ޚަބަރު
ކެންސަރަށް ޚާއްސަ ސެންޓަރުގެ އަމަލީ މަސައްކަތް މިއަހަރު މެދުތެރޭގައި ފަށަނީ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
މިއަހަރުގެ މެދުތެރޭގައި ކެންސަރު ބައްޔަށް ޚާއްސަ ޑައިގްނޯސްޓިކް ސެންޓަރެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ސިއްޙީ ދާއިރާއިން ސަރުކާރުން މިއަހަރު ކުރުމަށް ހަމަޖެހިފައިވާ މުހިންމު މަޝްރޫޢުތަކުގެ ތަފްޞީލު ހިއްސާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ސެންޓަރުގެ ސަބަބުން ކެންސަރު ބަލި ދެނެގަތުމަށާއި ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށެވެ. ޚާއްސަކޮށް، ރާއްޖޭގައި މިވަގުތު ކެންސަރު ބައްޔަށް ނުދެވޭ ހަމައެކަނި ފަރުވާ ކަމުގައިވާ ރޭޑިއޭޝަން ތެރަޕީ ދިނުމަށް ޚާއްސަ ޗެމްބަރެއް މި ސެންޓަރުގައި ހިމެނޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ކެންސަރު ބައްޔަށް ފަރުވާދިނުމަށް ބޭނުންވާ ރޭޑިއޭޝަން ޗެމްބަރެއް ޤާއިމުކުރުން ހިމެނޭހެން ޑައިގްނޯސްޓިކް ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށިގެންދާނެ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ ސިއްޙީ ނިޒާމަށް ގެނެވޭ މުހިންމު ބަދަލެކެވެ. ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް ޚާއްސަ ހޮސްޕިޓަލެއް ބިނާކުރުމަށްޓަކައި ހުޅުމާލެއިން ބިމެއް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. މި ސެންޓަރު ގާއިމުވުމާއެކު، ކެންސަރު ބަލީގެ ފަރުވާއަށް ރާއްޖޭން ބޭރަށް ދާންޖެހޭ ދިއުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.