ކުޅިވަރު
ރޮނާލްޑޯ ހިތްހަމަ ނުޖެހުނު މައްސަލާގައި ސައުދީ ލީގަށް ކްރޫޒް ފާޑުކިޔައިފި
ރޮނާލްޑޯ އާއި ކްރޫޒް ރެއާލް މެޑްރިޑަށް ކުޅުނުއިރު---
ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް ނަސްރަށް ކުޅެމުން އަންނަ ދުނިޔޭގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކްލަބާމެދު އުފެދުނު ހިތްހަމަނުޖެހުންތަކާ ގުޅޭ މައްސަލާގައި، ސައުދީ އަރަބިއްޔާގެ ފުޓުބޯޅަ ލީގުން ދޭންޖެހޭ އިޚްތިރާމް ރޮނާލްޑޯއަށް ނުދޭކަމަށް ބުނެ، ރެއާލް މެޑްރިޑާއި ޖަރުމަނުގެ ފުޓުބޯޅަ ލެޖެންޑް، ޓޮނީ ކްރޫޒް ފާޑުކިޔައިފިއެވެ.
ރިޕޯޓުތައް ބުނާގޮތުން، ރޮނާލްޑޯ ހިތްހަމަ ނުޖެހުނީ އަލް ނަސްރު ހިންގަމުން އަންނަ، ސައުދީ އަރަބިއްޔާގެ ޕަބްލިކް އިންވެސްޓްމެންޓް ފަންޑު (ޕީއައިއެފް)އިން އެ ކްލަބަށް އަހައްމިއްޔަތުކަންދޭ މިންވަރު ކުޑަވުމުންކަމަށް ބުނެއެވެ.
ޕީއައިއެފްއިން އަންނަނީ ސައުދީ ލީގުގެ 4 ކްލަބެއް ހިންގަމުންނެވެ. އެއީ އަލް ނަސްރުގެ އިތުރުން، އަލް ހިލާލް، އަލް އަހްލީ އަދި އަލް އިއްތިހާދެވެ. ރޮނާލްޑޯ ހިތްހަމަ ނުޖެހުނީ، ޖެނުއަރީ "ޓްރާންސްފާރ ވިންޑޯ"ގައި އެހެން ކްލަބުތަކަށް ޚަރަދުކުރި މިންވަރަށް، އޭނާ ކުޅެމުން އަންނަ އަލް ނަސްރަށް ޚަރަދު ނުކުރުމުންކަމަށް ރިޕޯޓުތައް ބުނެއެވެ.
ރޮނާލްޑޯގެ ހިތްހަމަ ނުޖެހުން ގުޅިފައިވަނީ، އޭނާ އަލް ނަސްރާއެކު ސައުދީ ލީގު ކާމިޔާބުކުރުމަށް ދެކެމުން އަންނަ ހުވަފެނާ ކަމުގައި ބެލެވެއެވެ. ރޮނާލްޑޯ ބަދަލުވި ފަހުން އަލް ނަސްރަށް ލީގު ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އެގޮތުން އޭނާ އުއްމީދުކުރީ، މި ފަހަރު ޓީމު އިތުރަށް ވަރުގަދަކުރުމަށް ޕީއައިއެފްއިން ޚަރަދުކުރާނެ ކަމަށެވެ.
ރޮނާލްޑޯ މިކަމާ ހިތްހަމަ ނުޖެހި ހުރުމުން، ސައުދީ ލީގުގެ އެކި ފަރާތްތަކުން ވަނީ އޭނާއަށް އަމާޒުކޮށް ބަހުގެ ހަމަލާތަކެއް ދީފައެވެ.
މިކަމާ ގުޅިގެން، ރޮނާލްޑޯއާއެކު ރެއާލް މެޑްރިޑުގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރި ޓޮނީ ކްރޫސް ބުނީ، ސައުދީ ލީގުން ރޮނާލްޑޯއަށް ޝުކުރުވެރިވާން ޖެހޭނެ ކަމަށާއި އެ ލީގުން އޭނާގެ އަގުވަޒަން ނުކުރާ ކަމަށެވެ.
ސައުދީ ލީގަކީ މީގެކުރިން މާގިނަ ބަޔަކަށް އެނގޭ ލީގެއްވެސް ނޫން ކަމަށާއި އެކަން ބަދަލުވެ، އެއީ ދުނިޔޭގެ މަގުބޫލު ލީގަކަށް ހަދައިދިނީ ރޮނާލްޑޯކަމަށް ކްރޫސް ބުނެފައިވެއެވެ.
އަދި މާދަމާ ވެސް ރޮނާލްޑޯ ސައުދީ ލީގު ދޫކޮށްލައިފި ނަމަ، އެ ލީގު ބަލާނެ ބަޔަކު ދެން ނުތިބޭނެކަމަށް ބުނެ ކްރޫސް ވަނީ ސައުދީ ލީގަށް ވަރުގަދަ އިންޒާރެއް ދީފައެވެ.
ހިތްހަމަޖެހުމާއެކު ރޮނާލްޑޯ ފެށި ހަޅުތާލު ނިމުމަކަށް ގެނަސް، އަލް ނަސްރުގެ ފަރިތަކުރުންތަކާއި މެޗުތަކުގައި ބައިވެރިވާން ނިންމީ ދެ ކަމެއް ފުރިހަމަ ކޮށްދިނުމަށް އެއްބަސްވުމުންކަމަށް ރިޕޯޓުތައް ބުނެއެވެ. އެއް ކަމަކީ މިހާތަނަށް ނުދެވިހުރި ފައިސާތައް ދިނުން ކަމަށާއި އަދި އަނެއް ކަމަކީ ކުލަބުގެ ހިންގުމުގެ ނިޒާމަށް ބަދަލުކުރުންކަމަށް ވެއެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން އެއްވެސް ފަރާތަކުން ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.
އަލް ނަސްރާއެކު ރޮނާލްޑޯ ކޮންޓްރެކްޓް އައުކުރީ މިދިޔަ ޖޫން މަހުއެވެ. އައު ކޮންޓްރެކްޓުގައިވާ ގޮތުން އޭނާއަށް އަހަރަކު 245 މިލިއަން ޑޮލަރު (ގާތްގަނޑަކަށް ދުވާލަކަށް ހަ ލައްކަ ވިހި ހާސް ޑޮލަރު)ގެ މުސާރައެއްގެ އިތުރުން، އިތުރު އިނާޔަތްތަކާއި، ކްލަބުގެ 15 އިންސައްތަ ޚިއްޞާ އާއި ޕްރައިވެޓް ޖެޓްގެ ޚިދުމަތް ވެސް ދޭނެއެވެ.