ދުނިޔެ
ގްލޯބަލް ސުމޫދު ފްލޮޓިލާގެ ބޯޓުތައް ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުން ދަތުރުކުރުމުން ދަނިކޮށް އިސްރާއީލުން ހަމަލާދީފި
ގްލޯބަލް ސުމޫދް ފްލޮޓިލާގެ ބޯޓެއް. ފޮޓޯ: ޤުދުސް ނެޓްވޯކް
ޣައްޒާއަށް އިންސާނީ އެހީ ހިފައިގެން ދަތުރުކުރަމުންދިޔަ ގްލޯބަލް ސުމޫދު ފްލޮޓިލާގެ ބޯޓުތަކަށް، ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުން އިސްރާއީލުގެ އަސްކަރިއްޔާއިން ހުރަސްއަޅައި ބޯޓުތަކުގެ ކޮންޓްރޯލް ނަގަން ފަށައިފިއެވެ.
މެޑިޓަރޭނިއަން ކަނޑުގެ މެދުތެރެއިން، ޣައްޒާއާ ގާތްގަނޑަކަށް 600 ނޯޓިކަލް މޭލު (1,111 ކިލޯމީޓަރު) ދުރުން މި އުޅަނދުތަކަށް ހުރަސްއެޅުމަށް އިސްރާއީލުން ވަނީ ޑްރޯން، މުވާސަލާތީ މެދުކަނޑާލާ ޓެކްނޮލޮޖީ އަދި ހަތިޔާރު އެޅި ސިފައިން ބޭނުންކޮށްފައެވެ.
ގްލޯބަލް ސުމޫދު ފްލޮޓިލާއިން ބުނި ގޮތުގައި، އިސްރާއީލުގެ އަސްކަރީ ސްޕީޑްބޯޓުތަކުން އެމީހުންގެ އުޅަނދުތަކަށް ކައިރިކޮށް، ލޭޒަރާއި ސެމީ އޮޓޮމެޓިކް ހަތިޔާރު ބޭނުންކޮށްގެން ބޯޓުގައި ތިބި މީހުންނަށް ބިރުދައްކާފައިވެއެވެ. ބޯޓުގައި ހުރި އެކްޓިވިސްޓެއް ކަމަށްވާ ތާރިގް ރައޫފް ބުނި ގޮތުގައި، މިއީ މީގެ ކުރިން އިސްރާއީލުން އަމަލުކޮށްފައި ނުވާ ފަދަ ނުރައްކާތެރި ގޮތަކަށް ދިން ހަމަލާއެކެވެ. "އަހަރެމެން މިތިބީ ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުގައި، އަދި އަހަރެމެން މިތިބީ ޣައްޒާއާ އެތައް ތަނެއް ދުރުގައި،" ރައޫފް ބުންޏެވެ.
އިސްރާއީލުގެ އަސްކަރީ މަސްދަރުތަކާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި، މިހާ ދުރުން ހަމަލާދިނުމުގެ ބޭނުމަކީ ފްލޮޓިލާއަށް ކުއްލި ސިހުމެއް ދިނުމެވެ. މީގެ ކުރިން އިސްރާއީލުން މިފަދަ އުޅަނދުތަކަށް ހުރަސްއަޅާފައިވަނީ ޣައްޒާއާ 72 ނޯޓިކަލް މޭލު ކައިރިންނެވެ. ނަމަވެސް މިފަހަރުގެ ހަމަލާއަކީ މާ ދުރުން، ބައިނަލްއަޤްވާމީ ކަނޑުގެ ސަރަހައްދުގެ ތެރެއިން ދީފައިވާ ހަމަލާއެކެވެ. އިސްރާއީލުގެ އާމީ ރޭޑިއޯއިން ބުނި ގޮތުގައި، ފްލޮޓިލާގެ 58 އުޅަނދުގެ ތެރެއިން 7 އުޅަނދެއް މިހާރު ވަނީ އިސްރާއީލުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުވެސް އިސްރާއީލުން ވަނީ މި ފްލޮޓިލާގެ 40 ބޯޓަކަށް ހުރަސްއަޅައި، 450 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ނެލްސަން މަންޑޭލާގެ ކާފަ ދަރިކަލުންނާއި، ތިމާވެށީގެ އެކްޓިވިސްޓް ގްރެޓާ ތުންބާގް އަދި ޔޫރަޕްގެ ޕާލަމެންޓް މެންބަރު ރީމާ ހަސަން ހިމެނެއެވެ. ހައްޔަރުކުރި މީހުން އިސްރާއީލުގެ ބަންދުގައި ތިބިއިރު ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ކުރި ކަމަށް އެމީހުން ތުހުމަތުކޮށްފައިވެއެވެ.
އިޓަލީން މިދިޔަ އާދީއްތަ ދުވަހު ފުރި މި ފްލޮޓިލާއަކީ ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް މިހާތަނަށް ފޮނުވި އެންމެ ބޮޑު އިންސާނީ އެހީގެ ގާފިލާއެވެ. އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް 72,599 މީހުން ޝަހީދުވެ، 172,411 މީހުން ވަނީ ޒަހަމްވެފައެވެ. ފްލޮޓިލާގެ ތަރުޖަމާނު ގުރް ސަބާރު ވިދާޅުވީ، ބައިނަލްއަޤްވާމީ މުޖުތަމައުން މިކަމަށް ފިޔަވަޅު އަޅަންޖެހޭ ކަމަށާއި، ހަނު ތިބުމަކީ އިސްރާއީލުގެ މި ޖަރީމާގައި ބައިވެރިވުން ކަމަށެވެ.