ޚަބަރު
ހުޅުދުއްފާރުގެ އިޚްތިޞާޞްގައި ގާއުނޑޫދޫ ހަމަޖައްސައިފި
ރައީސުލްޖުމްހޫރިއްޔާ ހުޅުދުއްފާރު މުއައްސަސާތަކާ ބައްދަލުކުރެއްވުން---
ފަރުދުން
20 މާރިޗު 2026، 04:33
20 މާރިޗު 2026، 04:33
ރ. ހުޅުދުއްފާރުގެ އިޚްތިޞާޞްގެ ތެރޭގައި މީގެ ކުރިން ހަމަޖެއްސުމަށްފަހު، އޭގެ ފަހުން އެ ރަށުގެ އިޚްތިޞާޞުން ވަކިކޮށްފައިވާ ގާއުނޑޫދޫ އަލުން ހުޅުދުއްފާރުގެ އިޚްތިޞާޞްގައި ހިމެނުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
އެ މަނިކުފާނު މިގޮތަށް ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން ނެރުއްވި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުންނެވެ.
މީގެކުރިން، 2020ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ރ. ހުޅުދުއްފާރުގެ އިޚްތިޞާޞްގައި ރ. ގާއުނޑޫދޫ ހިމަނުއްވާފައިވީނަމަވެސް، ސިނާޢީ ބޭނުމަކަށްޓަކައި ރ. ހުޅުދުއްފާރުގެ އިޚްތިޞާޞްއިން އެ ރަށް އުނިކުރީ 2021 އޮގަސްޓް 25 ވަނަ ދުވަހެވެ. އަދި މާޅޮސްމަޑުލު އުތުރުބުރި ހުޅުދުއްފާރުގެ އިޚްތިޞާޞްއިން ގާއުނޑޫދޫ ވަކިކުރެވި ބޭނުންކުރެވެމުންދިޔައީ ސިނާޢީ މަސައްކަތަކަށްޓަކައި މިނިސްޓްރީ އޮފް އެގްރިކަލްޗަރގެ ބެލުމުގެ ދަށުންނެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކުގައި ހިމެނޭ މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރުގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، މި ޤަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ.
ނަމަވެސް ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން އަނެއްކާ ވެސް ރ. ހުޅުދުއްފާރުގެ އިޚްތިޞާޞްގެ ތެރޭގައި ގާއުނޑޫދޫ ހިމެނީއެވެ.