ޚަބަރު
ޕިކޮމާއިން ރާއްޖޭގެ ކޮންމެ ރަށެއްގައި ސަރޓިފައިޑް ކޯޗެއް ބެހެއްޓުމުގެ މަޝްރޫއުގެ ދަށުން 10 ފަރާތެއް ތަމްރީނުކޮށް ސެޓްފިކެޓް ހަވާލުކޮށްފި
ޕީކޮމާ އިން ރާއްޖޭގެ ކޮންމެ ރަށެއްގައި ލައިފް ކޯޗަކު ބެހެއްޓުމުގެ މަޝްރޫޢު ފެޑުމަށް އަދި، ދެ ފޮތެއް ނެރުމަށް ބޭއްވި ހަފްލާ ފޮޓޯ: ޕީކޮމާ
ޕްރޮފެޝަނަލް ކޯޗިންގ އެންޑް މެންޓަރިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (PCOMA) އިން ކުރިއަށްގެންދާ "ކޮންމެ ރަށެއްގައި ސަރޓިފައިޑް ލައިފް ކޯޗްއެއް" ބެހެއްޓުމުގެ މުހިއްމު މަޝްރޫޢުގެ ދަށުން، އަލަށް ތަމްރީނުވި 10 ކޯޗުންނަށް، ސެޓްފިކެޓް ހަވާލުކުރެވިއްޖެއެވެ. ސެޓްފިކެޓް ހަވާލުކުރުން އޮތީ ޤައުމީ ކުތުބުޚާނާގައި، ޑިއުޑްރޮޕް ރައިޓާރސްއިން ބޭއްވި ފޮތް ނެރުމުގެ ހަފުލާގެ ތެރޭގައެވެ.
2 އޭޕްރީލް ބޭއްވުނު މި ޚާއްޞަ ހަފްލާގައި ކޯޗިން ޕްރޮގުރާމްއިން ދަސްވެނިވި 10 ބައިވެރިއަކަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ. މިއީ 2025 ވަނަ އަހަރު އިއުލާން ކުރެވުނު "ދިވެހި ރާއްޖޭގެ ކޮންމެ ރަށެއްގައި ސަރޓިފައިޑް ކޯޗްއެއް" ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގައި ބައިވެރިވުމަށް ޝައުގުވެރިވި 35 ބައިވެރިންގެ ތެރެއިން، ތަމްރީނު ފުރިހަމަކޮށް، އެސެސްމެންޓްއިން ފާސްވެފައިވާ 10 ބައިވެރިންނެވެ.
ލައިފް ކޯޗިންގ ތަމްރީނަކީ 12 ހަފުތާގެ ކިޔެވުމާއި، އެސެސްމެންޓް އަދި 60 ގަޑިއިރުގެ ކޯޗިންގ ޕްރެކްޓިކަމް ހިމެނޭގޮތަށް ތައްޔާރު ކުރެވިފައިވާ ޕްރޮގްރާމެކެވެ. އެގޮތުން 9 ބައިވެރިއަކު ވަނީ ތަމްރީނާއި އެސެސްމެންޓް ފުރިހަމަކޮށް "ޑިއުޑްރޮޕް ލައިފް ކޯޗް ޕްރެކްޓިޝަނަރ" ސެޓްފިކެޓް ހާސިލްކޮށްފައެވެ. ލައިފް ކޯޗިންގ ޕްރޮގްރާމް ނިންމާފައިވާ ކޯޗުންނަކީ އެ ބައިވެރިއަކު މިހާރު ދިރިއުޅެމުން ގެންދާ ރަށެއްގައި ކޯޗިންގެ ޚިދްމަތް ފޯރުކޮށްދެވޭނެ ޤާބިލު ފަރާތްތަކެކެވެ.
• ނައުޝާ މަޖީދު (ކ. ހުޅުމާލެ)
• ޒާހިޔާ ދާވޫދު (ހދ. ކުޅުދުއްފުށި ސިޓީ)
• ތައުމާ ޢަބްދުﷲ (ކ.ގުރައިދޫ)
• ޢާއިޝަތު ލިއުސާ (އއ. ބޮޑުފުޅަދޫ)
• ފާތިމަތު މަލްދާ (ރ. އިނގުރައިދޫ)
• އަދުމާ މުހައްމަދު ފާރިޤު (ޅ. ހިންނަވަރު)
• އަޒުލީނާ ޤާސިމް (ގއ. ނިލަންދޫ)
• ސުހާ އިބްރާހިމް (ދ. މީދޫ)
• އާމިނަތު އަހުލާމް (ށ. ކަނޑިތީމު)
އަދި ހުސައިން ނާހިދު (ށ. ކަނޑިތީމު) ވަނީ ޓްރެއިނިންގ، އެސެސްމެންޓް އަދި ޕްރެކްޓިކަމް ފުރިހަމަކޮށް "ސާރޓިފައިޑް ޑިއުޑްރޮޕް ލައިފް ކޯޗް" ހާސިލްކޮށްފައެވެ. މީގެ އިތުރުން މެޓިކިއުލަސް ކޮންސަލްޓޭންސީގެ ފަރާތުން ހިންގާ "ޑިއުޑޮރޮޕް ލީޑަރޝިޕް ސަރޓިފައިޑް ކޯޗް" ޕްރޮގްރާމް ފުރިހަމަކޮށް އަޒާރަތު ރަޝީދު، ހޮކީގެ، ސ.ހިތަދޫ ވަނީ "ޑިއުޑްރޮޕް ލީޑަރޝިޕް ކޯޗް، ސްޕީކަރ އަދި ޓްރެއިނަރ" ހާސިލްކޮށްފައެވެ.
