Ads by Stelco

ޚަބަރު

ކުޑަކުދިން ލައްވައި ކުށްކުރުވާ މީހުންނަށް ޤާނޫނީ ގޮތުން ދެވޭނެ އެންމެ ހަރުކަށި އަދަބު ދޭނަން: ސީޕީ ނަވީން

ކުޑަކުދިން ލައްވައި ކުށްކުރުވާ މީހުންނަށް ޤާނޫނީ ގޮތުން ދެވޭނެ އެންމެ ހަރުކަށި އަދަބު ދޭނަން: ސީޕީ ނަވީން

ކޮމިޝަނަރ އޮފް ޕޮލިސް ނަވީން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 ފެބްރުއަރީ 2026، 09:22

04 ފެބްރުއަރީ 2026، 09:22

ކުޑަކުދިން ލައްވައި ކުށްކުރުވާ މީހުންނަށް ޤާނޫނީ ގޮތުން ދެވޭނެ އެންމެ ހަރުކަށި އަދަބު ކަނޑައެޅުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން ދެއްވައިފިއެވެ.

ސީޕީ މިފަދަ ޔަގީންކަމެއް ދެއްވީ ކުޑަކުއްޖަކު މެދުވެރިކޮށް މަސްތުވާތަކެތި އުފުލައި، އެ ކުއްޖާ އެކްސްޕްލޮއިޓް ކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސީޕީ ނަވީން ވިދާޅުވީ، ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށް، އެކުދިންނަށް ރައްކާތެރި އަމާން މުޖުތަމައެއް ބިނާކޮށްދިނުމަކީ ދައުލަތުގެ އެންމެ މުހިންމު އެއް މަސްއޫލިއްޔަތު ކަމަށެވެ. އަދި ކުޑަކުދިން ލައްވައި ކުށްކުރުވުމާއި، އެކުދިންގެ ނަހަމަ ފައިދާ ނަގާ އެއްވެސް ފަރާތަކަށް ދޫދިނުމެއް ނެތި ފުލުހުންގެ ޚިދުމަތުން މައްސަލަތައް ބަލައި، އެންމެ ހަރުކަށި އަދަބު ދިނުމަށް މަސައްކަތް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސީޕީ އިތުރަށް ވިދާޅުވީ، "މިއީ މުޅި މުޖުތަމައުގެ ބައިވެރިވުން ބޭނުންވާ، އަޅުގަނޑުމެން އެންމެންގެ އިޖުތިމާއީ ޒިންމާއެއް. ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރަމާ ހިންގަވާ،" ކަމަށެވެ.

މިފަދަ އަމަލުތައް ރާވައި ހިންގާ ފަރާތްތަކުގެ މައުލޫމާތު ލިބިފައިވާނަމަ، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަންބަރު 9790163އަށް ނުވަތަ 911އަށް ގުޅައި ހިއްސާކުރުމަށްވެސް ސީޕީ އެދިވަޑައިގެންނެވިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ މާލެއަށް ނިސްބަތްވާ 28 އަހަރުގެ ޙަސަން ނުޢާޒު އާއި 39 އަހަރުގެ އަޙްމަދު ނަޢީމެވެ. މި ދެމީހުންގެ މައްޗަށް ކުރެވެނީ ކުޑަކުއްޖަކު ބޭނުންކޮށްގެން މަސްތުވާތަކެތި އުފުލައި، އެ ކުއްޖާގެ ނާޖާއިޒު ފައިދާ ނެގި ކަމުގެ ތުހުމަތެވެ.

ކުޑަކުދިން "ގްރޫމް" ކޮށްގެންނާއި، އެކުދިންގެ މަޖުބޫރުކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން މަސްތުވާތަކެއްޗާއި، ގޭންގް ކުށްތަކާއި، ޖިންސީ ގޯނާގެ އަމަލުތަކުގައި ކުޑަކުދިން ބައިވެރިކުރުވާ ފަރާތްތަކާމެދު ފުލުހުން ދަނީ ހާއްސަ އިސްކަމެއް ދީގެން ފިޔަވަޅު އަޅަމުންނެވެ. މިފަދަ ފަރާތްތައް ދެނެގަނެ، ގާނޫނީ ގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450