Ads by PNC

ޚަބަރު

ހުޅުމާލެ 3ވަނަ ފިޔަވަހިން ގޯތި ލިބުނު ފަރާތްތަކާ ބިން ހަވާލުކުރަން ފަށައިފި

ހުޅުމާލެ 3ވަނަ ފިޔަވަހިން ގޯތި ލިބުނު ފަރާތްތަކާ ބިން ހަވާލުކުރަން ފަށައިފި

ހުޅުމާލެ 3ވަނަ ފިޔަވަހިން ބިން ހަވާލުކުރުން / ފޮޓޯ: ގެދޮރުވެރިކަމާ ބިނާރާބެހޭ ވުޒާރާ

farudhun logo

ފަރުދުން

26 މާރިޗު 2026، 09:41

26 މާރިޗު 2026، 09:41

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ 3ވަނަ ފިޔަވަހިން ގޯތި ލިބުނު ފަރާތްތަކާ މިއަދު ބިން ހަވާލުކުރަން ފަށައިފިއެވެ. އެގޮތުން މިއަދު ވަނީ 11 ފަރާތަކާ ބިން ހަވާލުކޮށްފައެވެ.

މި ފިޔަވަހީގައި ވަނީ 698 ފަރާތަކަށް ގޯތި ދޫކޮށްފައެވެ. އެހެންކަމުން އެ ހުރިހާ ފަރާތްތަކަށް މިއަދުން ފެށިގެން ބިން ހަވާލުކުރަމުން ގެންދާނެއެވެ.

ހުޅުމާލެ 3 ވަނަ ފިޔަވަހިން ގޯތި ލިބުނު ފަރާތްތަކަށް ބިން ދޫކުރުމާ ގުޅޭގޮތުން ދެއްވި އިންޓަވިއުއެއްގައި، އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، އެ ވުޒާރާއިން މަސައްކަތް ކުރައްވަނީ އަންނަމަހުގެ 15ގެ ކުރިން ފޭސް 3 އިން ގޯތި ލިބުނު ފަރާތްތަކަށް ބިން ޙަވާލުކުރުމުގެ މަސައްކަތް ނިންމާލުމަށް ކަމަށެވެ.

ޖުމްލަ 11 ފަރާތަކަށް މިއަދު އަޅުގަނޑުމެން ގޯތި ޙަވާލުކުރާނެ. ދެން ކޮންމެ ދުވަހަކުވެސް ސާރވޭކޮށްފަ އިން ވަކި ކުރެވޭ މިންވަރަކުން ޙަވާލު ކުރަމުން ދާނަން. އަޅުގަނޑުގެ އުއްމީދަކީ ކުރިއަށް މިއޮތް އޭޕްރިލް މަހުގެ 15ވަނަ ދުވަހާ ހަމައަށް ގޯތި ލިބުނު ފަރާތްތަކުން އެދިވަޑައިގަންނަވާ މިންވަރަކުން ބިން ޙަވާލުކުރުން.

ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

މިއަދު ބިން ހަވާލުކުރަން ފަށާފައިވާއިރު، ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން މިއަދާ ހަމައަށް ޖުމްލަ 337 ފަރާތަކަށް ރަޖިސްޓްރީ ޙަވާލުކޮށްފައިވާކަމަށް، ސްޓޭޓް މިނިސްޓަރ އަޙްމަދު ވަނީ ވިދާޅުވެފައެވެ.

ހުޅުމާލެ 3ވަނަ ފިޔަވަހިން ގޯތި ލިބުނު ފަރާތްތަކަށް ގޯތި އޮންނަ ސަރަޙައްދު ނުވަތަ ޕްލޮޓް ކަނޑައެޅުމަށް އެކަމުގެ ގުރުއަތު ނަގާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 20ވަނަ ދުވަހުއެވެ.

ހުޅުމާލެ 3ވަނަ ފިޔަވަހިން ބިން ހަވާލުކުރުން / ފޮޓޯ: ގެދޮރުވެރިކަމާ ބިނާރާބެހޭ ވުޒާރާ

މި ސަރަޙައްދުން މިދިޔަ ސަރުކާރުން ގޯތި ދޫކޮށްފައި ވަނީ ބިން ހިއްކުމުގެ ކުރިންނެވެ. އަދި ބިން ދޫކުރި ނަމަވެސް، ބިން ހިއްކުމުގެ މަސައްކަތް އެކިފަހަރުގެ މަތިން ފަށައި، އެކަން ފުރިހަމަކޮށް ނިމުމާ ހިސާބަށް ގޮސްފައެއް ނުވެއެވެ. އެހެންކަމުން ހުޅުމާލެ 2ވަނަ ފިޔަވަހިން ގޯތިތައް ކަނޑާ ދޫކުރަމުންދިޔައިރު، ތިންވަނަ ފިޔަހިން ގޯތި ލިބުނު މީހުންނަށް ބިން ނުލިބުމުގެ ޝަކުވާ އެ ސަރަޙައްދުން ގޯތި ލިބުނު މީހުން ދިޔައީ ހުށައަޅަމުންނެވެ.

އަދި އެ ޝަކުވާތައް އިތުރުވެފައިވުމާއި، މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކުރުންކަމުން، މި ސަރުކާރުން އެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި ހަވާކޮށް، ބާރު ދުވެލީގައި ބިންހިއްކާ ނިންމާލިއެވެ.

އެ ސަރަޙައްދުން ވަނީ 7 ސައިޒެއްގެ ގޯތި ދޫކުރުމަށް ނިންމާފައެވެ. އެއީ  1650 އަކަފޫޓުގެ 181 ގޯއްޗާއި، 2050 އަކަފޫޓުގެ 242 ގޯއްޗާއި 2450  އަކަފޫޓުގެ 132 ގޯތި 2850  އަކަފޫޓުގެ 62 ގޯއްޗާއި،  3250 އަކަފޫޓުގެ 41 ގޯއްޗާއި،  3650އަކަފޫޓުގެ 16 ގޯތީގެ އިތުރުން  4000 އަކަފޫޓުގެ 24 ގޯއްޗެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450