Ads by PNC

ޚަބަރު / ވިޔަފާރި

ލޮޖިސްޓިކްސްގެ މައި ނެޓްވޯކަށް ވަނުމުގެ ފުރުޞަތު އަމިއްލަ ކުންފުނިތަކަށް މިހާރު ވަނީ ތަނަވަސްވެފަ: ވަޒީރު ސަޢީދު

ލޮޖިސްޓިކްސްގެ މައި ނެޓްވޯކަށް ވަނުމުގެ ފުރުޞަތު އަމިއްލަ ކުންފުނިތަކަށް މިހާރު ވަނީ ތަނަވަސްވެފަ: ވަޒީރު ސަޢީދު

މިނިސްޓަރ ސަޢީދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 މާރިޗު 2026، 11:34

24 މާރިޗު 2026، 11:34

ރާއްޖޭގެ ލޮޖިސްޓިކްސް ދާއިރާ ހަރުދަނާކުރުމަށްޓަކައި ޤާއިމްކުރި މައި ނެޓްވޯކްގެ ތެރެއަށް ރާއްޖޭގައި ގާއިމްވެތިބި އަމިއްލަ ކުންފުނިތަކަށްވެސް ވަނުމުގެ ފުރުސަތު މިހާރު ފަހިވެފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

 ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ސަޢީދު ވިދާޅުވީ، ރާއްޖޭގައި އޮންނަ ބައިނަލްއަޤުވާމީ ތިން ބަނދަރު ކަމަށްވާ މާލޭ ވިޔަފާރި ބަނދަރު، ކުޅުދުއްފުށި ޕޯޓު އަދި އައްޑޫ ސިޓީ ވިޔަފާރި ބަނދަރު ލޮޖިސްޓިކަލީ ގުޅުވައިދޭނެ މައި ނެޓްވޯކެއް "އެންކާ" ގެ ނަމުގައި ހިންގަމުންދާ ކަމަށެވެ. މި ނެޓްވޯކްގެ ތެރެއިން އަމިއްލަ ކުންފުނިތަކަށް ވިޔަފާރީގެ ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށާއި، މިއީ ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ ނިޒާމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އަމިއްލަ ފަރާތްތަކަށް ފުރުޞަތު ދިން ނަމަވެސް، މި ނެޓްވޯކް ހިންގުމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިސްދައުރެއް އަދާކުރަންޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެއީ ކޮންމެފަދަ ދަނޑިވަޅެއްގައިވެސް ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި ހުއްޓުމެއްނެތި ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަކަށް ވާތީ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް މެދުއިރުމަތީގެ ހަނގުރާމައިގެ ހާލަތާ ގުޅިގެން މިފަދަ ނިޒާމެއްގެ މުހިންމުކަން ބޮޑުވެފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޤައުމީ ފެންވަރުގައި ތަކެތި ރައްކާކުރެވޭނެ ނިޒާމު ނުވަތަ ނޭޝަނަލް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. "ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޑްރައި އަދި ވެޓް ސްޓޯރޭޖްތައް ޤާއިމްކުރުމުގެ މަސައްކަތްތައް ކުރެވެމުންދޭ، މި ނިޒާމު ފުރިހަމަވުމުން އާބަން ސެންޓަރުތަކުގެ އިތުރުން ރަށްރަށަށްވެސް ބޭނުންވާ މުދަލާއި ކާބޯތަކެތި ފަސޭހައިން ލިބޭނެ މަގު ފަހިވެގެންދާނެ" ވަޒީރު ވިދާޅުވިއެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ތެޔޮ ލިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އޮތް ނަމަވެސް، އެސްޓީއޯއިން ތެލާއި ގޭހުގެ ސްޓޮކް ހުސްނުވެ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހުވެސް ތެލުގެ އައު ޝިޕްމަންޓެއް ގެނެސްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ސަރުކާރުން މިހާރު ވަނީ ރާއްޖޭގެ ތިން ސަރަޙައްދެއްގައި، އެއް އަހަރު ދުވަހަށް ބޭނުންވާ ވަރަށް ތެޔޮ ރައްކާކުރެވޭނެ ޤައުމީ ރިޒާވްއެއް ޤާއިމްކުރުމަށް ނިންމަވާފައެވެ. މިއީ ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ދިގު މުއްދަތަކަށް ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ހާމަކުރައްވައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450