ޚަބަރު
އީއީޒެޑް ގެއްލުނު ބައި ހޯދުމަށްޓަކައި ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ސަރުކާރުން ރަސްމީކޮށް ފަށައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުން (އީއީޒެޑް) ގެއްލުނު ބައި ހޯދުމަށްޓަކައި ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ސަރުކާރުން ރަސްމީކޮށް ފަށާފައިވާކަމަށާއި، އެ ނިންމުން ނިންމުމުގައި އިހުމާލުވި ފަރާތްތަކާ ސުވާލުކޮށް ޤާނޫނީ ފިޔަވަޅު އެޅުމަށް "ކޮމިޝަން އޮފް އިންކުއަރީ" އެއް އުފެއްދެވުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފޯޅަވައްސަކީ ދިވެހިރާއްޖޭގެ އިމުގެ ބައެއްކަން ތާރީޚީ ގިނަ ލިޔެކިޔުންތަކުން ސާބިތުވާން އޮތް ކަމަށެވެ. އެގޮތުން، ފޯޅަވަހީގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަށް ދިވެހި ދައުލަތުން އިއުތިރާޒުކޮށް، އެކަމާ ދެކޮޅު ހަދާކަން 18 ޖެނަވަރީ 2026 ގައި އިނގިރޭސިވިލާތަށް ލިޔުމުން ހުށަހަޅާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، މިދިޔަ އަހަރުގެ ޑިސެންބަރު މަހު އިނގިރޭސިވިލާތުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ދަ ރައިޓް އޮނަރަބަލް ޑޭވިޑް ލެމީއާއެކު ބޭއްވެވި ފޯނު ކޯލެއްގައިވެސް މި މައްސަލަ ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖޭގެ ދެކުނުން ބޮޑު ބައެއް ގެއްލޭ ގޮތަށް އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމި ނިންމުން ދިރާސާކޮށް، އެ ސަރަޙައްދު އަނބުރާ ހޯދުމަށް 19 ނޮވެންބަރު 2023 ގައި ބަންޑާރަ ނައިބަށް އަންގަވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި މަސައްކަތަށް އެކުލަވާލި ތިން މެންބަރުންގެ ވިލަރެސް ކޮމިޓީގެ ރިޕޯޓު 22 ޖަނަވަރީ 2026 ގައި ރައީސަށް ހުށަހަޅާފައިވާއިރު، އެ ރިޕޯޓުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރި ކެބިނެޓް ކަރުދާސް 25 ޖަނަވަރީ 2026 ގައި ވަނީ ހުށަހަޅާފައެވެ. ރައީސް ވިދާޅުވި ގޮތުގައި، ކެބިނެޓުން ނިންމާފައިވަނީ ޤާނޫނީ މާހިރުންގެ ލަފަޔާއެކު ދޫކޮށްލި ސަރަޙައްދު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.
22 އޮގަސްޓް 2022 ގައި ރާއްޖޭގެ ކުރީގެ ސަރުކާރުން ފޮނުވި ސިޓީގެ ސަބަބުން ރާއްޖޭގެ ސިޔާދަތީ ސަރަޙައްދުގެ ރައްކަލަށް ނޭދެވޭ އަސަރުކޮށްފައިވާކަމަށް ބައިނަލްއަޤްވާމީ މާހިރުންގެ ލަފާ ލިބިފައިވާތީ، އެ ސިޓީ އަނބުރާ ގެނައުމަށް ނިންމިކަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކުރިފުޅުމަތީގައި އިޢުލާނުކުރަން، ރައީސް
އަދި ރާއްޖޭގެ އާކިޕެލިޖިކް ބޭސްޕޮއިންޓްތަކަށް ރިއާޔަތްކޮށް، ދޫކޮށްލި ސަރަޙައްދު ހިމެނޭ ގޮތަށް ރާއްޖޭގެ އީއީޒެޑް ކަނޑައެޅުމަށް ޤާނޫނަށް ބަދަލު ގެންނާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ސަރަޙައްދާއި ބޭސްލައިން ކަނޑައެޅުމުގެ ކަންކަން ބެލުމަށް ޚާއްސަ އިދާރާއެއް ޤާއިމުކުރައްވާނެ ކަމަށެވެ. އަދި ޤައުމަށް ލިބުނު މި ބޮޑު ގެއްލުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތަކާ ސުވާލުކޮށް، ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން "ކޮމިޝަން އޮފް އިނކުއަރީ" އެއް އުފައްދަވައިގެން ޤާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
މޮރިޝަސްގެ ވެރިރަށް ޕޯޓް ލުއީއާ ފޯޅަވައްސާ ދެމެދު 1,300 މޭލު ހުންނައިރު، ރާއްޖޭގެ މާލެއާ ފޯޅަވައްސާ ދެމެދު ހުރީ އެންމެ 310 މޭލެވެ. ތާރީޚީ ގޮތުން ބަލާއިރު، 16 ވަނަ ގަރުނުގެ ދިވެހި ރަސްކަލެއްގެ ފަތްކޮޅަކުން ފޯޅަވަހީގެ މައްޗަށް ދިވެހި ދައުލަތުގެ ބާރު އޮތްކަން އެނގެން އޮތްއިރު، އެ ރަށްތަކުން ފެނިފައިވާ ދިވެހިބަހުން ލިޔެފައިވާ މަހާނަގާތަކާއި، ފޯޅަވަހީގެ އަސްލު ވަޒަންވެރިންގެ ޑީއެންއޭއިން ފެންނަ ދިވެހި ނަސްލުގެ ހިއްސާއަކީ މި ގުޅުމުގެ ދިរިހުރި ހެކިތަކެކެވެ. ރައީސް މުޢިއްޒު ވިދާޅުވީ ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ދެމެހެއްޓުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ސަރުކާރުން ކުރައްވާނެ ކަމަށެވެ.