ދުނިޔެ
ޔޫއޭއީއަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކާ ކުރިމަތިލުމަށް ތައްޔާރަށް އޮތްކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެ
ޔޫއެއީއަށް ދިން ހަމަލާގައި އަނިޔާވިމީހަކާ ޔޫއޭއީގެ ރައީސް ބައްދަލުކުރައްވަނީ
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ފުޅާވެ، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި ގަލްފުގެ ގައުމުތަކަށް އީރާނުން ޑްރޯނާއި މިސައިލް ހަމަލާތައް ދެމުންދާތީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް، ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާން ފުރަތަމަ ފަހަރަށް މިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވައިފިއެވެ.
ހޮނިހިރު ދުވަހު އަބޫދާބީ ޓީވީން ދެއްކި ވީޑިއޯއެއްގައި، ހަމަލާތަކުގައި އަނިޔާވި މީހުންނަށް ޒިޔާރަތް ކުރައްވަމުން ޝައިޚް މުޙައްމަދު ވިދާޅުވީ "ޔޫއޭއީއަކީ ފަސޭހައިން ޝިކާރަކުރެވޭނެ ގައުމެއް ނޫން" ކަމަށެވެ. އަދި އެ ގައުމުގެ އެއާޕޯޓްތަކާއި، ފަތުރުވެރިކަމުގެ މަރުކަޒުތަކާއި، ދުބާއީގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާ ގުޅިގެން، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރިމަތިވާ ކޮންމެ ނުރައްކަލަކާ ކުރިމަތިލުމަށް ޔޫއޭއީ އޮތީ ތައްޔާރަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދުބާއީގެ މީޑިއާ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ވައިގެ މަގުން އައި ހަމަލާއެއް ހުއްޓުވުމުގެ ތެރޭގައި އޭގެ ބައިތައް ވެއްޓި، ދުއްވަމުންދިޔަ އުޅަނދެއްގައި ޖެހި އޭޝިއާގެ ޑްރައިވަރަކު ވަނީ މަރުވެފައެވެ. މި ހަމަލާތަކުގެ ސަބަބުން ގަލްފުގެ ވައިގެ ދަތުރުފަތުރަށާއި ތެލާއި ގޭހުގެ އުފެއްދުންތަކަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ.
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ކުރިން އަވަށްޓެރި ގައުމުތަކުގެ ކިބައިން މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އީރާނުގެ ޖުޑިޝަރީގެ އިސްވެރިޔާ ޣުލާމްހުސައިން މުޙްސިނީ އެޖެއީ ވަނީ އެ ވާހަކަތަކާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. އެޖެއީ ވިދާޅުވީ ސަރަހައްދުގެ ބައެއް ގައުމުތަކުގެ ބިންތައް އެމެރިކާއަށް ބޭނުންކުރަން ދީފައިވާ ކަމުގެ ހެކި އެބަހުރި ކަމަށާއި، އެ ތަންތަނަށް ދޭ ހަމަލާތައް ކުރިއަށްދާނެ ކަމަށެވެ.
މީގެ އިތުރުން، އީރާނުގެ ކިޝްމް އައިލެންޑްގައި ހުންނަ ފެން ސާފުކުރާ ޕްލާންޓަކަށް އެމެރިކާއިން ދިން ހަމަލާގެ ބަދަލުހިފުމުގެ ގޮތުން، ބަހްރޭންގައި ހުންނަ އެމެރިކާގެ ޖުފައިރު އެއާބޭސްއަށް ހަމަލާދީފައިވާ ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ވަނީ ބުނެފައެވެ. އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވީ، އަވަށްޓެރި ގައުމުތަކުގެ ވައިގެ ސަރަހައްދާއި ކަނޑުގެ ސަރަހައްދު އީރާނާ ދެކޮޅަށް ބޭނުން ނުކުރާނަމަ، މަސްލަހަތު ގާއިމުކުރަން އީރާނުން ތައްޔާރު ކަމަށެވެ.