Ads by PNC

ޚަބަރު

ހުޅުމާލެ 3ވަނަ ފިޔަވަހިން ގޯތި ހަވާލުކުރުމުގެ ގޮތުން އިންފާރު ވަކިކުރުމުގެ މަސައްކަތް ކުރިޔަށް

ހުޅުމާލެ 3ވަނަ ފިޔަވަހިން ގޯތި ހަވާލުކުރުމުގެ ގޮތުން އިންފާރު ވަކިކުރުމުގެ މަސައްކަތް ކުރިޔަށް

ހުޅުމާލެ 3ވަނަ ފިޔަވަހިން ގޯތި ހަވާލުކުރުމުގެ ގޮތުން އިންފާރު ވަކިކުރުމުގެ މަސައްކަތް ކުރަނީ / ފޮޓޯ: އެޗްޑީސީ

farudhun logo

ފަރުދުން

26 މާރިޗު 2026، 08:01

26 މާރިޗު 2026، 08:01

ހުޅުމާލެ 3ވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ހަވާލުކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންދާކަމަށް، ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހާމަކޮށްފިއެވެ.

އެޗްޑީސީއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ އާއި އެ ކޯޕަރޭޝަނުން ގުޅިގެން ގޯތިތަކުގެ އިންފާރު ވަކިކުރުމުގެ މަސައްކަތާއި، ސާރވޭ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ސަރަޙައްދުން މިދިޔަ ސަރުކާރުން ގޯތި ދޫކޮށްފައި ވަނީ ބިން ހިއްކުމުގެ ކުރިންނެވެ. އަދި ބިން ދޫކުރި ނަމަވެސް، ބިން ހިއްކުމުގެ މަސައްކަތް އެކިފަހަރުގެ މަތިން ފަށައި، އެކަން ފުރިހަމަކޮށް ނިމުމާ ހިސާބަށް ގޮސްފައެއް ނުވެއެވެ. އެހެންކަމުން ހުޅުމާލެ 2ވަނަ ފިޔަވަހިން ގޯތިތައް ކަނޑާ ދޫކުރަމުންދިޔައިރު، ތިންވަނަ ފިޔަހިން ގޯތި ލިބުނު މީހުންނަށް ބިން ނުލިބުމުގެ ޝަކުވާ އެ ސަރަޙައްދުން ގޯތި ލިބުނު މީހުން ދިޔައީ ހުށައަޅަމުންނެވެ.

އަދި އެ ޝަކުވާތައް އިތުރުވެފައިވުމާއި، މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކުރުންކަމުން، މި ސަރުކާރުން އެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި ހަވާކޮށް، ބާރު ދުވެލީގައި ބިންހިއްކާ ނިންމާލިއެވެ. 

އެގޮތުން ހުޅުމާލެ 3ވަނަ ފިޔަވަހީގެ ގޮތުގައި 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 25ވަނަ ދުވަހުއެވެ.



ބިން ހިއްކުމުގެ މަސައްކަތް ނިމި، މިހާރު ކުރަމުންދަނީ އެ ބިމުން ގޯތި ލިބުނު މީހުންނަށް ބިން ދޫކުރުމުގެ މަސައްކަތްތަކެވެ.

އެ ސަރަޙައްދުން ވަނީ 7 ސައިޒެއްގެ ގޯތި ދޫކުރުމަށް ނިންމާފައެވެ. އެއީ  1650 އަކަފޫޓުގެ 181 ގޯއްޗާއި، 2050 އަކަފޫޓުގެ 242 ގޯއްޗާއި 2450  އަކަފޫޓުގެ 132 ގޯތި 2850  އަކަފޫޓުގެ 62 ގޯއްޗާއި،  3250 އަކަފޫޓުގެ 41 ގޯއްޗާއި،  3650އަކަފޫޓުގެ 16 ގޯތީގެ އިތުރުން  4000 އަކަފޫޓުގެ 24 ގޯއްޗެވެ.

މި ސަރަޙައްދުން ދޫކުރާ ގޯތިތަކުގެ ޕްލޮޓް ކަނޑައަޅާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 20ވަނަ ދުވަހުއެވެ. އަދި މިހާރު ކުރަމުންދަނީ ގޯތީގެ އެގްރިމަންޓްތަކުގައި ސޮއިކޮށް، ރެޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތްތަކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450