ޚަބަރު
ކަރެކްޝަންގެ އައު ފްރަންޓް އޮފީހެއް ހުޅުމާލޭގައި ހުޅުވައިފި
ކަރެކްޝަންގެ އައު ފްރަންޓް އޮފީސް ހުޅުވުން / ފޮތޯ: ކަރެކްޝަންސް
ފަރުދުން
04 ފެބްރުއަރީ 2026، 11:06
04 ފެބްރުއަރީ 2026، 11:06
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގެ އައު އޮފީހެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.
ހުޅުމާލޭ ޖަލު ސަރަޙައްދުގައި ޤާއިމްކޮށްފައިވާ މި އޮފީސް ހުޅުއްވައިދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާނެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރާއި އެ ޚިދުމަތުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި އޮފީސް ހުޅުވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ، މިއީ ރައްޔިތުންނަށް ކަރެކްޝަންސްއިން ފޯރުކޮށްދޭ ހުރިހާ ޚިދުމަތެއް އެއްތަނަކުން ފަސޭހަކަމާއެކު ލިބިގެންދާނެ އޮފީހެއް ކަމަށެވެ. އަދި މިއީ ކަރެންޝަންގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނާއި އެ ގައިދީން އާއިލާތަކަށް ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ވީހާވެސް ގާތުން ފޯރުކޮށްދެވޭނެ ތަނެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އަދި އެތަނުން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ޑިޖިޓަލް ޚިދުމަތްތަކެއް ކަމަށާއި، އެއީ މޯލްޑިވްސް 2.0 ސިޔާސަތުގެ ދަށުން، އެއް ތަނަކުން ޚިދުމަތްތައް ފަސޭހަކަމާއެކު ރައްޔިތުންނަށް ލިބިގެންދާނެ ތަނެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ.
ކަރެކްޝަންސްގެ ފްރަންޓް އޮފީހަކީ ގައިދީންނާއި ކަރެކްޝަންސްގެ މުވައްޒަފުންގެ މަސައްކަތުން ބިނާކޮށްފައިވާ ތަނެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ އެއީ ގައިދީންގެ ރިހެބިލިޓޭޝަން މަސައްކަތުގެ ބައެއް ކަމަށެވެ.
އަލަށް ހުޅުވި ކަރެކްޝަންސްގެ ފްރަންޓް އޮފީހުން ކުށުގެ ރިކޯޑް ސާފުކުރުމާބެހޭ މަސައްކަތްތަކާއި ރިސެޕްޝަނަށް ލިބޭ ސިޓީ، މެސެޖް، ފޯމު ފަދަ ލިޔުންތައް ބަލައިގަނެ، ކަމާބެހޭ ސެކްޝަންތަކާއި ޑިވިޜަން އަދި ކޮމާންޑްތަކާ ޙަވާލުކޮށް، ރެކޯޑް ބެލެހެއްޓުމައި މައުލޫމާތު ހޯދަން އަންނަ ފަރާތްތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދޭނެއެވެ. އަދި ޤައިދީންނާއި ބަންދުގައި ތިބޭ މީހުންގެ އަންނައުނު ބަލައިގަތުމުގެ ޢުޞޫލާ އެއްގޮތަށް ކޮންމެ ހަފުތާއެއްގެ އާދީއްތަ އަދި އަންގާރަ، ދުވަހު ޢާއިލާތަކުން ގެންނަ އަންނައުނު ބަލައިގަންނާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހާމަކުރެއެވެ.