ކުޅިވަރު

ކުރިއަށް އޮތީ ނިއު ރޭޑިއަންޓަށް އުއްމީދީ ސީޒަނެއް: މުޖުތަބާ

ކުރިއަށް އޮތީ ނިއު ރޭޑިއަންޓަށް އުއްމީދީ ސީޒަނެއް: މުޖުތަބާ

ނިއު ރޭޑިއަންޓްގެ ސީނިއާ ވައިސް ޗެއާމަން މުޖުތަބާ ޖަލީލު (މުޖޭ) / ފޮޓޯ: ޕީއެސްއެމް

farudhun logo

ފަރުދުން

10 ފެބްރުއަރީ 2026، 08:43

10 ފެބްރުއަރީ 2026، 08:43

ކުރިއަށް އޮތީ ނިއު ރޭޑިއަންޓަށް އުއްމީދީ ސީޒަނެއްކަމަށާއި، އަންނަ އަހަރު އެ ކްލަބުން ތައްޓަށް ވާދަކުރާނެކަމަށް އެ ކުލަބުގެ ސީނިއާ ވައިސް ޗެއާމަން މުޖުތަބާ ޖަލީލު (މުޖޭ) ވިދާޅުވެއްޖެއެވެ.

ނިއު ރޭޑިއަންޓުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުޖުތަބާ ވިދާޅުވީ، މި ސީޒަން އެ ޓީމަށް ފަށަން ލިބުނީ ކުޑަ ދުވަސްކޮޅެއް ކަމަށެވެ. އެގޮތުން ސީޒަން ފެށިއިރު ނިއުރޭޑިއަންޓް ކުޅޭނީ ކޮން ޑިވިޝަނެއްގައިކަން ވެސް ނޭންގޭ ޙާލަތެއްގައިކަން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ކުލަބު ފުރަތަމަ ތައްޔާރުވެފައި އޮތީ 2 ވަނަ ޑިވިޝަނުގައި ކުޅޭ ޓީމެއް ގޮތަށް ކަމަށެވެ.

"ވަރަށް ހަނި ފުރުސަތަކާއި އެއްކޮށް އަޅުގަނޑުމެންނަށް ގާތްގަނޑަކަށް މަހެއްހާ ދުވަސް ލިބުނީ ތައްޔާރުވާން ސީޒަނަން. އެހެންވީމަ އެގަޑީގަ ދެން ތިބި ހުރިހާ ކުލަބުތަކުން ހުރީ ކުޅުންތެރިންނާ އެއްކޮށް ކޮންޓްރެކްޓް ހެދި ކުޅުންތެރިންނާއެކު ޕްރެކްޓިސް ކުރަން ފެށިފަ" މުޖުތަބާ ވިދާޅުވިއެވެ.

މުޖުތަބާ ވިދާޅުވީ ނިއުރޭޑިއަންޓަށް ޖެހުނީ ވަރަށް މަސައްކަތުން ޓީމެއް އެކުލަވާލައިގެން ޓީމު ތެރެއިން އިތުރު ކުޅުންތެރިން އުފައްދައިގެން ޓީމެއް ހަމަކުރަން ކަމަށެވެ. ވަރަށް ބޮޑު އުނދަގޫތަކެއްގެ ތެރެއިން ޓީމެއް އުފައްދަން ޖެހުނަސް އެއީ އެ ކުލަބަށް ލިބުނު ވަރަށް ބޮޑު ފުރުސަތެއް ކަމަށްވެސް މުޖުތަބާ ވިދާޅުވިއެވެ. އެއީ ނިއުގެ ސީނިއާ ޓީމަށް ލިބުނު ހުރިހާ ކުޅުންތެރިންނަކީވެސް ފުޓުބޯޅައިގެ ތެރޭގައި އުޅޭ ކުޅުންތެރިންނަށް ވުން ކަމަށެވެ. އަދި އަތޮޅުތެރޭގައި ތިބި މޮޅު ކުޅުންތެރިންނާއިވެސް ވާހަކަ ދެކެވި އެކުޅުންތެރިންގެ ބޭނުން ހިފައިގެން މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.

މީގެ އިތުރުން މުޖުތަބާ ވިދާޅުވީ ދިވެހި ޕްރިމިއާ ލީގަށް ނިކުތްއިރު އެހެން ކުލަބުންތަކުން ވީވަރަށް ތައްޔާރުވާނެ ފުރުސަތު ލިބުނު ނަމަ ނިއުއަކީ ލީގު 2 ވަނައިގައި ނިންމާލެވޭނެ ޓީމެއް ކަމަށެވެ.

ނިއުގެ ފެންވަރު މަތިކުރުމަށް ވަރަށް ބޮޑެތި މަސައްކަތްތައް ކުރަމުން އަންނަކަން ފާހަގަކުރައްވާ މުޖުތަބާ ވިދާޅުވީ ޓީމަށް ތަފާތުތަކެއް ގެނެވޭނެ ގޮތްތައް އެނަލައިޒްކޮށް ދެނެގަންނަން މެނޭޖްމެންޓާއި އެ ކުލަބުގެ އައު ޓެކްނިކަލް ޑައިރެކްޓަރާއި އެއްކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ފާހަގަ ކުރެއްވިއެވެ. އެ ކުލަބުން ވަނީ ޖެނުއަރީން ފެށިގެން ސްޕެއިންގެ ތަޖުރިބާކާރު ކޯޗެއް ކަމަށްވާ އަންދްރޭސް ފްރާންސެސްކޯ މެނުއެލް ހަމަޖައްސާފައެވެ.

އޭނާގެ އިރުޝާދުގެ ދަށުން ކުލަބުގެ މަސައްކަތްތައް ކުރިޔަށް ގެންދަން ފަށާފައިވާއިރު އައު ސީޒަނަށް ނިކުންނައިރު، އޭ ޓީމުގެ ކުޅުންތެރިއަކަށް އަނިޔާވެގެން ނުކުޅެވޭ ހާލަތެއް މެދުވެރިވިޔަސް ބީ ޓީމުން ކުޅުންތެރިއެއް ނުހޯދާ ދަނޑުމައްޗަށް ނެރެވޭނެ ޓީމެއް އެކުލަބުގައި އޮންނާނެ ކަމަށް މުޖުތަބާ ވިދާޅުވިއެވެ.

އަދި ޕްރެޒިޑެންޓްސް ކަޕްގައި އެކުލަބު ނިކުންނާނީ ކުރިން ހެދުނު ކުދި ކުދި ގޯސްތައް ފުރުސަތުތަކަކަށް ބަދަލުކުރެވޭނެ މަގު ދައްކައިދީގެން ކުޅުންތެރިން ތައްޔާރުކޮށްގެން ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450