Ads by Stelco

ޚަބަރު

ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގައި ދޫކޮށްލި ކަނޑުގެ ސަރަޙައްދު ހިމެނުމަށް ދިވެހި އަސްކަރިއްޔާއިން ނިންމައިފި

ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގައި ދޫކޮށްލި ކަނޑުގެ ސަރަޙައްދު ހިމެނުމަށް ދިވެހި އަސްކަރިއްޔާއިން ނިންމައިފި

ދިވެި އަސްކަރިއްޔާގެ އުޅަނދެއް---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

05 ފެބްރުއަރީ 2026، 05:46

05 ފެބްރުއަރީ 2026، 05:46

ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަޙައްދަކީ، ދޫކޮށްލި ކަނޑުގެ ސަރަޙައްދު ހިމެނޭ ގޮތަށް، ޤާނޫނުގައި މިހާރު ވެސް ކަނޑައަޅާފައިވާ ސަރަޙައްދުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވާފައިވާތީ، ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގައި ދިވެހި އަސްކަރިއްޔާއިން ކުރަމުންގެންދާ މަސައްކަތުގައި އެ ސަރަޙައްދު ބެލެހެއްޓުމަށް ނިންމާފައިވާކަމަށް ދިފާއީ ވުޒާރާއިން ހާމަކޮށްފިއެވެ.

ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ސަރަޙައްދުތަކަށް އެއްވެސް ބަދަލެއް އައިސްފައިވާކަމަށް ދިވެހި ދައުލަތުން ބަލައިނުގަންނަކަމަށް 2026ވަނަ އަހަރުގެ ރިޔާސީ ބަޔާން ހުށަހަޅުއްވަމުން ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިޢުލާންކުރައްވާފައިވާތީ، ދިވެހިރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުކަމުގައި ބަލާނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާއި ބެހޭ ޤާނޫނުގައި ބަޔާންކުރާ ސަރަޙައްދު ކަމުގައިކަމެވެ. 

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާއި ބެހޭ ޤާނޫނުގައި ބަޔާންކުރާ ގޮތުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދަކީ، ދިވެހިރާއްޖޭގެ ވަށައިގެންވާ ކަނޑުގެ 200 ނޯޓިކަލް މޭލު ފުޅާ ސަރަޙައްދެކެވެ. އަދި އެ ސަރަޙައްދު ރައްކާތެރިކޮށް ބެލެހެއްޓުމަކީ ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތުތަކުގެ ތެރޭގައި ހިމެނޭ ކަމަކަށްވީހިއްދު، އެ މަސްއޫލިއްޔަތު އަދާކުރުމުގައި ދިވެހި އަސްކަރިއްޔާއިން ދެމިތިބޭނެކަމަށް ވަނީ އެ ބަޔާނުގައި ހާމަކޮށްފައެވެ. 

ދިވެހިރާއްޖޭގެ ސިޔާދަތާ ގުޅިފައިވާ ފޯޅަވަހީގެ މައްސަލަޔާ ގުޅިގެން ވެސް މިއަދު އިއްވެވި ރިޔާސީ ބަޔާކުބައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ. އެ މަނިކުފާނު ވިދާޅުވީ، މޮރިޝަސްގެ ރައީސަށް ކުރީގެ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ފޮނުއްވި ސިޓީފުޅު އަނބުރާ ގެނައުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފޯޅަވަހި މޮރިޝަސްއަށް ދިނުމާ ދެކޮޅަށް، ރާއްޖޭން 18 ޖަނަވަރީ 2026ގައި އިނގިރޭސިވިލާތަށް އިއުތިރާޒު ހުށަހަޅައިފައިވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި 15 ޑިސެންބަރު 2025 ގައި އިނގިރޭސިވިލާތުގެ ޑެޕިޔުޓީ ޕްރައިމް މިނިސްޓަރ، ދަ ރައިޓް އޮނަރަބްލް ޑޭވިޑް ލެމީއާއެކު ކުރިއަށްގެންދެވި ފޯން ކޯލެއްގައިވެސް، މި ކަމުގައި ދިވެހި ސަރުކާރުން އިނގިރޭސި ވިލާތުގެ ސަރުކާރާއެކު މަޝްވަރާކުރަން ބޭނުންވާކަމަށް ދަންނަވާފައިވާކަމަށެވެ. 

އެ މަނިކުފާނު އިތުރަށް ވިދާޅުވީ، "ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އޮފީސް" ޤާއިމުކުރައްވައި، ނިމިދިޔަ ސަރުކާރުން ނިންމަވާފައިވާ ބައެއް ނިންމެވުންތަކުގެ ސަބަބުން ދިވެހި ދައުލަތަށް އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް މައްސަލައިގައި ޢައްޔަނުކުރެވުނު ބައިނަލްއަޤްވާމީ މާހިރުންގެ ލަފާ ލިބިފައިވާތީ، އެ ނިންމެވުންތައް ނިންމެވި ފަރާތްތަކާ ސުވާލުކޮށް އެނިންމެވުންތައް ނިންމަވާފައިވާ ސަބަބުތައް ދެނެގަތުމަށާއި، އެކަންކަމާ ގުޅިގެން ޤާނޫނީ ފިޔަވަޅު އަޅަންޖެހޭނަމަ އެކަންކުރުމަށާއި އަދި އެފަދަ ކަންކަން ތަކުރާރު ނުވާނެގޮތަކަށް ކަންކަން އެކަށައެޅުމަށް ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން "ކޮމިޝަން އޮފް އެންކުއަރީ" އެއް އުފެއްދުމަށް ނިންމަވާފައިވާކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450