ކުޅިވަރު
ޗެމްޕިއަންސް ލީގު: ލިބުނު ޕެނަލްޓީތަކާއެކު އާސެނަލް އާއި އެތުލެޓިކޯ ބައްދަލުކުރި މެޗު އެއްވަރުވެއްޖެ
އާސެނަލްގެ ގޯލު ކާމިޔާބުކޮށްދިނުމަށްފަހު ވިކްޓަރ ޔޮކެރޭޒް އުފާފާޅުކުރަނީ---
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގައި އާސެނަލް އާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗުގައި ދެ ޓީމަށް ލިބުނު ޕެނަލްޓީތަކާއެކު، 1-1އިން މެޗު އެއްވަރުވެއްޖެއެވެ.
އެތުލެޓިކޯ މެޑްރިޑްގެ މެޓްރޮޕޮލިޓާނޯގައި ކުޅުނު މި މެޗުގައި އާސެނަލްގެ ޕެނަލްޓީ، ވިކްޓަރ ޔޮކަރޭޒް ކާމިޔާބުކޮށްދިންއިރު، އެތުލެޓިކޯއަށް ނަތީޖާ ހަމަހަމަކޮށްދިނީ ހޫލިއަން އަލްވަރޭޒްގެ ޕެނަލްޓީއެކެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ވަރަށް ހަމަހަމަ ކުޅުމެކެވެ. އެގޮތުން އެއްވެސް ޓީމަކަށް ރަނގަޅު ފުރުސަތެއް އުފެއްދިފައެއް ނުވެއެވެ. އެގޮތުން ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވި ނިމެން ދަނިކޮށް، ޔޮކެރޭޒްއަށް ކުރި ފައުލަކަށް އާސެނަލްއަށް ލިބުނު ޕެނަލްޓީ ކާމިޔާބުކުރީ ހާފު ނިމެން މިނެޓަކަށްވެފައި ވަނިކޮށެވެ.
ނަމަވެސް އެތުލެޓިކޯއިން ދެވަނަ ހާފު ފެށީ ވަރުގަދަކޮށެވެ. އެގޮތުން އަލްވަރޭޒް، އަޑެމޮލާ ލުކްމަން އަދި އެންޓޮއިން ގްރީޒްމަން ވަނީ އާސެނަލްގެ ގޯލަށް ނުރައްކާކޮށްފައެވެ.
އެތުލެޓިކޯއަށް ޕެނަލްޓީ ލިބުނީ އާސެނަލްގެ ޕެނަލްޓީ އޭރިއާ ތެރެއިން ބެން ވައިޓްގެ އަތުގައި ބޯޅަ ޖެހުމުންނެވެ. އެ ޓީމުގެ ޕެނަލްޓީ އަލްވަރޭޒް ފޮނުވާލީ ވާތްފަރާތުން ގޯލުގެ މަތީ ކަނަށެވެ. މިއީ މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި އަލްވަރޭޒް ކާމިޔާބުކުރި 10ވަނަ ގޯލެވެ. އަދި އޭނާގެ ކެރިއަރުގައި ޗެމްޕިއަން ލީގުގެ 25ވަނަ ގޯލެވެ.
އޭގެ ފަހުން ގްރީޒްމަން ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު، ލުކްމަން ފޮނުވާލި ހަމަލާއެއް، އާސެނަލްގެ ގޯލްކީޕަރު ރާޔާ ދިފާއުކުރިއެވެ. އަދި މެޗު ނިމެނިކޮށް ނެހުއެލް މޮލީނާ ފޮނިވާލި ހަމަލާ ވަނީ ގޯލުގެ ތިން ދަނޑީގެ އެތެރެއަށް އަމާޒު ނުކުރެވިފައެވެ.
ޗެމްޕިއަން ލީގުގެ ސެމީގެ ފުރަތަމަ ލެގުގެ މެޗުތައް މިހާރު ނިމިފައިވާއިރު، މުބާރާތުގައި ބަލިނުވާ ޓީމަކަށް ހަމައެކަނި އޮތީ އާސެނަލްއެވެ. އެ ޓީމުން 10 މެޗުން މޮޅުވިއިރު 3 މެޗުން ވަނީ އެއްވަރުވެފައެވެ.
މި މުބާރާތުގެ ސެމީފައިނަލްގެ ދެވަނަ ލެގުގެ މެޗުތައް ކުޅޭނީ އަންނަ ހަފްތާގައެވެ.