ޚަބަރު
ފަސް ރަށެއްގެ ޞިއްޙީ ޚިދުމަތްތަކާ ގުޅޭ މަޝްރޫޢުތަކެއް ތިން ކުންފުންޏަކާ ހަވާލުކޮށްފި
ފަސް ރަށެއްގެ ޞިއްޙީ ޚިދުމަތްތަކާ ގުޅޭ މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުން---
ފަރުދުން
26 މާރިޗު 2026، 09:29
26 މާރިޗު 2026، 09:29
ފަސް ރަށެއްގެ ޞިއްޙީ ޚިދުމަތްތަކާ ގުޅޭ މަޝްރޫޢުތަކެއް ތިން ކުންފުންޏަކާ ހަވާލުކޮށްފިއެވެ. މީގެ ތެރޭގައި ހިމެނެނީ، ބައެއް ޞިއްޙީ މަރުކަޒުތަކުގެ ޚިދުމަތްތައް ފުޅާ ކުރުމަށްޓަކައި އައު އިމާރާތްތައް ޤާއިމްކުރުމުގެ މަސައްކަތްތަކެވެ.
މި މަސައްކަތްތައް ހަވާލުކޮށްފައި ވަނީ ސަރުކާރު ހިއްސާވާ ތިން ކުންފުންޏަކާއެވެ. އެއީ މޯލްޑިވްސް ޓްރާންސްޕޯޓްސް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)، ރޯޑު ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއެވެ.
މި މަސައްކަތްތައް ހަވާލުކުރުމުގެ ގޮތުން ޞިއްޙީ ވުޒާރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، އެ ވުޒާރާގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ސްޓޭޓު މިނިސްޓަރު އިސްމާއީލު އަބްދުﷲއެވެ.
ޞިއްޙީ ޚިދުމަތްތަކާ ގުޅޭ 5 މަޝްރޫޢު ކުރިޔަށް ގެންދާ ރަށްތަކާއި މަޝްރޫޢުތައް:
ގދ. ހޯނޑެއްދޫ: ޞިއްޙީ މަރުކަޒުގެ އިމާރާތަށް ޖާގަ އިތުރުކުރުމުގެ ގޮތުން އައު އިމާރާތެއް އެޅުން
ރ. މާކުރަތު: ޞިއްޙީ މަރުކަޒުގެ އިމާރާތަށް ޖާގަ އިތުރުކުރުމުގެ ގޮތުން އައު އިމާރާތެއް އެޅުން
ރ. ވާދޫ: ޞިއްޙީ މަރުކަޒުގެ އިމާރާތަށް ޖާގަ އިތުރުކުރުމުގެ ގޮތުން އައު އިމާރާތެއް އެޅުން
ތ. ކަނޑޫދޫ: އައު ޞިއްޙީ މަރުކަޒުގެ އިމާރާތުގައި ނުނިމިހުރި މަސައްކަތްތައް ނިންމުން
ކ. ހިންމަފުށި: ޞިއްޙީ މަރުކަޒުގެ އައު އިމާރާތް އެޅުން
އެގޮތުން ގދ. ހޯނޑެއްދޫގައި ކުރިޔަށްގެންދާ މަޝްރޫޢުގެ ތެރެއިން ނާސް ސްޓޭޝަނާއި، ހަތަރު އެނދުގެ ވޯޑަކާއި، ޕްރައިވެޓް ރޫމާއި، ޕްރޮސީޖާރ ރޫމާއި، ލެބޯޓަރީއާ، ޕަބްލިކް ހެލްތު ޔުނިޓާއި، މީޓިން ހޯލާއި، ސްޓޯ ރޫމަކާއި ލޯންޑްރީއެއް ޤާއިމްކުރުން ހިމެނެއެވެ. މި މަސައްކަތް 365 ދުވަހުން ނިންމުމަށް ހަވާލުކުރީ އާރުޑީސީއާއެވެ. އަދި މަސައްކަތުގެ އަގަކީ 8.1 މިލިއަން ރުފިޔާއަށެވެ.
އަދި މާކުރަތުގައި ކުރިޔަށްގެންދާ މަޝްރޫޢުގެ ތެރެއިން ނާސް ސްޓޭޝަނާއި، ހަތަރު އެނދުގެ ވޯޑަކާއި، ޕްރައިވެޓް ރޫމާއި، ޕްރޮސީޖާރ ރޫމާއި، ލެބޯޓަރީ ހިމެނޭ އައު އިމާރާތް އެޅުމަށް ހަވާލުކުރީ ފެނަކައާއެވެ. މި މަސައްކަތް 300 ދުވަހުން ނިންމަންޖެހޭއިރު، މަސައްކަތުގެ އަގަކީ 5.1 މިލިއަން ރުފިޔާއެވެ.
ވާދޫގައި ނާސް ސްޓޭޝަނާއި، ހަތަރު އެނދުގެ ވޯޑަކާއި، ޕްރޮސީޖާރ ރޫމާއި، ލެބޯޓަރީގެ އިތުރަށް، ގަރާޖާއި، ސްޓޯ ރޫމުތަކާއި، ލޯންޑްރީ ހިމެނޭ އިމާރާތެއް އެޅުމަށް ހަވާލުކުރިއިރު، އެ މަސައްކަތަކީ 365 ދުވަހުން ނިންމާ ގޮތަށް 5.7 މިލިއަން ރުފިޔާގެ އަގަކަށް ހަވާލުކުރި މަސައްކަތެކެވެ.
މީގެ އިތުރުން ކަނޑޫދޫގެ އައު ޞިއްޙީ މަރުކަޒުގެ އިމާރާތުގައި ނުނިމިހުރި މަސައްކަތްތައް ނިންމުމަށް ހަވާލުކުރީ 21.8 މިލިއަން ރުފިޔާއަށެވެ. އެ މަސައްކަތުގެ މުއްދަތަކީ 390 ދުވަހެވެ.
އަދި ހިއްމަފުށީގައި ނާސް ސްޓޭޝަނާއި، ހަތަރު އެނދުގެ ދެ ވޯޑާއި، ދެ ޕްރައިވެޓް ރޫމާއި، ޕްރޮސީޖާރ ރޫމާއި، ލެބޯޓަރީއާ، ގަރާޖާއި، ޖެނެރަލް އަދި މެޑިކަލް ސްޓޯ ރޫމުތަކާއި، އެކްސްރޭ ރޫމު ހިމެނޭ އައު އިމާރާތް އެޅުމަށް ހަވާލުކުރީ 11.2 މިލިއަން ރުފިޔާއަށް 360 ދުވަހުން މަސައްކަތް ނިންމާ ގޮތަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރުން އަންނަނީ ރާއްޖޭގެ ސީއްޙީ ނިޒާމު ހަރުދަނާކޮށް، ޚިދުމަތްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.