް އަދި ސީއީއޯ ހުސައިން ފިޔާޒް މޫސާ އާއި، އެޑިޓަރު ޙަސަން މުޙައްމަދުގެ މައްޗަށް ޤަޛުފުގެ ކުށުގެ ދައުވާ އުފުލައިފިއެވެ.
މި ދެ މީހުންގެ މައްޗަށް ދައުވާ އުފުލާފައިވާކަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާއި ކްރިމިނަލް ކޯޓުން ވަނީ ކަށަވަރުކޮށްދީފައެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި، ފިޔާޒާއި ޙަސަން މުޙައްމަދުގެ މައްޗަށް ދައުވާ އުފުލާފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 612 ވަނަ މާއްދާގެ ދަށުންނެވެ. މި މައްސަލަ މިއަދު ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ. މި ދައުވާ އުފުލާފައިވަނީ "އަދަދު" ނޫހުން އާންމުކޮށްފައިވާ ވީޑިއޯ ޑޮކިއުމަންޓްރީއެއްގައި ހަގީގަތެއް ނެތް ވާހަކަތަކެއް ހިމަނާފައިވާ ކަމަށް ބުނާ މައްސަލައެއްގައެވެ.
މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ ޝަރީޢަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް ޢަމަލު ނުކުރުމަށް އަންގައި އަމުރެއް ނެރެފައެވެ. ގާޒީ މުޒައްމިލު ނާސިރު ސޮއިކުރައްވައި ނެރުއްވި މި އަމުރުގައި ވަނީ، ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން އެ ވީޑިއޯ ޑޮކިއުމަންޓްރީ ފެތުރުން މަނާކޮށްފައެވެ.
މީގެ އިތުރުން، އެ ޑޮކިއުމަންޓްރީގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށާއި، މައްސަލައިގެ ޚަސްމަކާ ނުވަތަ ކުށުގެ ޝިކާރައަކަށްވީ މީހާއާ ގުޅޭ އެއްވެސް ވާހަކައެއް ނުދެއްކުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މިފަދަ ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވިދާނެ ކަމަށްވެސް އެ އަމުރުގައި ބަޔާންކޮށްފައިވެއެވެ.
"އަދަދު" ނޫހުން މިފަދަ ޑޮކިއުމަންޓްރީއެއް ނެރެފައިވަނީ ނިމިގެންދިޔަ ކައުންސިލް އިންތިޚާބާ ދިމާކޮށެވެ. އަދި މީގެ ކުރިން ރިޔާސީ އިންތިޚާބާ ދިމާކޮށްވެސް އެ ނޫހުން މިފަދަ ވީޑިއޯއެއް ނެރެފައިވާކަން ފާހަގަކުރެވެއެވެ.