ޚަބަރު
ބޯހިޔާވަހިކަމަށް އެދި ހުށަހަޅާ ފަރާތްތަކުން ދޫކޮށްލާ ބިން އަދި ފްލެޓާމެދު ޢަމަލު ކުރާނެ އުސޫލު އާންމުކޮށްފި
ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓުތަކެއް----
ފަރުދުން
24 މާރިޗު 2026، 10:53
24 މާރިޗު 2026، 10:53
މާލޭ ސަރަޙައްދުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅާ ފަރާތްތަކުން ދޫކޮށްލުމަށް އެއްބަސްވާ ބިމާއި އަދި ފްލެޓާމެދު ޢަމަލު ކުރާނެ އުސޫލު، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އާންމުކޮށްފިއެވެ.
އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި އުސޫލަކީ، ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ ޕްރޮގްރާމުތަކުގެ ދަށުން، މާލެ ސަރަހައްދުން ފުލެޓާއި ގޯތި ދޫކުރުމަށް އެކުލަވާލާފައިވާ އެކިއެކި އުސޫލުތަކުގެ ދަށުން، ފުލެޓާއި ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހަޅާ މީހުން އެ އުސޫލުތަކުގައި ބަޔާން ކޮށްފައިވާ ހާލަތްތަކުގައި ގޯއްޗާއި ފުލެޓު ދޫކޮށްލުމުގައި އަމަލުކުރާނެ ގޮތުގެ ތަފުސީލީ އިޖުރާތުތައް ބަޔާންކޮށްފައިވާ އުސޫލެކެވެ.
"ގްރޭޓަރ މާލެ ސަރަހައްދުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅާ ފަރާތްތަކުން ދޫކޮށްލުމަށް އެއްބަސްވާ ބިމާއި، ފުލެޓު ދޫކޮށްލުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު" އާ ގުޅޭ
— Ministry of Construction, Housing & Infrastructure (@MoCImv) March 23, 2026
އިއުލާނު: https://t.co/taaINJQo7M
އުސޫލު: https://t.co/ZSwrvD1iKz pic.twitter.com/lxNrhbPTaC
އަދި މި އުސޫލު އައުމާ ގުޅިގެން މުސްތަޤުބަލުގައި މާލެ ސަރަޙައްދުން ގޯއްޗާއި ފުލެޓު ދޫކުރުމާ ގުޅޭ ގޮތުން އާންމުކުރާ އުސޫލުގެތަކުގެ ދަށުން ދޫކޮށްލާ ގޯއްޗާއި ފުލެޓު ދޫކޮށްލުމުގައި ވެސް އަމަލުކުރާނީ މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ކަމަށް، އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
އެ އުސޫލުގައިވާ ގޮތުން، ދޫކޮށްލާ ގޯތި ނުވަތަ ފްލެޓު، އަގަކާ ނުވަތަ ބަދަލަކާ ނުލައި، އެ މީހެއްގެ މަންމަ ނުވަތަ ބައްޕައަށް ނުވަތަ އެ މީހެއްގެ އުފަން ދަރިއަކަށް ނުވަތަ އަނބިމީހާ ނުވަތަ ފިރިމީހާއަށް ދެވޭނެއެވެ. މީގެއިތުރުން އެ މީހެއްގެ އެއްބަނޑުއެއްބަފާ މީހުންނަށް ވެސް އެ ތަން ދެވިދާނެއެވެ.
ނަމަވެސް ބައެއް ޙާލަތްތަކުގައި އެއްވެސް އަގަކާ ނުވަތަ ބަދަލަކާ ނުލައި ދައުލަތަށް ބިން ދޫކޮށްލަން ޖެހެއެވެ. އެއީ އަލަށް ލިބޭ ގޯތީގެ ސަބަބުން ނުވަތަ ކުރީގެ ބިމުގެ ކުޑަބޮޑުމިނުގެ ސަބަބުން އިމާރާތްކުރުމަށް ދަތިވާ ހާލަތްތަކާއި އަދި ސަރުކާރުގެ ވަކި ހާއްސަ ސްކީމްތަކެއްގެ (މިސާލަކަށް "ބިންވެރިޔާ" ސްކީމް) ދަށުން ގޯތި ލިބުނު މީހުންނެވެ.
މި އުސޫލުގެ ދަށުން ފްލެޓެއް ދޫކޮށްލާނަމަ، އެ ފްލެޓެއް ހުންނަން ޖެހޭނެ ހާތަލު ވެސް ބަޔާންކޮށްފައިވެއެވެ. އެގޮތުން ފުލެޓު ދޫކޮށްލަން ވާނީ އެ ތަނެއް ހަވާލުކުރިއިރު ހުރި ގޮތަށް، އެކަށީގެންވާ ފެންވަރެއްގައި މަރާމާތުކުރުމަށް ފަހުގައިކަމަށް ވަނީ ބުނެފައެވެ. އަދި ފުލެޓު ދޫކޮށްލުމުގެ އިޖުރާތުތައް ފުރިހަމަކޮށް، 30 ދުވަހުގެ ތެރޭގައި އެކަން މިނިސްޓްރީ އަށް އަންގަން ޖެހެއެވެ.
އެ އުސޫލުގެ ބޭނުމަށް މާލެ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައި ވަނީ މާލެ، ހުޅުމާލެ، ވިލިނގިލި، ތިލަފުށި، ގުޅިފަޅު، ގިރާވަރުފަޅު އަދި އުތުރުތިލަފަޅެވެ.