ދުނިޔެ
އިސްރާއީލާއެކު އޮންނަ އެސޯސިއޭޝަން އެގްރީމަންޓް ސަސްޕެންޑް ކުރުމަށް ސްޕެއިންއިން އީޔޫއަށް ގޮވާލައިފި
ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް
އިސްރާއީލުން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވަމުންދާ ކަމަށް ބުނެ، ވިލާތުގެ އިއްތިހާދު (އީޔޫ) އާއި އިސްރާއީލާ ދެމެދު އޮންނަ އެސޯސިއޭޝަން އެގްރީމަންޓް ސަސްޕެންޑް ކުރުމަށް ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ގޮވާލައްވައިފިއެވެ.
މި ގޮވާލުމަކީ ސްޕެއިން، އަޔަލޭންޑް އަދި ސްލޮވީނިއާ ގުޅިގެން، އިސްރާއީލުން ފަލަސްތީނުގެ އަސީރުންނަށް މަރުގެ އަދަބު ދިނުމަށް ފާސްކުރި ގާނޫނާއި ލުބުނާނުގެ ރައްޔިތުން މަޖުބޫރުން ގެދޮރުން ނެރުމާ ގުޅިގެން ހުށަހެޅި ހުށަހެޅުމެކެވެ.
އަންޑަލޫސިއާގައި ބޭއްވި އެއްވުމެއްގައި ވާހަކަދައްކަވަމުން ސަންޗޭޒް ވިދާޅުވީ، "ބައިނަލްއަގުވާމީ ގާނޫނުތަކާއި ވިލާތުގެ އިއްތިހާދުގެ އުސޫލުތަކާ ހިލާފުވާ ސަރުކާރަކީ އަޅުގަނޑުމެންގެ ބައިވެރިއަކަށް ވެގެން ނުވާނެ" ކަމަށެވެ. މި އެއްބަސްވުން އުވާލުމުގެ ރަސްމީ ހުށަހެޅުން ލަގްޒެމްބާގްގައި ބާއްވާ އީޔޫގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމަށް ސްޕެއިންއިން ހުށަހަޅާނެއެވެ.
ސްޕެއިން، އަޔަލޭންޑް އަދި ސްލޮވީނިއާއިން އީޔޫގެ އިސް ޑިޕްލޮމެޓް ކާޖާ ކާލަސްއަށް ފޮނުއްވި ސިޓީގައި ބަޔާންކޮށްފައިވަނީ، އިސްރާއީލުގެ ކްނެސެޓުން ފާސްކުރި މަރުގެ އަދަބުގެ ގާނޫނަކީ އިންސާނީ ހައްގުތަކަށް އަރައިގަތުން ނޫން ކަމަށާއި، އެއީ އީޔޫ-އިސްރާއީލް އެއްބަސްވުމުގެ ދެވަނަ މާއްދާއާ ސީދާ ހިލާފު ކަމެއް ކަމަށެވެ. މީގެ އިތުރުން ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ވަޒަންވެރިން ހިންގާ އަނިޔާވެރި އަމަލުތަކަކީވެސް އިންސާނީ ހައްގުތަކާ ހިލާފު ކަންކަން ކަމަށް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.
މި ހުށަހެޅުމާ ދެކޮޅަށް ޖަރުމަނު އިސްވެ އޮންނަ ގައުމުތަކުން ވޯޓު ދޭނެ ކަމަށް ބެލެވެއެވެ. މީގެ ކުރިން ސެޕްޓެމްބަރު މަހު ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން އިސްރާއީލުގެ ބައެއް ވަޒީރުންނަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ހުށަހެޅި ހުށަހެޅުންވެސް ވަނީ ފެއިލްވެފައެވެ. ނަމަވެސް ސްޕެއިންއިން ދަނީ އިސްރާއީލުން އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރޭތޯ ބެލުމަށް ތަކުރާރުކޮށް ގޮވާލަމުންނެވެ.
އޮކްޓޯބަރު 7، 2023 އިން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ހަނގުރާމައިގައި 72,000 އަށްވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުވެފައިވާއިރު، ސްޕެއިންއަކީ އިސްރާއީލާ ދެކޮޅަށް އެންމެ ވަރުގަދައަށް އަޑުއުފުލާ އެއް ގައުމެވެ. ސްޕެއިންއިން ވަނީ އިސްރާއީލަށް ހަތިޔާރު އުފުލާ އުޅަނދުފަހަރު އެ ގައުމުގެ ބަނދަރުތަކަށް ވަނުން މަނާކޮށް، އިސްރާއީލަށް ހަތިޔާރު ވިއްކުން ދާއިމީކޮށް މަނާކުރާ ގާނޫނެއްވެސް ފާސްކޮށްފައެވެ.
ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތް ވިލާތުގެ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ސްޕެއިން ހިމެނޭއިރު، ދާދި ފަހުން އެ ގައުމުން ވަނީ އިސްރާއީލުގައި ހުންނަވާ ސަފީރުވެސް އަނބުރާ ގެންގޮސްފައެވެ. މިއީ އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ޑިޕްލޮމެޓިކް ގުޅުން ގޯސްވެފައިވާކަމުގެ ނިޝާނެކެވެ.