ޚަބަރު
ސަރުކާރުގެ ރޯދަހަދިޔާ: މަސްދަޅު ކޭސް ދޫކުރާ އެންމެ ފަހު ތާރީޚަކީ މި މަހުގެ 11
ރޯދަހަދިޔާ މަސްދަޅު ބެހުން. ފޮޓޯ: ފަރުދުން
މާލެ ސަރަޙައްދުގައި ސަރުކާރުން ދޫކުރާ ރޯދަހަދިޔާ މަސްދަޅު ކޭސް ދޫކުރުން ކުރިއަށް ދާނީ މިމަހުގެ 11 ވަނަ ދުވަހާ ހަމައަށް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ރަމަޟާން މަހަށް ދިވެހި ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތަކެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މާލެ ސަރަޙައްދުގައި މަސްދަޅު ކޭސްތައް ދޫކުރަމުން ދާނީ މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި އެދުވަހުގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެޔަކު 8:30 އިން 11:00 އަށް މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.
މިހާތަނަށް މާލެ ސަރަޙައްދުގައި ޖުމްލަ 43,923 މަސްދަޅު ކޭސް ވަނީ ދޫކޮށްފައެވެ. މާލެ ސަރަޙައްދުގައި ރަޖިސްޓްރީ ކޮށްފައިވާ ޑޮމެސްޓިކް މީޓަރުތަކުގެ އަދަދަކީ 65,230 އެވެ. ސަރުކާރުން މަސްދަޅު ދޫކުރަނީ ކޮންމެ ޑޮމެސްޓިކް މީޓަރަކީ ގޭބިސީއެއް ކަމަށް ބަލައިގެންނެވެ. އަތޮޅުތެރޭގެ ގިނަ ރަށްރަށުގައިވެސް މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ރަށްރަށުގައި މި މަސައްކަތް ކުރިއަށް ގެންދަނީ އެ ރަށެއްގެ ކައުންސިލްތަކުންނެވެ.
މާލޭ ސަރަޙައްދުގައި ޖުމްލަ 14 މަރުކަޒަކުން މަސްދަޅު ކޭސް ދޫކުރަމުންދާއިރު، ކޮންމެ ރެއަކު 300 ޓޯކަންއަށް މަސްދަޅު ކޭސް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މަސްދަޅު ކޭސް ހޯދުމަށް ބޭނުންވާ ޓޯކަން ލިބޭނީ https://roadhahadhiya.mv/dv ޕޯޓަލް މެދުވެރިކޮށެވެ. ކޮންމެ ކަރަންޓް މީޓަރަކަށް މަސްދަޅު ކޭހެއް ދޫކުރާނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވަނީ، ފަހު ވަގުތަށް މަޑުނުކޮށް ވީހާވެސް އަވަހަށް މަސްދަޅު ކޭސް ބަލައި ދިޔުމަށް ޢާންމުންނަށް އިލްތިމާސްކޮށްފައެވެ. މާލެ ސަރަޙައްދުގައި މަސްދަޅު ކޭސް ދޫކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ.