ޚަބަރު
ހުޅުމީދޫ މިފްކޯ ބަނދަރުގެ މަސައްކަތް އަންނަ އޭޕްރީލް މަހަށް ނިމޭނެ: އެމްޓީސީސީ
ހުޅުމީދޫ މިފްކޯ ބަނދަރު / ފޮޓޯ: ޕީއެސްއެމް
ފަރުދުން
07 ފެބްރުއަރީ 2026، 05:17
07 ފެބްރުއަރީ 2026، 05:17
އައްޑޫ ފިޝަރީޒް ކޮންޕްލެކްސްއިން ބޭނުން ކުރަމުންދާ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް އޭޕްރީލް މަހުގެ ނިޔަލަށް ނިމޭނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ހާމަކޮށްފިއެވެ.
އެމްޓީސީސީއިން ހާމަކޮށްފައިވާ ގޮތުގައި، އައްޑު އަތޮޅު ހުޅުމީދޫގައި އޮންނަ މި ބަނދަރުގެ 90 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
މިމަޝްރޫޢުގެ ދަށުން، 471,380 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 1,788 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި 97 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުމުގެ މަސައްކަތް ކުރާނެއެވެ. މި މަޝްރޫއަކީ 68.8 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ.
މި ބަދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ފަށާފައިވަނީ 2019ވަނަ އަހަރެވެ. އެ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ފަށާފައި ވަނީ ބަނދަރުގެ ހާލަތު އޮތް ގޮތުން މަސްކިރުވުމުގައާއި، ބަނދަރަށް ބޮޑެތި ބޯޓުތަކަށް ވަދެ އުޅުމުގައި ދަތިވެގެންނެވެ.
ޕޭމަންޓު އެޅުމުގެ މަސައްކަތް. ޕޭމަންޓާއެއްކޮށް ރޭމްޕު އެޅުން ކުރިއަށް ދަނީ. 90 އިންސައްތަ މަސައްކަތް ވަނީ ނިމިފައި. އުންމީދަކީ ދެމަސް ތިންމަސް ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރުން.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އައްޑޫ ސައިޓް މެނޭޖަރ ޖަވާދު އަލީ ވިދާޅުވިއެވެ.
މި މަސައްކަތް ނިމުމާއެކީ، އައްޑޫ ފިޝަރީޒް ކޮންޕްލެކްސްގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ. އަދި ގަންނަ މަސް އެކްސްޕޯޓް ކުރުމާއި، މަސް އެހެންތަނަކަށް ބަދަލު ކުރަންޖެހުނު ނަމަވެސް އެކަން ކުރަންވެސް ފަސޭހަވާނެކަމަށް ވިދާޅުވިއެވެ.
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަކީ 1500 މެޓްރިކް ޓަނުގެ މަސް ރައްކާކުރެވޭ ގޮތަށް ޤާއިމުކޮށްފައިވާ ތަނެކެވެ.