ޕިކޮމާއަކީ ދިވެހިރާއްޖޭގައި އުފަން ކޮންމެ ރައްޔިތަކީ ﷲސުބުހާނަހޫ ވަތަޢާލާ އަކީ ކޮންފަރާތެއްކަން ދަންނަ، އެކަލާނގެއަށް ފުރިހަމައަށް ވަކީލުކޮށް އަދި އަމިއްލަ ނަފުސަށް އިތުބާރުކުރާ ރައްޔިތަކު އުފެއްދުމަށް 2011 ވަނަ އަހަރު ރަޖިސްޓަރީ ކުރެވިފައިވާ އެން.ޖީ.އޯ އެކެވެ. ހިލޭ ސާބަހަށް ކުރިއަށް ގެންދެވުނު ތަމްރީނަކީ، މެޓިކިއުލަސް ކޮންސަލްޓޭންސީ އާއި ގުޅިގެން ކުރިއަށް ގެންދެވިފައިވާ ތަމްރީނު ތަކެކެވެ. 2023 ވަނަ އަހަރުން ފެށިގެން މެޓިކިއުލަސް ކޮންސަލްޓޭންސީގެ ފަރާތުން ވަނީ 60 ކޯޗުން ދަރިވަރުވެފައެވެ.
މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ލައިފް ކޯޗުން ބެހެއްޓުމަށް PCOMA އިން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. އެ ޖަމްޢިއްޔާއިން ބުނި ގޮތުގައި، މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް އެސޯސިއޭޝަންގެ ވެބްސައިޓް މެދުވެރިކޮށް މެންބަރަކަށް ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.
ކޯޗުން ތަމްރީނު ކުރުމުގެ އިތުރުން، މި ހަފްލާގައި "ޑިއުޑްރޮޕް ރައިޓާސް" ގެ ފަރާތުން ދެ ލިޔުންތެރިއެއްގެ ފޮތް ވަނީ ނެރެފައެވެ. އެއީ އަޒާރަތު ރަޝީދުގެ ފުރަތަމަ ފޮތް "ލަރނިންގ ޓުބީ އޮން މައި އޯން ސައިޑް " އާއި، ނަފް ސްމައިލްބުކްގެ ދެވަނަ ފޮތް "އަން ޑައުޓް އަ ލެގަސީ" އެވެ. މި ދެ ފޮތަކީވެސް އަމިއްލަ ނަފްސަށް އިތުބާރުކޮށް، ހުރި ހިސާބުން ކުރިއަށް ދިއުމަށް ހިތްވަރުދޭ، ކޯޗިންގގެ ފަލްސަފާއާ ގުޅުންހުރި ދެ ފޮތެވެ.
މި ހަފްލާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ވާހަކަދައްކަވަމުން ރީޖަނަލް އެލައެންސް ފޯ ޔޫތްގެ ޕްރެޒިޑެންޓް ޑރ. އައިޝަތު ރަފިއްޔާ ވަނީ، ފުރުސަތުތައް ހަމަހަމަކޮށް ދިނުމުގެ އިތުރުން އިންސާފުވެރިކަމާއެކު ކަންކަން ކުރުމުގެ (Equity) މުހިއްމުކަމުގެ މައްޗަށް އަލި އަޅުއްވާލައްވާފައެވެ. އަދި ޕިކޮމާ ފަދަ ޖަމްޢިއްޔާތަކުން ކުރާ މަސައްކަތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ގައުމީ ފެންވަރުގައި މިފަދަ މަޝްރޫޢުތައް ފުޅާކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ނޭޝަނަލް ލައިބްރަރީގެ ޑައިރެކްޓަރ ޖެނެރަލް ފާތިމަތު ޝިހާމް ދެއްކެވި ވާހަކަފުޅުގައި، ޒުވާން ލިޔުންތެރިންގެ އަޑު ގައުމީ ކުތުބުޚާނާގައި އިތުރުވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ވިދާޅުވިއެވެ. އަދި ފޮތް ޕަބްލިޝް ކުރުމަށް ޖާގަ ދިނުމާއި، ފޮތް ލިޔަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް ބުކް ކްލަބްތަކާއި އެކި ސެޝަންތައް ލައިބްރަރީގައި އަބަދުވެސް ކުރިއަށްދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
މި ހަފްލާއަކީ ރާއްޖޭގެ އިޖުތިމާޢީ އަދި އަދަބީ ދާއިރާއަށް އައި އާ އުންމީދެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. PCOMA އާއި ލިޔުންތެރިން ގުޅިގެން ކުރި މި މަސައްކަތަކީ އަންނަން އޮތް ޖީލުތަކަށް ނަމޫނާ އަދި މަންފާކުރަނިވި މަސައްކަތްތަކެކެވެ.