ޚަބަރު
އެޕްރީލް މަހު ޤަޠަރު އެއާރވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށަނީ
ޤަޠަރު އެއާރވޭސް---
ފަރުދުން
30 މާރިޗު 2026، 09:13
30 މާރިޗު 2026، 09:13
އަންނަ އެޕްރީލް މަހު ޤަޠަރު އެއާރވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މި އެއާރލައިނަކީ ކުރިން ކޮންމެ ދުވަހަކު ރާއްޖެ އަންނަމުންދިޔަ ފްލައިޓެކެވެ. އަދި މި ފްލައިޓުން ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ވެސް ގެނައެވެ. ނަމަވެސް މި ދަތުރުތައް މެދުކަނޑާލަން ޖެހުނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެންނެވެ.
ޤަޠަރު އެއާރވޭސްގެ ދަތުރުތައް އަލުން ފެށުމާ ގުޅޭގޮތުން ވިޒިޓް މޯލްޑިވްސްއިން ހާމަކޮށްފައިވާ ގޮތުގައި، އެ އެއާރލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 8 ވަނަ ދުވަހުއެވެ. އަދި ކޮންމެ ހަފުތާއަކު 5 ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުތަކާ ގުޅިގެން، މެދުއިރުމައްޗާއި ޔޫރަޕް އަދި އެމެރިކާ ފަދަ ގައުމުތަކަށް ދަތުރުކުރާ ފަރާތްތަކަށް ކަނެކްޓިވިޓީ އިތުރަށް ފުޅާވެގެންދާނެއެވެ. އަދި ޖޫން މަހުގެ 15ގެ ނިޔަލަށް ދަތުރު ކުރުމަށް ޓިކެޓް ނަގާފައި ހުރި ފަސިންޖަރުންނަށް ފަސޭހައިން ދުވަސް ބަދަލުކުރެވޭނެކަމަށް ވެސް އެ އެއާރވޭސްއިން ހާމަކުރެއެވެ.
ވިޒިޓް މޯލްޑިވްސްވަނީ، މި އެއާލައިނުން ދަތުރުކުރާ ފަރާތްތައް، ފުރުމުގެ ކުރިން ފުރާ ގަޑިއާއި، ފްލައިޓު އޮންނަ ގަޑި ޔަގީންކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ބައެއް ހާލަތްތަކުގައި ފްލައިޓް ޝެޑިއުލްއަށް ބަދަލުތައް އަތުވެދާނެކަމަށާއި، އެފަދަ ހާލަތްތަކަށް ތައްޔާރުވެ ތިބުމަށް އިލްތިމާސްކުރައްވައެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދޯހާއިން ދަތުރުކުރާ ފަސިންޖަރުންނަށް ޓްރާންސިޓް އޮޕްޝަންތައް ވަރަށް ބޮޑަށް މަދުވިއެވެ. މި ޚިދުމަތްތައް އަލުން ފެށުމާއެކު ދަތުރުފަތުރުގެ ހިދުމަތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ޤަޠަރު އެއާވޭސްއިން ޤަބޫލުކުރެއެވެ.