ޚަބަރު
ރައީސް މުޢިއްޒުގެ އަބުރުފުޅަށް އަރައި 'އަދަދު' ނޫހުން ހަދައި އާންމުކުރި ވީޑިއޯގެ މައްސަލާގައި އެނޫހުގެ އެޑިޓަރު ފުލުހަށް ހާޒިރުކުރުމުން ހުރީ ހަނު
ޢަދަދު ނޫހުގެ އެޑިޓަރ ފުލުހަށް ހާޒިރުވުން. ފޮޓޯ: މިހާރު/ ފިޔާޒް މޫސާ
އަދަދު ނޫހުން އުފެއްދި "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު މިއަދު ފުލުހަށް ހާޒިރުކުރުމުން، ތަހުގީގުގައި ހަނު ހުރުމުގެ ހައްޤު ބޭނުންކޮށްފިއެވެ.
މި ޑޮކިއުމެންޓްރީގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ގަޒްފުގެ ތުހުމަތުކޮށްފައިވާ ކަމަށް ބެލެވޭ ކަމަށް ފުލުހުން ހަސަން ހާޒިރުވާން ފޮނުވި ޗިޓުގައި ބަޔާންކޮށްފައިވެއެވެ.
ފުލުހުންގެ ތަހުގީގަށް ބަޔާން ދިނުމަށްފަހު ހަސަންގެ ވަކީލް ސައްޔާހު ހަލީލް ވިދާޅުވީ، ހަސަންގެ މައްޗަށް ކުރަނީ އެ ޑޮކިއުމެންޓްރީ ހެދުމުގައި ބައިވެރިވުން އޮތް ކަމުގެ ތުހުމަތު ކަމަށެވެ. ނަމަވެސް، ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މަސްދަރު ހާމަނުކުރުމަކީ ގާނޫނުއަސާސީން ލިބިދީފައިވާ ހައްގެއްކަން ފާހަގަކޮށް، ހަސަން ވަނީ ހުރިހާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.
މި މައްސަލައިގެ ތަހުގީގަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ފުލުހުން ވަނީ އަދަދު ނޫހުގެ އޮފީހަށް ވަދެ، ބައެއް ތަކެތި ގެންގޮސްފަ އެވެ. މީގެ އިތުރުން، އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ ވެސް މިއަދު މެންދުރު ފަހު ފުލުހަށް ހާޒިރުވާން ވަނީ އަންގައިފަ އެވެ. އަދި މި މައްސަލައާ ގުޅިގެން ހަސަން އާއި ފިޔާޒްގެ އިތުރުން މައުލޫމާތު ދިން ކަމަށް ތުހުމަތުކުރާ އައިޝަތު އީޝާ އަޝްރަފްގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފައެވެ.
މިމައްސަލައާއި ގުޅިގެން ގިނަބަޔަކު ދަނީ މިކަން ކުރި އަދަދު ނޫސް ވަރަށް ބޮޑަށް ކުށްވެރިކުރަމުންނެވެ. އެގޮތުން ގިނަ ޢަދަދެއްގެ ވަޒީރުންނާއި ރާއްޖޭގެ ދީނީ ޢިލްމުވެރިންވެސް ވަނީ އަބުރާ ބެހުމާއި ޒިނޭގެ ތުހުމަތު ފަދަ ކަންކަން ނޫސްވެރިކަމުގެ މިނިވަން ކަމުގެ ނަމުގައި ކުރުން ކުށްވެރި ކުރައްވައިފައެވެ.