Ads by Stelco

ޚަބަރު

އިއާދަކުރަނިވި ހަކަތައިގެ މިންވަރު 220 މެގަވޮޓަށް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއް: ރައީސް މުޢިއްޒު

އިއާދަކުރަނިވި ހަކަތައިގެ މިންވަރު 220 މެގަވޮޓަށް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއް: ރައީސް މުޢިއްޒު

އިޔާދަ ކުރަނިވި ހަކަތަ ޤާއިމުކުރަނީ ފޮޓޯ: ވިޒިޓް މޯލްޑިވްސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

05 ފެބްރުއަރީ 2026، 11:49

05 ފެބްރުއަރީ 2026، 11:49

ސަރުކާރުގެ މިހާރުގެ އަމާޒަކީ ރާއްޖޭގައި އުފައްދާ އިއާދަކުރަނިވި ހަކަތައިގެ މިންވަރު ދެގުނަކޮށް، 220 މެގަވޮޓަށް އިތުރުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ. ރައީސްގެ ބަޔާނުގައި ރާއްޖޭގެ ހަކަތައިގެ ސިޔާސަތަށް އިންޤިލާބީ ބަދަލުތަކެއް ގެންނަވާނެކަން އިޢުލާން ކުރެއްވިއެވެ. އެގޮތުން، މިހާރު ކަނޑައަޅާފައިވާ އަމާޒަކީ 2028 ވަނަ އަހަރު އަންނައިރު ރާއްޖޭގެ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުން ކަމަށާއި، މިހާރު ކަނޑައަޅާފައިވާ 220 މެގަވޮޓަކީ އެ އަމާޒަށް ވާސިލްވުމަށް ބޭނުންވާ މިންވަރުގެ 50 އިންސައްތަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް އެންމެ ބޮޑު ހޭދައެއް ކުރަންޖެހެނީ ބޭރުން ތެޔޮ އެތެރެކުރުމަށް ކަމަށެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި އަހަރަކު 443.6 މިލިއަން ޑޮލަރުގެ ޑީސަލް ރާއްޖެއަށް އެތެރެކުރާއިރު، މީގެ ބޮޑު ބަޔަކީ ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ތެޔޮކަން ރައީސް ފާހަގަކުރެއްވިއެވެ. "ހަކަތަ އުފެއްދުމަށް މިހާ ބޮޑަށް ޑީސަލަށް ބަރޯސާވެފައި އޮތުމަކީ ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަމަށް ނުވަތަ އެނަރޖީ ސެކިއުރިޓީއަށް އޮތް އެންމެ ބޮޑު ނުރައްކާ،" ރައީސް ވިދާޅުވިއެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު ހުރީ އެންމެ 4 އިންސައްތައިގައި ނުވަތަ 53 މެގަވޮޓްގައެވެ. ނަމަވެސް ވޭތުވެދިޔަ ކުރު މުއްދަތުގެ ތެރޭގައި ކުރެވުނު މަސައްކަތުން މި އަދަދު މިހާރު 110 މެގަވޮޓަށް އިތުރުކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ކުރީގެ ސަރުކާރުތަކުން އެކަށީގެންވާ ސަމާލުކަމެއް ދީފައިނުވާ ދާއިރާއެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

މި އަމާޒަށް ވާސިލްވުމަށްޓަކައި މާލެ ސިޓީއާއި ރާއްޖޭގެ އެކި ރަށްތަކުގައި އިއާދަކުރަނިވި ހަކަތައިގެ ތަފާތު މަޝްރޫޢުތައް ހިންގުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫޢުތަކުގެ ސަބަބުން އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަވެ، ބޭރު ފައިސާ ރާއްޖޭގައި ހިފެހެއްޓުމަށް މަގުފަހިވެގެންދާނެއެވެ. މިއީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި، އިޤްތިސާދީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450