ޚަބަރު
ދެ އިންތިޚާބު އެއްކޮށްލުމާ ގުޅޭ ބިލު ކޮމެޓީން ފާސްކޮށްފި
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 6 ވަނަ ބައްދަލުވުން / ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ޤާނޫނު އަސާސީއަށް އިސްލާހުކުރަން ހުށަހަޅާފައިވާ ބިލު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މި ބިލަކީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލެކެވެ. ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅި ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވަންޖެހޭ އިންތިޚާބުތައް އެކުގައި ބާއްވަން ކަނޑައެޅުން ކަމަށެވެ. އަދި ބިލާއެކު މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު އިސްލާޙު ކުރެވޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
މި ބިލު ދިރާސާކޮށް ނިންމުމަށްފަހު މިއަދު އޮތް ކޮމެޓީ ބައްދަލުވުމުގައި ވަނީ ބިލަށް ވޯޓަށް އަހާފައެވެ. މި ބައްދަލުވުމުގައި ކޮމެޓީގެ 11 މެންބަރުންގެ ތެރެއިން 7 މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިއަދު އޮތް ކޮމެޓީގެ ބައްދަލުވުމުގައި، ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ 6 މެންބަރުންނާއި އެމްޑީޕީގެ މެންބަރަކު ބައިވެވަޑައިގެންނެވިއިރު، ބިލު ފާސްކުރީ ހާޒިރުވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
މި ބިލު ދިރާސާކުރުމުގެ މަރުހަލާގެ ތެރެއިން، ބަންޑާރަ ނައިބާއި އިލެކްޝަން ކޮމިޝަން އަދި ސިޔާސީ ޕާޓީތަކުގެ ޚިޔާލު ހޯދާފައި ވެއެވެ.
މި ބިލުގައިވާ ގޮތުން މަޖިލީހުގެ އިންތިޚާބު ކުރިއަށް އޮތްތަނުގައި ބާއްވާނީ، ޤާނޫނު އަސާސީގެ 110ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވާ އިންތިޚާބާ އެކުގައެވެ. އަދި މަޖިލީހުގެ އުމުރަކީ، ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 5 އަހަރު ދުވަހުގެ މުއްދަތެއް ކަމަށާއި، އެ މުއްދަތު ހަމަވުމުން މަޖިލިސް އުވޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އުމުރު 1 ޑިސެމްބަރ 2028 އަށް ހަމަވާނެ ކަމަށާއި، އެ ތާރީޚަށް އިންތިޚާބު ބާއްވައި މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ޖެހޭނެ ކަމަށްވެސް ޤާނޫނު އަސާސީއަށް ގެންނަ އިސްލާޙުގައި ވަނީ ބަޔާންކޮށްފައެވެ. މިއާއެކު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރު ވެގެންދާނެއެވެ. މިހާރު ޤާނޫނު އަސާސީގައިވާ ގޮތުން 20 ވަނަ މަޖިލީހުގެ އުމުރު ހަމަވާނީ 2029 ވަނަ އަހަރުގައެވެ.
ދެ އިންތިޚާބުގެ ދޭތެރޭގައި ހޭދަވާ ކުރު މުއްދަތުގެ ސަބަބުން ދައުލަތުން ކުރަންޖެހޭ ޚަރަދު ބޮޑުވުމުގެ އިތުރުން، އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުންނާއި، ސިޔާސީ ޕާޓީތަކާއި، ކެންޑިޑޭޓުން އަދި ވޯޓުލާ މީހުންނަށްވެސް ބުރައަކަށް ވެގެންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ ހާމަކޮށްފައެވެ. އެހެންވެ ދެ އިންތިޚާބު އެކުގައި ބޭއްވުމަށް ކުރީގެ ސަރުކާރުތަކަށްވެސް ޚިޔާލު ހުށަހެޅި ކަމަށް މީގެކުރިން އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.