ކުޅިވަރު
ޕްލޭއޮފް ފައިނަލުން އިޓަލީ ބަލިވެ، ވޯލްޑް ކަޕުގެ ޖާގަ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ގެއްލިއްޖެ
ބޮސްނިއާގެ ކެޕްޓަން އެޑިން ޖެކޯ އިޓަލީގެ ކުޅުންތެރިއެއްގެ ކައިރިން ބޯޅަ ހިފައިގެން ދަނީ---
މި އަހަރު އޮންނަ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމަށް އިޓަލީއަށް ލިބުނު ފަހު ފުރުސަތުގެ ބޭނުން ނުހިފި، އެ ޓީމަށް ޖެހިޖެހިގެން ތިންވަނަ ވޯލްޑް ކަޕުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިއްޖެއެވެ.
ހަތަރު ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ އިޓަލީއަށް އެ ފުރުސަތު ގެއްލުނީ، ފައިނަލުގައި ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗު 1-1އިން އެއްވަރުވެ، ޕެނަލްޓީ ޝޫޓްއައުޓްގައި 4-1އިން ބަލިވުމުންނެވެ.
ފުރަތަމަ ހާފުގައި ދެއްކި ރަތް ކާޑެއްގެ ސަބަބުން ފަހު ހާފުގައި ޕްރެޝަރު ބޮޑުވެގެން ދިޔަ އިޓަލީ ބަލިކުރި ޕެނަލްޓީ ކާމިޔާބުކުރީ އެސްމިރް ބަޖްރަކްޓަރެވިޗްއެވެ. އަދި މި ކާމިޔާބާއެކު ބޮސްނިއާއަށް ވަނީ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ފުރުސަތު ލިބިފައެވެ. އެ ޓީމު ހިމެނޭ ގްރޫޕް-ބީގައި ދެން ހިމެނެނީ މުބާރާތް ބާއްވާ އެއް ޤައުމު ކަމުގައިވާ ކެނެޑާ، ދެން ސްވިޒަލޭންޑާއި ޤަޠަރެވެ.
ޕްލޭއޮފް ފައިނަލުގައި ފުރަތަމަ ލީޑު ނެގީ އިޓަލީއިންނެވެ. މެޗުގެ 15ވަނަ މިނެޓުގައި މި ގޯލު ކާމިޔާބުކުރީ ފިއޮރެންޓީނާގެ ފޯވާޑް މޮއިސް ކީންއެވެ. މެޗުގެ ކުރީކޮޅު ލީޑު ނެގިނަމަވެސް، އިޓަލީއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކަށްވީ، ފުރަތަމަ ހާފު ނިމެން 4 މިނެޓަށްވެފައި ވަނިކޮށް، އެންމެ ފަހަތަށް ކުޅެމުންދިޔަ އަލެސާންޑްރޯ ބަސްޓޯނީއަށް ރަތްކާޑު ދެއްކުމެވެ. އެއީ ބޮސްނިއާގެ އަމަރު މެމިޗްއަށް ގޯލު ޖަހަން ލިބުނު ހުސް ފުރުސަތުގައި އޭނާ ހުއްޓުވުމަށް ކުރި ޕްރޮފެޝަނަލް ފައުލަކާ ގުޅިގެން ދެއްކި ރަތްކާޑެކެވެ.
ޕެނަލްޓީ ކާމިޔާބުކުރުމަށްފަހު ބޮސްނިއާގެ ކުޅުންތެރިން އުފާފާޅުކުރަނީ---
ނަތީޖާއަކަށްވީ ފަހު ހާފުގައި އިޓަލީއަށް ލީޑު ހިފަހައްޓަން އުނދަގޫ ވުމެވެ. އެގޮތުން މެޗު ނިމެން 10 މިނެޓަށްވެފައި ވަނިކޮށް، ހާރިސް ތަބަކޮވިޗްގެ ގޯލަކުން އެ ޓީމުން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ.
ޕެނަލްޓީގައި އިޓަލީއިން ފުރަތަމަ ފޮނުވާލި ޕެނަލްޓީ އާއި ތިންވަނައަށް ފޮނުވާލި ޕެނަލްޓީ ކާމިޔާބެއް ނުކުރެވުނެވެ. ނަމަވެސް ބޮސްނިއާއިން ވަނީ އެ ޓީމުން ޖެހި 4 ޕެނަލްޓީ ކާމިޔާބުކޮށް ވޯލްޑް ކަޕުން ޖާގަ ހޯދާފައެވެ.
މިއީ ވޯލްޑް ކަޕް މީގެ ކުރިން ކާމިޔާބުކުރި ޓީމަކަށް، އެ މުބާރާތަށް ކޮލިފައިނުވެ ހޭދަވާ އެންމެ ދިގު މުއްދަތެވެ. އިޓަލީ އެންމެ ފަހުން ކޮލިފައިވެފައި ވަނީ 2010 ވަނަ އަހަރު ސައުތު އެފްރިކާގައި އޮތް ވޯލްޑް ކަޕަށެވެ.
އަދި މިއީ ބޮސްނިއާ ވޯލްޑް ކަޕަށް ކޮލިފައިވި ދެވަނަ ފަހަރުވެސް މެއެވެ.