ކުޅިވަރު

އެފްއޭ ކަޕް: ނިއު ރޭޑިއަންޓާއި ޓީސީ ފައިނަލަށް

އެފްއޭ ކަޕް: ނިއު ރޭޑިއަންޓާއި ޓީސީ ފައިނަލަށް

ޓީސީގެ ކުޅުންތެރިން ގޯލަށް ފަހު އުފާފާޅުކުރަނީ / ފޮޓޯ: ޕީއެސްއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

16 އޭޕްރީލު 2026، 07:41

16 އޭޕްރީލު 2026، 07:41

އެފްއޭ ކަޕް ސެމީ ފައިނަލުގައި ބޮޑު ތަފާތަކުން ބްލޫ ސްޕޯޓްސްގެ މައްޗަށް ކުރި ހޯދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، ވާދަވެރި ކުޅުމަކަށްފަހު ބުރު ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރި ހޯދި ޓީސީ ސްޕޯޓްސް ކްލަބުން މުބާރާތުގެ ފައިނަލްގެ ޖާގަތައް ހޯދައިފިއެވެ.

މި މުބާރާތުގައި ބުދަ ދުވަހު ހަވީރު ބައްދަލުކުރީ ނިއު ރޭޑިއަންޓާއި ބްލޫ ސްޕޯޓްސްއެވެ. އެ މެޗު ނިއު ރޭޑިއަންޓް ކާމިޔާބުކުރީ 7-0އިންނެވެ. 

އެ މެޗުގައި އެ ޓީމުގެ ފޯވާޑް އަލީ ފާސިރު ވަނީ ހެޓްރިކެއް ހަދާފައެވެ. މިއީ މި މުބާރާތުގައި އޭނާގެ 2ވަނަ ހެޓްރިކެވެ. އޭނާ ވަނީ ކުއާޓާ ފައިނަލްގައި އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ހެޓްރިކެއް ހަދާފައެވެ.

ސެމީ ފައިނަލްގައި ނިއު ރޭޑިއަންޓުގެ އެހެން ގޯލުތައް ކާމިޔާބުކުރީ އަބްދުއްލައި ބިލިޓީ އާއި އަލް ހާޖީ ގެރޯ އަދި ޙަސަން ރާއިފް އަހުމަދުއެވެ. މީގެ ތެރެއިން އަލް ހާޖީ ގެރޯ ދެ ގޯލު ކާމިޔާބުކޮށްފައިވެއެވެ. 

އަދި މި މެޗުގައި ނިއު ރޭޑިއަންޓުގެ މެދުތެރެއަށް ކުޅޭ ބްރެޒިލްގެ މިޑްފީލްޑަރު، ގޮމޭޒް ޑަ ސިލްވާ ވަނީ ތިން ގޯލަށް އެސިސްޓުކޮށްދީފައެވެ. 

އެފްއޭކަޕްގެ ފައިނަލުން ޓީސީ ޖާގަ ހޯދީ، އެ ޓީމުގެ ފޯވާޑް، ބޯޑޫ ޕްރިންސް ފަހުހާފުގައި ކާމިޔާބުކުރި ދެ ގޯލާއެކު 2-0ގެ ނަތީޖާއަކުންނެވެ. 

ދެވަނަ ހާފަށް ޓީސީ ނުކުތީ ވަރަށް ވަރުގަދަކޮށެވެ. މެޗުގެ ބޮޑުބައިގައި ބުރުން ޓީސީގެ ހަމަލާތައް ހުއްޓުވުމުގައި ކާމިޔާބީ ހޯދި ނަމަވެސް، ޓީސީން ބުރުގެ ގޯލު ފޫއަޅުވާލައި ފުރަތަމަ ލަނޑުޖެހީ 64 ވަނަ މިނެޓުގައެވެ. އަދި އެ ޓީމުގެ ދެވަނަ ގޯލު ކާމިޔާބުކުރީ އިތުރު ވަގުތުގައެވެ.

މި ކާމިޔާބާއެކީ މިއީ އަހަރުތަކަކަށްފަހު ޓީސީން ދިވެހި މަތީ ޑިވިޝަނުގެ މުބާރާތެއްގެ ފައިނަލުގައި ކުޅޭނެ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަން ޖެހެއެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 18 ވާ ހޮނިހިރު ދުވަހުގެރެއެވެ. ހަމަ އެ ދުވަހު ހަވީރު ތިންވަނަ ހޮވާ މެޗުގައި ބައްދަލުކުރާނީ ބުރު ސްޕޯޓްސް ކްލަބާއި ބްލޫ ސްޕޯޓްސް ކުލަބެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450