ޚަބަރު
ޑޮކިއުމެންޓްރީއާ ގުޅިގެން ފިޔާޒް ފުލުހަށް ހާޒިރު ކުރުމުން ހަނުހުންނަވައިފި
ފިޔާޒް އަދި ހަސަން / ފޮޓޯ: ރާއްޖެ އެމްވީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއްކޮށް "އަދަދު" ނޫހުން ނެރުނު "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ކުރަމުންދާ ތަޙުޤީޤަށް އެ ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ ފުލުސް އޮފީހަށް ހާޒިރުކުރުމުން ހަނުހުރުމުގެ ހައްޤު ބޭނުންކޮށްފިއެވެ.
މި މައްސަލައިގައި ފިޔާޒްގެ އިތުރުން އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު ވެސް ވަނީ ފުލުހަށް ހާޒިރުކުރުމުން ހަނުހުރުމުގެ ހައްޤު ބޭނުންކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ފިޔާޒްގެ މައްޗަށް ފަސް ތުހުމަތެއް ކުރެއެވެ. އޭގެ ތެރޭގައި ޤާނޫނުލްއުޤޫބާތުގެ ދަށުން މީހަކު ކުރާ އަމަލަކަށް އެހެން މީހަކު ޒިންމާދާރުކުރުވުމާއި، ބައިވެރިވުމުގެ ޒިންމާގެ ދެ ކުށަކާއި، ގަޛްފުގެ ކުށުގެ އިތުރުން ކުށެއް ކުރުމަށް އެދުމާއި ކުށެއް ކުރުމަށް ރޭވުމުގެ ތުހުމަތު ހިމެނެއެވެ.
މި މައްސަލައިގައި ޕީއެންސީގެ ކުރީގެ އެކްޓިވިސްޓު އައިޝަތު އީޝާ ފުލުހަށް ހާޒިރުވުމަށް ވެސް ވަނީ ޗިޓު ފޮނުވާފައެވެ. މީގެ އިތުރުން، ފުލުހުން ވަނީ "އަދަދު" އޮފީސް ބަލައިފާސްކޮށް، ބައެއް އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ ފިޔާޒް، ހަސަން އަދި އީޝާގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފައެވެ.
މި ޑޮކިއުމެންޓްރީގައި ހިމެނޭ ވާހަކަތަކާ ގުޅޭގޮތުން ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވަނީ އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެފަދަ ދޮގު ވާހަކަތައް ފެތުރި ހުރިހާ ފަރާތްތަކާ މެދު ދައުވާ ކުރުމަށް ރައީސް ވަނީ ކަމާބެހޭ ފަރާތްތަކުގައި އެދިވަޑައިގެންފައެވެ.
ޤައުމުގެ ވަލިއްޔުލް ޢަމުރަށް ނިސްބަތްކޮށް މިފަދަ ސާބިތުނުހިފޭ ދޮގު ވާހަކަތަކެއް ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި "އަދަދު" ނޫހުން ކޮށްފައިވާތީ ގިނަ ބަޔަކު ވަނީ މީސްމީޑިއާގައި އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. އަދި ގިނަ ބަޔަކު ވަނީ މިކަން ކުރި ބަޔަކަށް އަދަބު ދިނުމަށްވެސް ގޮވާލައިފައެވެ.