ޚަބަރު
ހަނގުރާމަ ދިގުލާ ދިޔަޔަސް، ޚަރަދުތައް ކުޑަކުރާނީ ރައްޔިތުންނަށް ތަކުލީފަކަށް ނުވާގޮތަށް: ޚާރިޖީ ވަޒީރު
ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
އެމެރިކާ އާއި އިޒްރޭލުން ގުޅިގެން އިރާނަށް ހަމަލާ ދިނުމާ ގުޅިގެން ފެށިގެންދިޔަ ހަނގުރާމަ ދިގުލާ ދިޔަޔަސް، ޚަރަދުތައް ކުޑަކުރާނީ ރައްޔިތުންނަށް ތަކުލީފަކަށް ނުވާގޮތަށްކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން ރާއްޖޭގެ ހާލަތު ދިރާސާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޚާއްޞަ ކޮމެޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ކޮމެޓީގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމުގެ ގޮތުން ރާއްޖޭގެ ޙާލަތު ވަރަށް ގާތުން ދިރާސާކުރަމުންދާ ކަމަށާއި، އަދި އެއަށްފަހު އަޅަންޖެހޭ ކުރު ރާސްތާ އަދި ދިގު ރާސްތާ ފިޔަވަޅުތައް ވެސް އަޅަމުންދާކަމަށެވެ.
އެގޮތުން ހަނގުރާމަ ދިގުލައިގެން ދާނަމަ، ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް ޢަމަލުކުރާނެ ޕްލޭންތަކެއް އެކުލަވާލުމުގެ މަޝްވަރާތައްވެސް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން މިވަގުތު އެ ކޮމެޓީއިން އެންމެ ބޮޑު އިސްކަމެއް ދެނީ ތެލާއި ކާބޯތަކެތި މެދުނުކެނޑި ލިބުން ކަށަވަރުކުރުމަށް ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެއަށް ތެޔޮ ގެންނަނީ މެދުއިރުމަތިން ކަމަށްވުމާއެކު، ތެޔޮ ހޯދުމުގައި އަވަށްޓެރި ޤައުމުތަކާއެކު މަޝްވަރާކޮށް، އެކަމުގައިވެސް ކުރިއެރުންތަކެއް ހޯދިފަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ހަމައެއާއެކު ކާބޯތަކެތީގެ ރައްކާތެރިކަން އިތުރު ކުރުމުގެ ގޮތުން ރާއްޖޭގައި ތަކެތީގެ ސްޓޮކް ރައްކާކުރެވޭ މިންވަރު އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ތެލުގެ ކަންކަމުގައި މަޝްވަރާ ކުރަމުންދަނީ ވަކި ޤައުމަކަށް ބަރޯސާނުވެ އެ ޚިދުމަތް ހޯދުން ޑައިވަރސިފައިކުރަން. އަދި ޒަރޫރީ ކާބޯތަކެތި ހޯދުމަށް އިތުރު މާކެޓް ތަކާއެކު ކުރަމުންދާ މަސައްކަތްތައްވެސް އިތުރު ހަރުފަތަކަށް ގެންދެވިއްޖެ. ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރަން ޕްލޭންތައް ދަނީ ހަދަމުން." ވަޒީރު ޚަލީލު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް އެހީތެރިކަން ދިނުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ. އެގޮތުން ޔޫއޭއީގެ ފުޖޭރާ ސަރަޙައްދުގައި ތިބި 3 ދަރިވަރަކު ރައްކާތެރި ސަރަޙައްދުތަކަށް ގެންދިޔުމުގައި ވަނީ އެހީތެރިކަން ދީފައެވެ.