ދުނިޔެ / ވިޔަފާރި

ހޮރްމޫޒް ކަނޑުއޮޅި ބަންދުވުމާ ގުޅިގެން ދުނިޔޭގެ އިގްތިސާދީ ކުރިއެރުން ދަށްވާނެ ކަމަށް އައިއެމްއެފްއިން ލަފާކޮށްފި

ހޮރްމޫޒް ކަނޑުއޮޅި ބަންދުވުމާ ގުޅިގެން ދުނިޔޭގެ އިގްތިސާދީ ކުރިއެރުން ދަށްވާނެ ކަމަށް އައިއެމްއެފްއިން ލަފާކޮށްފި

ހޮރްމޫޒް ކަނޑުއޮޅި ބަންދުވުމާ ގުޅިގެން ދުނިޔޭގެ އިގްތިސާދީ ކުރިއެރުން ދަށްވާނެ ކަމަށް އައިއެމްއެފް އިން ލަފާކުރުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 އޭޕްރީލު 2026، 10:02

16 އޭޕްރީލު 2026، 10:02

އެމެރިކާ އާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ހަކަތައާއި ކާބޯތަކެތީގެ އަގު އުފުލެމުންދާތީ، ދުނިޔޭގެ އިގްތިސާދީ ކުރިއެރުން ކުރިން އަންދާޒާކުރި މިންވަރަށް ވުރެ ދަށްވާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން ހާމަކޮށްފިއެވެ.

އަންގާރަ ދުވަހު އައިއެމްއެފްއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، މި އަހަރު ދުނިޔޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރެވެނީ 3.1 އިންސައްތައިގައި ކަމަށެވެ. މިއީ މީގެ ކުރިން އެ އިދާރާއިން ލަފާކުރި 3.3 އިންސައްތައާ އަޅާބަލާއިރު ދަށްވުމެކެވެ. މި ބަދަލު އައިސްފައިވަނީ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން ކުރި އަންދާޒާތަކަށް ފަހުގައެވެ.

ހަނގުރާމައާ ގުޅިގެން އީރާނުން ވަނީ ތެލާއި ގޭސް ސަޕްލައި ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. އަދި ސަރަހައްދުގެ ހަކަތަ އުފައްދާ ވަސީލަތްތަކަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ތެލުގެ އަގު އުފުލި، އިމްޕޯޓަށް ބަރޯސާވާ ގައުމުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. މިއީ މިދިޔަ އަހަރު ދުނިޔޭގެ އިގްތިސާދު ކުރިއެރުނު 3.4 އިންސައްތައާ އަޅާބަލާއިރު ވެސް ދަށް އަދަދެކެވެ.

އައިއެމްއެފްގެ ރިޕޯޓުގައިވާ ގޮތުން އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުރާނީ އީރާނުގެ އިގްތިސާދަށެވެ. 2026 ވަނަ އަހަރަށް އީރާނުގެ އިގްތިސާދު ކުރިއަރާނެ ކަމަށް ކުރިން ލަފާކުރި މިންވަރު 7.2 ޕޮއިންޓް ދަށްކޮށް، މިހާރު ލަފާކުރަނީ 6.1 އިންސައްތައިގެ ފަހަތަށް ޖެހުމެއް އަންނާނެ ކަމަށެވެ. މީގެ އިތުރުން ސައުދީ އަރަބިއްޔާގެ ޖީޑީޕީ ކުރިއަރާނެ ކަމަށް ލަފާކުރި 4.5 އިންސައްތަ ވަނީ 3.1 އިންސައްތައަށް ދަށްކޮށްފައެވެ.

އައިއެމްއެފްގެ ވޯލްޑް އިކޮނޮމިކް އައުޓްލުކް ރިޕޯޓުގައި ބުނެފައިވަނީ "މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އިންފްލޭޝަނާ ދެކޮޅަށް މަސައްކަތް ކުރުމާއި، އިގްތިސާދީ ކުރިއެރުން ދެމެހެއްޓުމާ ދެމެދު ސިޔާސަތުތައް ކަނޑައެޅުމުގައި ދަތިތަކެއް ކުރިމަތިވާނެ" ކަމަށެވެ. އަދި ދިރިއުޅުމުގެ އަގުތައް އުފުލުމުގެ ސަބަބުން އަސަރުކުރާ ފަރާތްތަކަށް އެހީތެރިވުމަކީ މުހިންމު ކަމެއް ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

އައިއެމްއެފްގެ ޗީފް އިކޮނޮމިސްޓް ޕިއެރޭ-އޮލިވިއޭ ގޯރިންޗަސް ވިދާޅުވީ، މި ހާލަތުގެ އަސަރު ގައުމުތަކަށް ކުރާނީ އެކި މިންވަރަށް ކަމަށެވެ. ވަކިން ހާއްސަކޮށް ހަނގުރާމަ ހިނގާ ސަރަހައްދުގެ ގައުމުތަކަށާއި، ތަކެތި އިމްޕޯޓްކުރާ އާމްދަނީ ދަށް ގައުމުތަކަށް ކުރާ އަސަރު ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މެދުއިރުމައްޗާއި އުތުރު އެފްރިކާ ސަރަހައްދުގެ 2026 ވަނަ އަހަރުގެ ކުރިއެރުން ވެސް ވަނީ 1.1 އިންސައްތައަށް ދަށްކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450