ޚަބަރު
ފުނިޖެހިފައި ހުރި މައްސަލަތައް އަމާނާތްތެރިކަމާއެކު ބަލައި، އަދުލުވެރި ހައްލުތަކެއް ގެނެސްދޭނަން: ވަޒީރު
މަސައްކަތްތެރިންގެ ދުވަހު ބޭއްވި ރެލީއަށްފަހު ވަޒީރު އިޙްސާން ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ފަރުދުން
ފަރުދުން
01 މޭ 2026، 07:33
01 މޭ 2026، 07:33
މަސައްކަތްތެރީންގެ ޙައްޤުތަށް ކަށަވަރުކޮށް އެ ޙައްޤުތައް ރައްކާތެރިކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ލޭބަރ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ)ގައި ފުނިޖެހިފައި ހުރި ޝަކުވާތަކާއި މައްސަލަތައް އަމާނާތްތެރިކަމާއެކު ބަލައި، އެ މައްސަލަތަކަށް އަދުލުވެރި ޙައްލުތަކެއް ގެނެސްދެއްވާނެކަމަށް، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ބައިނަލްއަޤުވާމީ މަސައްކަތްތެރީންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން އިސްނަގައިގެން މިއަދު ހަވީރު މާލޭ ސިޓީގައި ބޭއްވި ރެލީ ނިންމަވާލެއްވުމުގެ ގޮތުން، އެ ރެލީގެ ބައިވެރިންނާ މުޚާތަބުކޮށް ވާހަކަފުޅުދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ، މި ސަރުކާރު ހަވާލުވީއިރުވެސް ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް މަސައްކަތްތެރިންގެ ފަރާތުން އަދި ވަޒީފާދޭ ފަރާތުން ހުށައަޅާފައިވާ މައްސަލަތައް ފުނިޖެހިފައިވާކަމަށެވެ. އަދި ސަރުކާރުން މަސައްކަތްކުރަމުން ދަނީ އެ މައްސަލަތައް އަދުލުވެރިކަމާއެކު ބަލައި، އެންމެ އެދެވޭ ޙައްލުތަކެއް ގެނެސްދެއްވުމަށްކަމަށް ވަނީ ވިދާޅުވެފައެވެ.
ސަރުކާރު ހަވާލުވީއިރުވެސް، ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ފުނިޖެހިފަ ހުރި ބައިވަރު މައްސަލަތައް މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކުން ހުށައަޅާފައިވާ މައްސަލަތައް އެބަހުރި. އެމައްސަލަތައް އަމާނާތްތެރިކަމާއެކު އަދުލުވެރި ހައްލެއް ގެނެސްދޭނަން. އަމާން ރައްކާތެރި އަދި އަބުރުވެރި މަސައްކަތުގެ މާހައުލެއް ޤައިމުކުރެވިފައިވަކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އަމާޒު.
ވަޒީރު އިޙްސާން ވިދާޅުވިއެވެ.
މީގެއިތުރުން ވަޒީރު ވިދާޅުވީ މަސައްކަތްތެރިންގެ ދުވަހަކީ، ޤައުމު ބިނާކުރުމަށް މަސައްކަތްތެރިން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރާ ދުވަސްކަމަށެވެ.
އަދި މި ދުވަހާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ، ރާއްޖޭގެ މައިބަދައަކީ މަސައްކަތްތެރިންކަމަށާއި، އެ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން މުހިއްމު މަސައްކަތްތަކެއް ކުރައްވަމުންދާކަމަށެވެ.