ޚަބަރު
އެއްވުންތައް ކަވަރުކުރާއިރު ނޫސްވެރިންނަށް ހިމާޔަތް ލިބޭނެހެން ނޫސްވެރިން އެކްރެޑިޓް ކުރަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއް. ފޮޓޯ: ރައީސް އޮފީސް
އެއްވުންތައް ކަވަރުކުރާއިރު ނޫސްވެރިނަަށް ހިމާޔަތް ލިބޭނެހެން ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ގޮތުން ޤަވާއިދެއް އެކުލަވައިލައިފިއެވެ.
މިޤަވާއިދުގެ މަޤްސަދަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއި، ސުލްޙަވެރިކަމާއެކު އެންމެ ފުޅާ ދާއިރާއެއްގައި ނޫސްވެރިންނަށް އެ ފުރުސަތު ފަހިކޮށްދިނުމަށް ޤާނޫނުގެ ދަށުން އެއްބަސްވުންތަކެއް އެކުލަވާލަވާލުމެވެ.
މީގެއިތުރުން ނޫސްވެރިން ހަރަކާތްތެރިވާއިރު އެ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ބާރުގެ ބޭނުންކުރުމުގައި ގެންގުޅެންޖެހޭ އުސޫލުތަކާއި މިންގަނޑުތަކެއް ކަނޑައެޅުމާއި، މީޑިއާތަކަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމާއި، މައުލޫމާތު ފެތުރުމުގައި ނޫސްވެރިން އަމަލުކުރަންޖެހޭނެ ގޮތްތަކާއި، އެކްރެޑިޓޭޝަން ދިނުމުގެ އުސޫލުތައް ސާފުކޮށް ކަނޑައެޅުމެއެވެ.
މި ޤަވާއިދު އެކުލަވާލާފައިވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުންނެވެ. މި ޤަވާއިދުގެ ދަށުން ޤާނޫނުއަސާސީގައި ބަޔާންކުރާ ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއި ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން އެއްވުން ކަވަރުކުރާ ނޫސްވެރިންނަށް އެންމެ ފުޅާދާއިރާއެއްގައި އެފުރުސަތު ފަހިވާނެެއެވެ.
ޤަވާއިދުގެ ދަށުން އެކްރެޑީޓް ކުރެވޭ ނޫސްވެރިންނަށް އިމްތިޔާޒުތައް މި ޤަވާއިދުގއަި ބަޔާން ކޮށްފައިވެއެވެ. އެގޮތުން ސަލާމަތީ ބާރުތަކުގެ ޚާއްސަ ޙިމާޔަތް ލިބިގެންދިޔުމާއި، ހަލަބޮލި ހާލަތްތައް ހިނގާ ސަރަޙައްދުތަކަށް ދެވޭ "އެކްސެސް"އާއި ސަލާމަތީ ބާރުތަކުން މަޢުލޫމާތު ހޯދުމުގައި ލުއިފަސޭހަތަކެއް ލިބުން ހިމެނެއެވެ.
މިޤަވާއިދުގެ ދަށުން ދިވެހި މީޑިއާތައް ތަމްސީލުކުރާ ނޫސްވެރިން އެކްރެޑިޓްކޮށްދެނީ 1 އަހަރު ދުވަހަށެވެ. އަދި ބައިނަލްއަޤުވާމީ މީޑިއާ ތަމްސީލުކުރާ ނޫސްވެރިން އެކްރެޑިޓްކޮށްދެނީ 3 މަސް ދުވަހަށެވެ. ފްރީލާންސްކޮށް މަސައްކަތްކުރާ ނޫސްވެރިން އެކްރެޑިޓްކޮށްދެނީ 6 މަސްދުވަހަށެވެ.
މިޤަވާއިދަށް ޢަމަލު ކުރާނީ ޤަވާއިދު ގެޒެޓްގައި ޝާޢިއު ކުރާ ދުވަހުން ފެށިގެން ކަމަށް ޤަވާއިދުގައި ބުނެފައިވެއެވެ.