ޚަބަރު
ޢިމާރާތްކުރުމުގެ ޤަވާއިދުތަކަށް އަހުލުވެރިކުރުމަށް އޮންލައިން ޕްރޮގްރާމެއް ބާއްވަނީ
ކޮންސްޓްރަކްޝަން ސައިޓެއް---
ޢިމާރާތްކުރުމުގެ ޤަވާއިދުތަކަށް އަހުލުވެރިކުރުމަށް އޮންލައިން ޕްރޮގްރާމެއް ބޭއްވުމަށް ނިންމައި، އެ ޕްރޮގްރާމުގެ މަޢުލޫމާތު އިމާރާރާތްކުރުމާ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މި ޕްރޮގްރާމް އަމާޒުކުރަނީ އާންމުންނާއި އަދި ޢިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށެވެ.
އަދި މި ސެޝަންތަކުގެ މައިގަނޑު މަޤްސަދަކީ ޢިމާރާތްކުރުމުގެ ޤާނޫނާއި، މިޤާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ޤަވާއިދުތަކަށް އާންމުންނާއި ޢިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އަހުލުވެރިކުރުމެވެ.
މި ސެޝަންތަކުގައި އިމާރާތްކުރުމުގެ މަސައްކަތާއި ގުޅުންހުރި ހުއްދަތައް ދިނުމާއި، ކުރެހުން ފާސްކުރުމާއި އަދި ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު އަމަލުކުރަން އޮންނަ ގޮތުގެ މަޢުލޫމާތުތައް ފޯރުކޮށްދެވޭނެކަމަށް ވެސް އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ.
އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ސެޝަންތައް ކުރިޔަށް ގެންދާނީ ދެ ބަޔަކަށް ބަހާލައިގެން، މި އަހަރު ތެރޭގައެވެ.
މި ޕްރޮގްރާމްގެ މި އަހަރުގެ ފުރަތަމަ ބައިގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެ ފުރުސަތު އޮތީ 30 މާރިޗު 2026 ފެށިގެން 02 އޭޕްރިލް 2026 ވަނަ ދުވަހުގެ ނިޔަލަށެވެ.